މާލެ ސިޓީގައި ހިންގަމުން އަންނަ ފިންލޭންޑް އިންޓަނޭޝަނަލް ސްކޫލަށް ދެ މީހަކު ވަދެ ލެޕްޓޮޕްތަކެއް ވަގަށް ނަގައިފި އެވެ.
ފުލުހުން ބުނީ، މިމަހުގެ 28 ވަނަ ދުވަހުގެ ހެނދުނު ދެ މީހަކު ވެގެން އެ ސްކޫލަށް ވަދެ ތިން ލެޕްޓޮޕް ވަގަށް ނެގި ކަމަށާއި، އޭގެތެރެއިން ދެ ލެޕްޓޮޕް މިހާރު ހޯދިފައިވާކަމަށެވެ.
އެ ދުވަހު އެސްކޫލަށް އެ ދެމީހުން ވަދެ ވައްކަން ކުރަމުންދަނިކޮށް އެކަން ހުއްޓުވަން އުޅުނު ފުުލުސް މީހާއަށް އަނިޔާކުރުމަށް ފަހު އެ ދެމީހުން ވަނީ ފިލާފަ އެވެ.
”ދެ މީހަކު ސްކޫލަށް ވަދެ ވައްކަން ކުރަން އުޅުމުން އެވަގުތު އެތާ ޑިއުޓީގައި ހުރި ފުލުސް މީހާ އެމީހުން ހުއްޓުވަން މަސައްކަތް ކުރުމުން، އެ ފުލުހަށް އަނިޔާކުރުމަށްފަހު އެދެ މީހުން ވަނީ ފިލައިގެން ގޮސްފައި.“ ފުލުހުން ބުނެފައި ވެއެވެ.
މި މައްސަލައާއި ގުޅިގެން އެމީހުން ހޯދުމަށް ފުލުހުން ކުރި މައްސައްކަތުން އެކަކު ހޯދައި، ކޯޓު އަމުރެއްގެ ދަށުން 29 ވަނަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައި ވަނީ ހައްޔަރުކޮށްފަ އެވެ. އެއީ، 41 އަހަރުގެ ދިވެހި ފިރިހެނެއްކަމަށާއި، އޭނާގެ ބަންދާމެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރުމަށް އަމުރެއް ނެރެދީފައިވާކަމަށް ފުލުހުން މިއަދު ބުންޏެވެ.
ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.




