އިއްޔެ މެންދުރު ހުޅުމާލޭ ފޭސް-2 ވިނަރެސް ފްލެޓް ކައިރީގައި ހިނގި ނުރައްކާތެރި އެކްސިޑެންޓާއި ގުޅިގެން ފުލުހުން ހައްޔަރުކުރި 3 މީހުންގެ ތެރެއިން ދެ މީހުން ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުން އަމުރެއް ނެރެދީފި އެވެ.
މި އެކްސިނޑެންޓާއި ގުޅިގެން މިހާތަނަށް ޖުމްލަ ތިން މީހުން ހައްޔަރުކޮށްފައިވާއިރު، ފުލުހުން ވަނީ އެމީހުންގެ ފޮޓޮއާއެކު ވަނަވަރުވެސް ހާމަކޮށްފަ އެވެ. މިތަނުން އެކަކަކީ އެކްސިޑެންޓް ހިނގި ވަގުތު ކާރު ދުއްވަން އިން މީހާއެވެ.
ހައްޔަރުކުރި ތިން މީހުންގެ ތަފުސީލު:
އިކްރާމުއްރަހްމާން / ހ. ނޫރަަންމާގެއާގެ، ކ. މާލެ
އިބްރާހީމް އިކްރާމް / މ. ލޭންޑްއޮފްގާރޑް، ކ.މާލެ
ޖިނާހް އިސްމާޢީލް / އާޒާދުގެ، ގދ. ކަނޑުހުޅުދޫ
ފުލުހުން މިއަދު ބުނީ، އެމީހުންގެ ބަންދާމެދު ގޮތެއް ނިންމަން ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް ހާޒިރު ކުރުމުން އިކްރާމުއްރަހްމާން އާއި އިބްރާހީމް އިކްރާމް ޝަރީއަތް ނިމެންދެން ބަންދުކުރުމަށް އަދި ޖިނާހް އިސްމާޢީލް 15 ދުވަހަށް ބަންދުކުރަން ކޯޓުން އަމުރުކޮށްފައިވާކަމަށެވެ. އަދި، އިއްޔެ އެކްސިޑެންޓުވި ކާރަކީ ބީ ޒޯނަށް ރަޖިސްޓްރީކޮށްފައިވާ ކާރެއްކަންވެސް މިއަދު ފުލުހުން ހާމަކޮށްފައި ވެއެވެ.
އިއްޔެ މެންދުރު މި އެކްސިޑެންޓް ހިނގާފައިވަނީ ބާރު ސްޕީޑްގައި ދުއްވަމުން ކާރު ކޮންޓްރޯލުން ނެއްޓި، ޕާކްކޮށްފައި އިން ސައިކަލެއްގައި ޖެހިގެންނެވެ. މި އެކްސިޑެންޓުގައި އެސައިކަލުމަތީގައި އިން މީހާ ވިއްސައިގެންގޮސް ބިންމަތީގައި ބާރަށް ޖެހި ޒަޚަމްވިއެވެ. އެޒަޚަމްތަކަށް ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު، އިތުރު ފަރުވާއަށް އައިޖީއެމްއެޗަށް އެމީހާ ބަދަލުކޮށްފައިވާއިރު، އޭނާގެ ހާލަތު “ސްޓޭބަލް” ކަމަށް އައިޖީއެމްއެޗުން މީގެ ކުރިން ބުނެފައި ވެއެވެ.



