އިންޑިއާގެ ދެކުނު ކެރެލާ ސްޓޭޓްގައި މިއަދު ހިނގައިދިޔަ ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާގައި މަރުވީ މީހުންގެ އަދަދު 158 އަށް އަރައިފި އެވެ.
އިންޑިއާގެ ނޫސްތަކުން ރިޕޯޓްކުރާގޮތުގައި ކެރެލާގެ ވަޔަނާންދް އަވަށުގެ މުންޑައްކައި އަދި ޗޫރަލްމަލާ ސަރަަހައްދުގައި ހިނގި ނުރައްކާތެރި ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާގައި މިހާތަނަށް 158 މީހުން މަރުވެ 220 މީހުން ވަނީ ގެއްލިފަ އެވެ.
ގިނަ މީހުން ގެއްލިފައިވަނީ މި ހާދިސާގައި ވެއްޓުނު އިމާރާތްތަކާއި ފަސްގަނޑު ދަށުގައި ތާށީވެގެންކަމަށް ރިޕޯޓްކޮށްފައިވެއެވެ. ގެއްލުނު މީހުން ހޯދުމުގެ މަސައްކަތް ރެސްކިއު ޓީމުތަކުން ކުރަމުންދާއިރު، އެ ސަރަހައްދަށް ބޯކޮށް ވާރޭވެހެމުންދާތީ ވަނީ ދަތިތަކާއި ކުރިމަތިލާންޖެހިފަ އެވެ.
ގެއްލުނު މީހުންގެ ތެރެއިން އެއްވެސް މީހަކު ދިރިހުއްޓާ ސަލާމަތްކުރެވޭތޯ އިންޑިއާގެ ކަނޑުގެ އަސްކަރިއްޔާއާއި، ވައިގެ އަސްކަރިއްޔާ އާއި ޑިޒާސްޓަރ ރެސްޕޮންޒް ފޯރސް އިން ދަނީ މަސައްކަތް ކުރަމުންނެވެ.
މިހާދިސާ ހިނގި ސަރަހައްދުން މިހާތަނަށް 3،000 މީހަކު ސަލާމަތްކޮށްފައިވާއިރު، އެމީހުންނަށް ޚާއްސަކޮށްގެން 45 ރިލީފް ކޭމްޕެއް ވަނީ ގާއިމުކޮށްފަ އެވެ.
މިހާދިސާގައި ގިނަ އަދަދެއްގެ ބްރިޖްތައް ހަލާކުވެފައިވާތީ މިވަގުތަށް އެހީ ފޯރުވުމުށާއި، އާންމުން ރައްކާތެރި ހިސާބުތަކަށް ބަދަލުވުމަށް ފަސޭހަކުރުމަށް ވަގުތީ ބްރިޖްތައް އެޅުމުގެ މަސައްކަތް ވެސް ބައެއް ޓީމުތަކުން ދަނީ ކުރަމުންނެވެ.
މިހާދިސާގައި ގިނަ އަދަދެއްގެ ދަނޑުބިންތައް ހަލާކުވުމުގެ އިތުރުން ގިނަ އަދަދެެއްގެ ގެތަކަށާއި މުދަލަށްވެސް ވަނީ ގެއްލުންވެފަ އެވެ.ކޯރުތައް ބަންޑުންވުމުގެ ސަބަބުންނާއި ކިސަޑު ފޭބުމުގެ ސަބަބުން ގިނަ ބައެއްގެ ދިރިއުޅުމަށް ވެސް ވަނީ ބުރޫ އަރާފަ އެވެ.
މިއީ، 2018 ވަނަ އަހަރު ކެރާލާ ސްޓޭޓަށް ކުރިމަތިވި ބިންގަނޑު ކަނޑައިގެން ދިޔަ ހާދިސާއަށް ފަހު އެ ސްޓޭޓަށް ކުރިމަތިވި އެންމެ ނުރައްކާތެރި ހާދިސާކަމަށް ރިޕޯޓްކޮށްފައި ވެއެވެ. އެ ހާދިސާގައި 400 މީހުން މަރުވެފައި ވެއެވެ.



