ފެނަކަ އޮޕަރޭޓް ކުރަމުންދާ ހުރިހާ ރަށެއްގެ އޮފީސް އިމާރާތްތަކާއި، އިންޖީނުގެތަކުގެ ފުރާޅުތަކުގައި ސޯލަރ ޕެނެލް ހަރުކޮށްގެން އިޔާދަކުރަނިވި ހަކަތައިގެ ބޮޑު މަޝްރޫއެއް ފަށަން ތައްޔާރުވަމުން އަންނަކަމަށް އެކުންފުނިން ބުނެފި އެވެ.
ފަނަކައިގެ ޚަރަދު ކުޑަކުރުމަށް އެކުންފުނިން ތަންފީޒުކުރަމުންދާ މަސައްކަތްތައް ހާމަކުރުމުގެ ގޮތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެކުންފުނީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރު ހުސައިން ޒުހުރީ ވިދާޅުވީ، އާ މެނޭޖްމެންޓުން ހަވާލުވީއިރު އެކުންފުނީގެ ދަރަނި އިންތިހާ ދަރަޖައަށް މައްޗަށް ގޮސްފައިވާތީ އެންމެ ކުރިންވެސް ބެލީ ޚަރަދު ބޮޑުވާ ދިމާތައް ބަލާ ޚަރަދުކުޑަކުރުމަށް އަވަސް ފިޔަވަޅުތަކެއް އެޅުމަށް ކަމަށެވެ. އެކުރެވުމުނު މަސައްކަތްތަކުން ކޮންމެވެސް ވަރަކަށް ޚަރަދު ދަށްވެ، މިއަރުގެ މިދިޔަ ކުއާޓަރގައި 7.5 މިލިއަން ރުފިޔާގެ ފައިދާއެއް ކުންފުންޏަށްވެފައިވާކަން ފާހަނގަކުރެއްވި އެވެ.
”މައިގަނޑުގޮތެއްގައި ފައިދާ މި ކޮންޓްރިބިއުޓް ކުރަނީ ޚަރަދު ކުޑަކޮށްގެން. ޚަރަދު ކުޑަކުރަން ވަރަށް ގިނަ ކަންތައްތަކެއް އެބަހުރި ކުރެވިފަ. އޭގެތެރެއިން އެންމެ ބޮޑަށް ޚަރަދު ހިނގާ ކަންތައްތައް އައިޑެންޓިފައިކޮށްފަ އެކަންތައްތަކަށް ޓާގެޓްކޮށްގެން އެކަންތައްތައް ކުޑަކުރެވޭތޯ މަސައްކަތް ކުރަމުން މިދަނީ“ ޒުހުރީ ވިދާޅުވި އެވެ.
ޒުހުރީ ވިދާޅުވީ ކުންފުނިން މީގެ ކުރިން ޚަރަދުކޮށްފައިވާ ގޮތަށް ބަލާއިރު އެންމެ ބޮޑު ޚަރަދެއް ހިނގަމުން ގޮސްފައިވަނީ ދަތުރުފަތުރުތަކަށް ކަމަށެވެ. އެހެންކަމުން އެ ޚަރަދު ކުޑަކުރުމަށްޓަކައި ދޯންޏެއް ކުއްޔަށް ހިފައިގެން ކުންފުނީގެ ދަތުުރުތައް ކުރަން ފެށުމުން އޭގެ ހެޔޮ ނަތީޖާ ފެންނަމުން ދާކަމަށް ވިދާޅުވި އެވެ.
”މިދިޔަ ކުއާޓަރަށް ބަލައިފި ކަމަށް ވަންޏާ ވަަރަށް ބޮޑަށް ޚަރަދު ކުޑަކުރެވިފައި ހުރީ. އަޅުގަނޑުމެން ހަރުދަނާ ކުރީ ޕްރޮކިއުމެންޓް ޕޮލިސީ ނުވަތަ ޕްރޮކިއުމެންޓްގެ ޕްރޮސެސްގެ ތެރެއިން މިކަންތައްތައް އެޗީވް ކުރެވުނީ. ދޯނި މިނެގީ ތަންކޮޅެއް ފަހުން. އެހެންވީމައި އަދި އޭގެ އެފެކްޓް ވަަރަށް ބޮޑަށް އަންނަ ކުއާޓަރުގައި ފެންނާނެ.“ ޒުހުރީ ވިދާޅުވި އެވެ.
ޒުހުރީ ވިދާޅުވީ ކުންފުނީގެ ޚަަރަދު ކުޑަ ކުރުމަށްޓަކައި ޕްލޭނެއްގެ ދަށުން އިތުރު ފިޔަވަޅުތައް އަޅަމުންދާކަމަށެވެ. އެގޮތުން، ފެނަކައިން އޮޕަރޭޓް ކުރަމުންދާ 157 ރަށުގައި ހުރި، ފެނަކަ އޮފީސްތަކާއި، އިންޖީނުގެތަކުގެ ފުރާޅުތަކުގައި ސޯލާ ޖެހުމުގެ ޕްރޮޖެކްޓެއް ޑިޒައިންކޮށްފައިވާކަމަށް ވިދާޅުވި އެވެ. މި ޕްރޮޖްކްޓާއެކު ގާތްގަނޑަކަށް 5.2 މެގަވޮޓްގެ ކަރަންޓް އިތުރަށް ޖެނެރޭޓްކުރެވި، ފެނަކައިން ހަމައެކަނި ޑީސެލްއަށް ކުރާ ޚަރަދުން އަހަރެއްގެ މައްޗަށް 19 މިލިއަން ރުފިޔާ ސަލާމަތްކުރެވޭނެކަމަށް ޒުހުރީ ވިދާޅުވި އެވެ.
”އެ ޕްރޮޖެކްޓް އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް ފެށިގެންދާނެ. މި ޕްރޮޖެކްޓް ކުރިޔަށް ގެންދިއުމަށް އެންވަޔަރަންމަންޓް މިނިސްޓްރީގެ އެހީތެރިކަންވެސް ލިބޭގޮތަށް ހަމަޖެހިފައި އޮތީ.“ ޒުހުރީ ވިދާޅުވި އެވެ.
ޒުހުރީ ވިދާޅުވީ މިހާރު އެކުންފުނިން ޑީސަލް ގަންނަން ކުރަމުންދާ ޚަރަދު ވަރަށް ބޮޑު ކަމަށާއި، އަދި އެ ބޭނުންކުރަމުންދާ ގޮތް މޮނިޓަރކުރުމުގައި މިހާރު އަމަލުކުރަމުންދާ ގޮތަކީވެސް އެންމެ އެކަށީގެންވާގޮތެއް ނޫންކަމުން އެކަން ރަނގަޅުކުރުމަށްވެސް ޕްލޭންތަކެއް ރާވަމުންދާ ކަމަށެވެ.
”އެންމެ ބޮޑު ޚަރަދެއް ކުރާ ކަމަކީ ޑީސެލް. ޑީސަލް މިހާރު މޮނިޓަރ ކުރެވެމުންދަނީކީ ރަނގަަޅު ގޮަތަކަށެއް ނޫން. މިހާރު އަޅުގަނޑުމެން ހަވާލުވީއިރުގައި މިފެންނަނީ ކޮންމެ ދުވަހަކު ވަރަށް މެނުއަލްކޮށް ޝީޓްތަކެއް ހަދައިގެން އުޅޭތަން. އެ އެއްޗިހި އެބޭފުޅުން އެޖަހާ ޝީޓަކީ ރަނގަޅު އަދި ދިމާވާ ޝީޓެއްކަމެއްވެސް އެނގޭނެ، މޮނިޓަރ ކުރެވޭނެ ރަނގަޅު މެކޭނިޒަމް އެއް ނެތް.“ ޒުހުރީ ވިދާޅުވި އެވެ.
ޒުހުރީ ވިދާޅުވީ މިކަން ހައްލު ކުރުމުގެ ގޮތުން، ފްލޯ މީޓަރު ހަރުކޮށްގެން ރިއަލް ޓައިމްގައި ފެނަކައިން ޑީސެލް ކޮންސަމްޕްޝަން ބެލޭނެގޮތަކަށް ޕްރޮޖެކްޓެއް ފަރުމާ ކުރަމުން އަންނަކަމަށާއި، އެ ޕްރޮޖެކްޓް ވަރަށް އަވަހަށް ފެށިގެންދާނެކަމަށެވެ. އަދި، އެ ޕްރޮޖެކްޓާއެކު ޑީސަލްއަށް ކުރާ ހޭދަވެސް ކުޑަކުރެވިގެންދާނެކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށް ވިދާޅުވި އެވެ.
ފެނަކައިގެ ޚަރަދު ކުޑަކުރުމުގެ ގޮތުން އަޅާ އިތުރު ފިޔަވަޅު ތަކުގެ ތެރޭގައި، މުވައްޒަފުން މަދުކުރުންވެސް ހިމެނެއެވެ. ޒުހުރީ ވިދާޅުވީ، މިހާރު ކުންފުންޏަށް ނުކަތާވަރަށް މުވައްޒަފުން އެބަތިބި ކަމަށާއި، މުވައްޒަފުން މަދުކުރެވޭނެ ދިމާތައް ބަލައި، އެދެވޭ މިންވަރަަކަށް މުވައްޒަފުންގެ އަދަދު ހިފެހެއްޓުމަށް ކުންފުނިން ކުރެވިދާނެކަންތައްތަކާއި، އަދި ކުރަން ގަސްދުކޮށްފައިވާ ގޮތުގެ ޕޭޕަރެއް މިހާރު ކުންފުނީގެ ބޯޑަށް ހުށަހަޅާފައިވާކަަށެވެ.
”މިހާރު މިކުންފުނީގެ ހުއްޓިފަހުރި ޕްރޮޖެކްޓްތަކުގެ ސްޓާފުން ދޫކޮށްލާ، ޕްރޮޖެކްޓުތައް އައުޓްސޯސްކޮށްގެން މަސައްކަތްކޮށްފިއްޔާމު މާ ކުންފުންޏަށް ފައިދާވާނެކަމަށް އަޅުގަނޑުމެންނަށް ފެންނާތީވެ އެގޮތަށް އަޅުގަނޑުމެން އޮންނާނެ ހުށަހަޅާފައި.“ ޒުހުރީ ވިދާޅުވި އެވެ.
ފެނަކައިން ވަނީ ޚަރަދު ކުޑަކުރުމުގެ ގޮތުން މިދިޔަ ކުއާޓަރުގައި ސަރވިސް ސެންޓަރެއް ގާއިމުކުރުމުގެ މަސައްކަތް ފަށައި، ލޭންޑިންކް ކްރާފްޓް ހޯދުމުގެ މަސައްކަތްވެސް ފަށާފަ އެވެ. އަދި، ސީއެސްއާރްއަށް ކުރަމުން ދިޔަ ޚަރަދުތައްވެސް ވަނީ ހިފަހައްޓާފަ އެވެ.




