އުލިގަމުގައި މެރިޓައިމްގެ ޚިދުމަތް ދިނުމަށް އެމްޕީއެލްއާއި އުލިގަމު ކައުންސިލާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފި އެވެ.
ތިލަދުންމަތި އުތުރުބުރީ އުލިގަމުގައި މެރިޓައިމް ދާއިރާއާއި ގުޅުންހުރި ޚިދުމަތްތައް ދިނުމުގެ ގޮތުން މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމްޕީއެލް) އާއި އުލިގަމު ކައުންސިލްއާމެދު މިއަދު ފަހުމުނާމާއެއްގައި ސޮއިކޮށްފި އެވެ.
އުލިގަމު ކައުންސިލްގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި އެމްޕީއެލްގެ ފަރާތުން ފަހުމުނާމާގައި ސޮއިކުރެއްވީ ކުންފުނީގެ ޗީފް އެގްޒެކުޓިވް އޮފިސަރ މުޙައްމަދު ވަޖީހް އިބްރާހިމް އެވެ. އުލިގަމު ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލްގެ ރައީސް އަހްމަދު މުޢާޒް މުޙައްމަދު އެވެ.
އެމްޕީއެލްއިން ބުނީ، މި އެއްބަސްވުމުގެ ދަށުން އެކުންފުނިން އިން އުލިގަމުގައި ޔޮޓް މެރިނާއެއް ތަރައްޤީކޮށް، ޔޮޓްތަކަށް ބޭނުންވާ ޚިދުމަތްތައް އުލިގަމުން ފޯރުކޮށްދޭން ބޭނުންވާ ވަސީލަތްތައް ޤާއިމްކުރާނެ ކަމަށެވެ. އަދި، މި އެއްބަސްވުމުގެ ދަށުން މިއަހަރުތެރޭގައި ޔޮޓް މެރީނާ ތަރައްގީ ކުރުމުގެ މަސައްކަތް ފަށައި، އަމަލީ މަސައްކަތް ފަށާތާ ހަ މަސް ދުވަހުގެ ތެރޭގައި އެ މަސައްކަތް ފުރިހަމަކޮށް، ޚިދުމަތް ފޯރުކޮށްދޭން ފަށާނެކަމަށްވެސް އެމްއޭސީއެލްގެ ސީއީއޯ ވަޖީހު މިއަދު ވަނީ ވިދާޅުވެފަ އެވެ.
ފަހުމުނާމާގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެމްޕީއެލްގެ ސީއީއޯ ވަޖީހު ވިދާޅުވީ ޔޮޓް މެރިނާގެ ކޮންސެޕްޓް ހަދައި، އެއަށް ފައިނޭންސް ހޯދުމަށް މިހާރު އިންވެސްޓަރުންނާ މަޝްވަރާކުރައްވަމުން ގެންދަވާ ކަމަށެވެ. އަދި މާލަސްތަކެއް ނުވެ، މި އަހަރުގެ ތެރޭގައި އަމަލީ މަސައްކަތްތައް ފެށިގެންދާނެކަމަށް ގަބޫލުކުރައްވާ ކަމަށް ވިދާޅުވި އެވެ.
ވަޖީހު ވިދާޅުވީ ރާއްޖޭގެ މެރިޓަައިމް ދާއިރާ ތަރައްގީ ކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެއް ކަމުން، އެމަނިކުފާނުގެ ތަސައްވުރާ އެއްގޮތަށް އެކަން ތަންފީޒުކުރުމަށް އެމްޕީއެލްއިން އުލިގަމުގައި ޔޮޓް މެރީނާއެއް ތަރައްގީކޮށް، މެރިޓައިމްއާ ގުޅުންހުރި ޚިދުމަތް ދޭން ނިންމީ ކަމަށެވެ.
”އުލިގަމަކީ ޒަމާނުންސުރެ، އާދަޔާ ހިލާފަށް ގިނަ ޔޮޓް ފަހަރު ޒިޔާރާތް ކުރާ ރަށެއް. ރަށުގެ ރައްޔިތުންނާއި ކައުންސިލްގެ ބޮޑު ކަންބޮޑުވުމެއް މި އުޅަނދު ފަހަރަށް ބޭނުންވާ ޚިދުމަތްތައް މި ރަށުން ފޯރުނުކޮށްދެވޭތީ. އެހެންވެ އަޅުގަނޑުމެން މި ބެލީ ރައީސްގެ ވިސްނުންފުޅާ އެއްގޮތަށް ފުރަތަމަ ފަހަރަށް އުލިގަމުގައި ޔޮޓް މެރީނާއެއް ގާއިމްކުރަން.“ ވަޖީހު ވިދާޅުވި އެވެ.
ސީއީއޯ ވަޖީހި ވިދާޅުވީ އިހަވަންދިއްޕޮޅުގައި ފެށުމަށް ހަމަޖެހިފައިވާ އިންޓަރނޭޝަނަލް ބަންކަރިން ސާވިސް އާއި މެރިޓައިމްގެ ޚިދުމަތްތަކަށް ބޭނުންވާ އޮފީސްތައް ހެދުމުގެ މަސައްކަތްވެސް އެމްޕީއެލްއިން ހަލުވި ދުވެއްޔެއްގައި ކުރަމުން އަންނަކަމަށެވެ. އަދި، މި ޚިދުމަތުންވެސް އިތުރު ވަޒީފާގެ ފުރުސަތުތައް ހުޅުވިގެންދާނެ ކަމަށް ވިދާޅުވި އެވެ.
”ޕޯޓް ފެސިލިޓީ ފެށުމަށް ކަސްޓަމްސް، އެމްއެންޑީއެފް، އިމިގްރޭޝަން އަދި ޕޯޓް ހެލްތަށް ބޭނުންވާ އޮފީސް ޖާގަ މި ފޯރުކޮށްދެނީ އެމްޕީއެލްއިން. މި މަހުގެ 10އަށް މި އޮފީސް ޖާގައިގެ މަސައްކަތްތައްވެސް ނިމި، މުވައްޒަފުން ނެގުމުގެ ކަންތައްތައް ކުރިއަށް ގެންދާނެ،“ ވަޖީހް ވިދާޅުވި އެވެ.
މި ރަސްމިއްޔާތުގައި އުލިގަމު ކައުންސިލްގެ ރައީސް މުޢާޒް ދެއްކެވި ވާހަކަފުޅުގައި، ޔޮޓް މެރީނާއެއް އުލިގަމުގައި ތަރައްޤީކުރުމަކީ އެ ރަށުގެ ރައްޔިތުންގެ ”ދުވަސްވީ ހުވަފެނެއް“ ކަމުގައި ވިދާޅުވި އެވެ.
”މި ރަށަށް ރާއްޖޭން ބޭރުގެ އުޅަނދު ފަހަރު ނާންނަ ދުވަސްވަރެއް ހަނދާން ނުނެތޭ. ޔޮޓް ފަހަރަށް ޚިދުމަތް ދެވޭނެ ގޮތެއް ހޯދުމަށް ވޭތުވެދިޔަ ސަރުކާރުތަކާ ވާހަކަދައްކައިގެން މަސައްކަތްކުރެވުނު. ވޭތުވެދިޔަ ސަރުކާރުތަކުން (ޔޮޓް މެރީނާއެއް ނެތިގެން) އަޅުގަނޑުމެން ފާޅުކުރި ކަންބޮޑުވުންތަކަށް އިޖާބައެއް ނުދެއްވާ.“ މުއާޒް ވިދާޅުވި އެވެ.
މުއާޒް ވަނީ މިސަރުކާރުން އެ ރަށަށް މި ފުރުސަތު ފަހިކޮށްދެވިކަމަށްޓަކައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު އާއި އެމްޕީއެލްއަށް ޝުކުރު އަދާކުރައްވާފަ އެވެ.




