ގޭބިސީތަކަށް ފޮނުވާ ކަރަންޓު ބިލުތައް މަކަރު ހަދައިގެން ބޮޑުކޮށްފައިވާކަމަށް ދެކެވޭ ވާހަކަ ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ(ސްޓެލްކޯ) އިން ދޮގުކޮށްފި އެވެ.
ސްޓެލްކޯއިން މިހެން ބުނެފައިމިވަނީ، އެކުންފުނިން ބިލުކުރާގޮތާމެދު އާންމުންނަށް އޮޅުން އަރައި ކުންފުންޏާމެދު އޮންނަ ނަޒާހަތްތެރިކަން ގެއްލުވާލައި، އެ ކުންފުނީގެ އަގުވައްޓާލުމުގެ ބޭނުމުގައި ބައެއް ފަރާތްތަކުން ސޯޝަލް މީޑިއާގައި އެކުންފުންޏާއި ގުޅޭގޮތުން ސައްހަ ނޫން މައުލޫމާތުތައް ފަތުރަމުންދާ ދަނޑިވަޅެއްގަ އެވެ.
ސްޓެލްކޯއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިކަންކަމަށް އަލިއަޅުއްވާލައްވައި، އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު ހުސައިން ފަހުމީ ވިދާޅުވީ، ކުންފުނީގެ ބިލިންގ ސިސްޓަމާމެދު ޔަގީންކަން އެބައޮތް ކަމަށާއި، ބިލުކުރުމާމެދު ނަޒާހަތްތެރިކަން ގެއްލޭ ގޮތަށް ފަތުރާފައިވާ އަޑުތަކުގެ ހަގީގަތް ބެލުމަށް، ސަރުކާރުގެ މުއައްސަސާތަކަށާއި މިނިވަން މުއައްސަސާތަކައް ދައުވަތު އަރުވާކަަމަށެވެ. އަދި، މި ދައުވަތުގައި ސްޓެލްކޯއަށް ޒިޔާރަތް ކުރާ ފަރާތްތަކަށް އޯޕަން އެއާއިން ބިލިންގ ސިސްޓަމް ހިނގާގޮތް ދައްކާނެކަމަށާއި، އެހެންނަމަވެސް، ޑޭޓާ ބޭސް ހިއްސާ ނުކުރެވޭނެކަމަށް ވިދާޅުވި އެވެ.
”މިކަހަލަ އިންވިޓޭޝަންތަކުގައި ބައެއް ބޭފުޅުން ވިދާޅުވާނެ ޑޭޓާ ބޭސް ދޭށޭ. އެކަމެއް ނުކުރެވޭނެ އަޅުގަނޑުމެންނަކަށް. އެއީ ރައްޔިތުންގެ، ވަރަށް ގިނަ ފަރުދުންތަކެއްގެ ޒާތީ މައުލޫމާތު ހިމެނޭ އެއްޗެއް އަޅުގަނޑުމެންގެ ޑޭޓާ ބޭސްއަކީ. އަޅުގަނޑުމެން ދައުވަތު މިއަރުވަނީ ހުރިހާ މުައައްސަސާތަކަށް. ދައުލަތުގެ މިނިވަން މުއައްސަސާތަކަށާއި، ކަމާއި ބެހޭ ހުރިހައި މުއައްސަސާތަކަށް. ވަޑައިގެންދެއްވާ.“ ފަހުމީ ވިދާޅުވި އެވެ.
ފަހުމީ ވިދާޅުވީ، އެ ދެއްވި ދައުވަތުގައި ސްޓެލްކޯއަށް ޒިޔާރަތްކުރާ ފަރާތްތަކަށް ބިލިންގ ސިސްޓެމުން ވަރަށް ސާފުކޮށް ބިލްކުރާ ގޮތާއި، ބިލް ހެދޭ ގޮތާއި، ސިސްޓެމް މަސައްކަތް ކުރާ ގޮތާއި، ލިޔެފަ ހުންނަ ގޮތް ދައްކާލާނެކަމަށެވެ. އޭރުން އެ ބޭފުޅުންނަށް ސްޓެލްކޯއިން ބިލު ހަދަމުން ދަނީ އެއްވެސް އޮޅުވާލުމެއް ނެތި ކަމާއި، ބިލުބޮޑުވަމުންދަނީ ސްޓެލްކޯގެ މައްސަލައަކުން ނޫންކަން ހާމަވެގެންދާނެކަމަށް ފަހުމީ ވިދާޅުވި އެވެ.
”ޔަގީން ކުރައްވާ އަޅުގަނޑުމެން ބިލު ހެދުމުގައި އެއްވެސް ކަހަލަ އޮޅުވާލުމެއް އެއްވަސް ކަހަލަ މަކަރާއި ހީލަތުގެ އެއްވެސް ކަމެއް ނެތް. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ސިސްޓަމަކީ ރައްޔިތުން އިތުބާރުކުރާ ސިސްޓަމެއްގެ ގޮތުގައި އަޅުގަނޑުމެން ދެކެނީ.“ ފަހުމީ ވިދާޅުވި އެވެ.
ފަހުމީ ވިދާޅުވި އިންތިހާއަށް ބިލު ބޮޑުވެފައިވާ ކަމަށް ފާހަނގަކުރެވޭ ގެތަކުގެ އެނާޖީ އޮޑިޓް ހެދުމުގެ މަސައްކަތް މިއަދު ފަށްޓަވާނެ ކަމަށާއި، އެ އޮޑިޓް ނިމޭއިރު، އެ ގޭބިސީތަކުގެ ކަރަންޓު ބިލު ބޮޑުވާ ގޮތުގެ އެކަށީގެންވާ ޖަވާބެއް ދެވޭނެކަމަށެވެ.



