ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ(ސްޓެލްކޯ) އިން މާލެ ސަރަަހައްދުގައި ކަރަންޓުގެ ޚިދުމަތް ދެމުންގެންދާ ގޭބިސީތަކުގެތެރެއިން، މިމަހު އާދަޔާއީ ޚިލާފަށް ކަރަންޓު ބިލު ބޮޑުވި ގޭބިސީތަކުގެ އެނާޖީ އޮޑިޓެއް ހަދަން ނިންމާފައިވާކަމަށް އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު ހުސައިން ފަހްމީ ވިދާޅުވެއްޖެ އެވެ.
ސްޓެލްކޯއިން ޚިދުމަތުގެ ބިލު ކުރަމުންދާގޮތުގެ ތަފުސީލު ހާމަކުރުމުގެ ގޮތުން މިއަދު އެކުންފުނިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފަހުމީ ވިދާޅުވީ، ކޮންމެ މަހަކުވެސް އެކުންފުނިން ބިލު ފޮނުވީމައި ޝަކުވާ އަންނަމުންދާ ކަމަށާއި، އެހެންނަމަވެސް، އެހެން މަސްތަކާއި އަޅާ ބަލާއިރު، މިމަހު ބިލުތަކާއި ގުޅިގެން ލިބުނު ޝަކުވާތައް ނިސްބަތުން މަދު ކަމަށެވެ. އެގޮތުން މިމަހު އިޝޫކުރި ބިލުތަކުގެ ތެރެއިން %94 ބިލު މިދިޔަމަހާ އަޅާ ކިޔާ އިރު ކުޑަވެފައިވާކަން ފާހަނގަ ކުރެއްވި އެވެ. އެހެންނަމަވެސް، މަދު ގޭބިސީއެއްގެ ބިލުތައް އިންތިހާއަށް ބޮޑު ވެފައިވާތީ އެކަން ހިނގާ ގޮތް ބެލުމެއް ސްޓެލްކޯގެ ޓީމުތަކުން އެގޭބިސީތަކަށް ޒިޔާރަތްކޮށް އެނާޖީ އޮޑިޓެއް ހަނދަން ނިންމާފައިވާކަމަށް ފަހުމީ ވިދާޅުވި އެވެ.
ފަހުމީ ވިދާޅުވީ މި އޮޑިޓް ހަދަން ނިންމީ މިފަހަރުގެ ބިލުތަކަށް ބަލާއިރު، ހުޅުމާލޭގެ %15 ގޭބިސީ އަދި މާލެއިން %6 ގޭބިސީއެއްގެ ކަރަންޓު ބިލު އިންތިހާއަށް ބޮޑުވެފައިވާތީ، އެކަމަކީ ކުންފުންޏަށްވެސް އަދި ކަސްޓަމަރަށްވެސް އެކަން ހިނގާގޮތް ނުވަތަ ތަފުސީލު އެނގެންޖެހޭކަމެއް ކަމަށް ސްޓެލްކޯއިން ގަބޫލުކުރައްވާތީ ކަމަށެވެ.
”އަޅުގަނޑުމެން މި ގަސްދު ކުރަނީ އަޅުގަނޑުމެންގެ ޓީމެއް ފޮނުވައިގެން މި އެޕާޓްމަންޓްތަކުން ސްޓެޓިސްޓިކަލީ ފުރަތަމަ ބަލާނަން ކޮންތަންތަނަކަށްތޯ ވިޒިޓް ކުރާނީ. ބިލު ބޮޑުވާ މި ދެންނެވި ހުޅުމާލޭގެ %15 އަދި މާލޭގެ %6 ގޭބިސީތަކަށް އަޅުގަނޑުމެން ވިޒިޓް ކުރަން މިގަސްދު ކުރީ. އެ އެޕާޓްމަންޓްތަކަށް ވިޒްޓް ކޮށްފަ އެނާޖީ އޮޑިޓްއެއް ހަދަން އަޅުގަނޑުމެން މި ނިންމީ.“ ފަހުމީ ވިދާޅުވި އެވެ.
ފަހުމީ ވިދާޅުވީ އެ އޮޑިޓްގެ ތެރެއިން އެތަންތަނުގެ ހާލަތު ބަލައި، އެތަންތަނުގައި ބޭނުންކުރާ އާލާތްތައް ބަލައި، އެޕާޓްމަންޓުގެ އިންސިއުލޭޝަން ހުރި ގޮތް ބަލާނެކަމަށެވެ. އަދި އެމައުލޫމާތު ބެލުމަށްފަހު ބިލު ބޮޑުވާން ދިމާވާ ސަބަބު ކަސްޓަމަރުންނަށް ސާފުކޮށްދެމުން ގެންދާނެކަމަށެވެ. އަދި، މި އޯޑިޓް ހަދައި ފުރިހަމަ މައުލޫމާތު ހިއްސާކުރުމަށް ކަސްޓަމަރަށްވެސް ކަރަންޓު އިގުތިސާދުކުރުމަށްޓަކައި އަޅާނެ ފިޔަވަޅުތައް އެނގިގެންދާނެކަމަށް ފަހުމީ ވިދާޅުވި އެވެ.
ސްޓެލްކޯއިން މިއަދު ވަނީ މި އޮޑިޓް ހެދުމުގެ އެކްސަސައިޒް ފަށާފަ އެވެ. މިއަދުވެސް މާލޭގެ ބައެއް ގެތަކަށް ސްޓެލްކޯގެ ޓީމުތައް ދަނީ ޒިޔާރަތްކުރަމުންނެވެ.



