ހަ އަހަރުގެ މެދުކެނޑުމަކަށްފަހު މެލޭޝިއާ އެއާލައިންގެ ތާވަލު ދަތުރުތައް ރާއްޖެއަށް ފަށައިފި އެވެ.
މެލޭޝިއާގެ ވެރިރަށް ކުއާލާލަމްޕޫރުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް(ވީއައިއޭ) އަށް ސީދާ ދަތުރު ފަށާފައިވަނީ މިއަދު ހެނދުނު އެވެ. ދަތުރުތައް ފެށުމުގެ ގޮތުން މިއަދު ބޭއްވި ފްލައިޓުގައި 168 ފަސިންޖަރުން ރާއްޖެއަށް އައިސްފައި ވެއެވެ. މެލޭޝިއާ ގަޑިން ހެނދުނު 10:10 ގައި ނައްޓާލި މިބޯޓު ވީއައިއޭއަށް ޖެއްސީ ރާއްޖެ ގަޑިން 11:25 ގަ އެވެ. މިއީ، 4 ގަޑީއިރާއި 15 މިނެޓުގެ ދަތުރެކެވެ.

ފުރަތަމަ ފްލައިޓަށް މަރުހަބާ ކިޔުމުގެ ގޮތުން ވީއައިއޭގައި ޚާއްސަ ހަރަކާތްތަކެއް ބާއްވާފައިވާއިރު، އެއަރލައިންއަށް މަރުޙަބާ ކިޔުމަށް ވޯޓަރ ސެލިއުޓެއްވެސް ދީފައި ވެއެވެ. މި ހަރަކާތުގައި ފަސިންޖަރުންނަށް މަރުހަބާ ކިޔުމުގެ ގޮތުން، ޘަގާފީ ހަރަކާތްތައް ދައްކާލާ، ފަސިންޖަރުންގެ ކަރުގައި މާފަތި އަޅުވާފައި ވެއެވެ.މި ހަރަކާތުގައި މޯލްޑިވްސް އެއާޕޯޓްސް ލިމިޓެޑް(އެމްއޭސީއެލް)، މޯލްޑިވްސް މާކެޓިންގ ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން(އެމްއެމްޕީއާރްސީ)އާއި، ޓޫރިޒަމް މިނިސްޓްރީންގެ އިސްވެރިން ބައިވެރިވަޑައިގެންނެވި އެވެ.

މެލޭޝިއާ އެއާލައިނުން ރާއްޖެއަށް ކުރަމުން އައި ދަތުރުތައް މެދު ކަނޑާލާފައި ވަނީ 2017 ވަނަ އަހަރު އެވެ. އޭގެ ހަ އަހަރު ފަހުން މިއަދު އަލުން ރާއްޖެއަށް ސީދާ ތާވަލު ދަތުރުތައް ފެށި އިރު، ހަފްތާއެއްގެ ކޮންމެ ދުވަހަކު އެއް ފްލައިޓް ބޭއްވުމަށް ނިންމާފައި ވެއެވެ. މި ދަތުރުތަކުގައި ބޭނުންކުރާނީ ބޮއެންގ 737-800 މަރުކާގެ 174 ފަސިންޖަރުންގެ ޖާގައިގެ ބޯޓެކެވެ. މިއީ އެ އެއާލައިނުން ދެކުނު އޭޝިއާގެ މަންޒިލްތަކަށް ދަތުރުފުޅާކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން ފެށި ދަތުރެކެވެ. ރާއްޖެ ވެފައިވަނީ ދަތުރުފެށި ދެކުނު އޭޝިއާގެ 13 ވަނަ މަންޒިލަށެވެ.
ގިނަ އަހަރުތަކަށްފަހު ރާއްޖެއަށް ދަތުރު ފެށިއިރު، މެލޭޝިއާ އެއާލައިނުން މިހާރު ވަނީ ރާއްޖެ ތަޖުރިބާކޮށްލަން ފަސިންޖަރުންނަށް ޚާއްސަ ޕްރޮމޯޝަނަލް ފެއާއެއްވެސް ފަށާފަ އެވެ. ”ދަ ޓައިމް ފޮރ ދަ މޯލްޑިވްސް“ ގެ ނަމުގައި ހުޅުވާލި މި ފުރުސަތުގެ ދަށުން 31 އޯގަސްޓްގެ ނިޔަލަށް އަގުހެޔޮކޮށް ޓިކެޓް ގަނެވެއެވެ. އަދި، 2025 ގެ މާރޗް 30ގެ ނިޔަލަށް އެޓިކެޓުން ދަތުރުކުރެވޭނެއެވެ.
އަލަށް ރާއްޖެއަށް ދަތުރުފެށުމާއި ގުޅިގެން މެލޭޝިއާ އެއާލައިން ގްރޫޕްގެ ސީއީއޯ ލުގްމާން މުހައްމަދު އަޒްމީ ވިދާޅުވީ، އަލުން ރާއްޖެއަށް ދަތުރު ފެށުމަކީ ދުނިޔޭގެ ޝައުުގުވެރި މަންޒިލްތައް ދަތުރުފަތުުރުގެ ނިޒާމަކުން ގުޅުވާލަދިނުމަށް އެ އެއާލައިނުން ގެންގުޅޭ އިސްތިރާޖީ ތަސައްވަރު ވަރުގަދަކޮށްދޭކަމެއް ކަމަށެވެ. އަދި، އަމާޒަކީ، ލަގްޜަރީ އަދި ޘަގާފީ މުައްސަނދިކަން ތަޖުރިބާކޮށްލަން ބޭނުންވާ މީހުންގެ ”ޓޮޕް ޗޮއިސް“ ގެ ގޮތުގައި މެލޭޝިއާ އެއާލައިން ވެގެން ދިއުންކަމުގައެވެ. މީގެ އިތުރުން، ލަގްޒަރީ ޓްރެވަލް ސެގްމަންޓުގައި އެ އެއާލައިންގެ ސްޓޭންޑް ވަރުގަދަކޮށް، ދަތުރުވެރިންގެ ބޭނުންތައް ފުއްދައިދިނުމުގައި މާކެޓުގައި ވާދަވެރި ކުރިއެރުން ހޯދުމަށް އެ އެއާލައިނުން ކުރަމުންދާ މަސައްކަތްތައް ހަރުދަނާ ކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއްކަމުގަ އެވެ.
މި ދަތުރާއި ގުޅުވައިގެން އެމްއެމްޕީއާރްސީގެ ސީއީއޯ އިބްރާހިމް ޝިއުރީ ވިދާޅުވެފައިވަނީ، މި ދަތުުރުތަކުގެ ސަބަބުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވުމުގެ އިތުރަށް ފަތުރުވެރިކަން ސިންދަފާތު ކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތް ވަރުގަދަކުރުމަށް އެހީއަކަށް ވެގެންދާނެކަމަށެވެ. އަދި، މިދަތުރުގެ ސަބަބުން، ދެކުނު އިރުމަތީ އޭޝިއާއާ ދުނިޔޭގެ އެހެނިހެން ކަންކޮޅުތަކާއި ރާއްޖެ ދަތުރުފަތުރުން ގުޅާލުމަށް ކުރަމުންދާ މަސައްކަތް ވަރުގަދަވެ، އެ ސަރަަހައްދުތަކުން ގިނަ ބަޔަކަށް ރާއްޖެ އައުމަށް ދޮރު ހުޅުވިގެން ދާނެކަމަށެވެ.
އޭޝިއާއަށް ކުރާ ދަތުރުތައް ފުޅާކުުރުމަށް މެލޭޝިއާ އެއާލައިނުން ވަނީ ތައިލޭންޑް އަދި ވިއެޓްނާމަށްވެސް މިއަހަރު ދަތުރުތައް ފެށުމަށް ނިންމާފަ އެވެ. އެގޮތުން ތައިލޭންޑްގެ ޝިއަން މައިއަށް 15 އޯގަސްޓް އަދި ވިއެޓްނާމްގެ ޑަނަންގ އަށް 24 ސެޕްޓެމްބަރުގައި ދަތުރުތައް ފެށުމަށް އިއުލާނުކޮށްފައި ވެއެވެ.
މެލޭޝިއާ އެއާލައިނުން ދުނިޔޭގެ 50 މަންޒިލަކަށް މިހާރުވެސް ދަތުރުކުރެއެވެ. އޭގެ ތެރޭގައި އޮސްޓްރޭލިއާ، ނިއުޒީލެންޑް އިނގިރޭސި ވިލާތުގެ އިތުރުން ދެކުނު އޭޝިއާ އަދި އާސިއާންގެ މަންޒިލްތައްވެސް ހިމެނެއެވެ.




