އިންޖީނުގޭގެ ވޯލްޓޭޖް ނުވަތަ ފްރީކުއެންސީ ބަދަލުކޮށްގެން ކަރަންޓު ބިލު ބޮޑުކުރާކަމަށް ދެކެވޭ ވާހަކަތައް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ(ސްޓެލްކޯ) އިން ދޮގުކޮށްފި އެވެ.
މިއަދު ސްޓެލްކޯއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެކުންފުނީގެ ޓްރާންސްމިޝަން އެންޑް ޑިސްޓްރިބިއުޝަންގެ ޖެނެރަލް މެނޭޖަރު އިބްރާހިމް ނާޝިދު ވިދާޅުވީ، ގޭބިސީތަކަށް ކަރަންޓު ދޫކުރާއިރު، އިންޖީނުގޭގައި ހުންނަ އެއްޗެއް އަނބުރައިގެން، ނުވަތަ ވޯލްޓޭޖް މަތިކޮށްގެން ނުވަތަ ފްރީކުއެންސީ ބަދަލުކޮށްގެން ކަސްޓަމަރުންގެ ބިލުތައް ގަސްދުގައި ސްޓެލްކޯއިން ބޮޑުކުރަމުންދާކަމަށްބުނެ ސޯޝަލް މީޑިއާގައި ފަތުރަމުންދާ ވާހަތަކަކީ ހަގީގަތާއި ޚިލާފު ވާހަކައެއް ކަމަށެވެ. އެއީ، ފަންނީ ގޮތުން ބަލާއިރުވެސް ސްޓެލްކޯގެ ސިސްޓަމްގެ ތެރެއިން ކުރެވޭނެކަމެއް ނޫންކަމަށާއި، ކުންފުނިން ކަސްޓަމަރުންނަށް އެވަރުގެ ދެރައެއް ނުދޭނެކަަމަށް ވިދާޅުވި އެވެ. ނާޝިދު ވިދާޅުވީ، ސްޓެލްކޯއިން ބިލު ހަދަނީ ގޭބިސީތަކުގައި ހަރުކޮށްފައި ހުންނަ މީޓަރުން ފެންނަގޮތަށް، މީޓަރުގެ ރީޑިންގ ނަގައިގެންކަމަށެވެ. އަދި، ސްޓެލްކޯގެ ސިސްޓަމްގެ އެވަރުގެކަމެއް ނުކުރާނެކަމުގެ ޔަގީންކަން ނާޝިދުވަނީ ދެއްވާފަ އެވެ.
ނާޝިދު ވިދާޅުވީ ސިސްޓަމްގެ ވޯލްޓޭޖުވެސް ވަކިވަރަކަށް މެއިންޓެއިންކުރަން ޖެހޭ ކަމަށާއި، އެގޮތަށް އެކަން ނުކޮށްފިނަމަ ސިސްޓަމަށް މައްސަލަ ޖެހޭނެކަމަށެވެ. އަދި، ސިސްޓެމް ފްރީކުއެންސީއަކީ ވަކި ވަރެއްގައި ހިފެހެއްޓޭ އޮޓޮމެޓިކުން ޕްރޮސެސްވާ ސިސްޓަމެއް ކަމުން، ވަކި ވަކި ސްޓާފުންނަށް އެ ސިސްޓަމާއި ނުކުޅެވޭނެކަމަށާއި، ސްޓެލްކޯގެ އިންޖީނުގެ ތެރެއިން އެއާ ކުޅުމުގެ އެއްވެސް ފުރުސަތެއް ނޯންނާނެކަމަށެވެ. އަދި އެކަން އެގޮތަށް ނުކުރެވޭނެކަމަށާއި، ނުވެސް ކުރާނެކަމަށް ނާޝިދު ވިދާޅުވި އެވެ.
”ސިސްޓަމްގެ ފްރިކުއެންސީ ވަކިވަރަަކަށްވުރެ މަތި ނުވަތަ ސިސްޓަމްގެ ފްރިކުއެންސީ ދަށްވާކަމަށްވަންޏާ އަޅުގަނޑުމެންގެ ޕަވަރ ޕްރޮޓެކްޝަން ސިސްޓަމްތަކުން ނަގަންވާ މެޝާސްތައް ނަގައިގެން ކަރަންޓް ދިނުމުގެ ކަންކަން ކުރިޔަށްގެންދާނީ. އެހެންވީމައި އެއީކީ(ވަކި ގެއެއްގެ ބިލުބޮޑުކުރުން) ފްރިކުއެންސީ ބަދަލުކޮށްގެން ނުވަތަ ވޯލްޓޭޖް ބަދަލުކޮށްގެން ކުރެވޭނެކަމެއް ނޫން. އެހެންވީމައި، އަޅުގަނޑުމެން ތިޔަބޭފުޅުންނަށް ޔަގީންކަން މިއަރުވަނީ މިކަހަލަ އެއްވެސް ކަމެއް ކޮށްގެން ނޫންކަން ކަަރަންޓު ބިލަށް ބަދަލު އަންނަނީ.“ ނާޝިދު ވިދާޅުވި އެވެ.
ނާޝިދު ވިދާޅުވީ ސްޓެލްކޯއިން ބިލް ޕްރޮސެސްކުރާގޮތާމެދު ސުވާލު އުފައްދަނީ ބިލު ހެދުމުގެ މޭންޑޭޓް ނޭނގޭތީކަމަށް ގަބޫލުފުޅު ކުރައްވާކަމަށެވެ. އެއީ، ހަމަ އެކަނި ބިލު ހެދެނީ ކަރަންޓް ބޭނުންކުރާ މިންވަރަށް ނޫންކަމަށާއި، އޭގައި ބައެއް ފަހަރު ޖޫރިމަނައާއި، އެހެނިހެން ގޮތްގޮތުން ކަސްޓަމަރުން ސްޓެލްކޯއަށް ދައްކަން ޖެހިފައި ހުންނަ ފައިސާގެ އަދަދުވެސް ބިލުގައި ހިމަނާކަމަށެވެ. އަދި ސޯޝަލް މީޑިއާގައި ސްޓެލްކޯއިން ބިލުކުރާ ގޮތާމެދު ދައްކަމުންދާ ވާހަކަތަކަކީ މުޅިން ސައްހަ ނޫން ވާހަކަތަކެއް ކަމަށް ވިދާޅުވެ ނާޝިދު އޭގެއިން މިސާލެއް ޖެއްސެވި އެވެ.
”މިދިޔަ ފަހަރު(ބިލު ބޮޑުކަމަށް ޝަކުވާ ކުރިއިރު) އަޅުގަނޑުމެންނަށް ފެނުނު 5،000 ރުފިޔާައަށްވުރެ ބޮޑުވެފައި އިން ބިލެއް. އަޅުގަނޑުމެން ބެލިއިރު މިވާގޮތަކީ، ކޮންމެވެސް މައްސަލައެއް ޖެހިގެން ބިލަށް ވަދެފަ އޮތް ފައިން އެއް އެއީ. ކަރަންޓު ބޭނުންކުރުމުގައި މިސާލަކަށް ކޮންމެވެސް ކަހަލަ ގަވާއިދާއި ޚިލާފުވެގެން ފައިންގެ ގޮތުގައި އަރާފައި އިން އެއްޗެއް ހިމެނިފަ އޮތީ. އެހެންވީމައި ސޯޝަލް މީޑީއާގައި ދައުރުވާކޮންމެ އެއްޗަކީ ބައެއް ފަހަރު ހަގީގަތަކަށް ނުވެދާނެ. އެއީ ޔޫސޭޖަކަށް ނުވެދާނެ. ވަރަށް ގިނަ ކަންކަން ހިމެނިގެން ބިލު ހެދެނީ.“ ނާޝިދު ވިދާޅުވި އެވެ.
ނާޝިދު ވިދާޅުވީ، އެއްވެސް ފަރާތަކަށް އާދަޔާއި ޚިލާފު ބިލެއް އަތުވެއްޖެނަމަ އެކަން ހިއްސާކުރުމަށް އެދޭކަމަށެވެ. އަދި، ރިޕޯޓް ލިބުމާއެކު މައްސަލައިގެ ބާވަތުން ވީހާވެސް އަވަހަށް އެކަން ބަލައި، އެދެވޭ ހައްލެއްގެނެސް އެކަން ކަސްޓަމަރާއި ހިއްސާ ކުރައްވާނެކަމަށެވެ. މިހާރު އިންތިހާއަށް ބޮޑުވެގެން އުޅޭ ބިލުތަކުގެ މައްސަލަައިގައި ނާޝިދު ވިދާޅުވި، ހުޅުމާލެއިންނާއި މާލެއިން ބިލު ބޮޑުވި ގެތަކަށް މިއަދުވެސް ސްޓެލްކޯގެ ޓެކްނިކަލް ޓީމުން ޒިޔާރަތްކޮށް އެނާޖީ އޮޑިޓް ހެދުމުގެ މަސައްކަތް ކުރަމުން އަންނަކަމަށެވެ. އަދި، މި އޮޑިޓްގައި އެގޭގައި ކަރަންޓް ވަޔަރިންގއާއި އިންސުލޭޝަން ގާއިމުވެފައި ހުރި ގޮތާއި، ބޭނުންވާ ކަރަންޓް އާލާތްތައް ބަލައި، އަދި ކަރަންޓު ބޭނުންކުރަނީ ކިހިނެއްތޯ ބަލައި އެގޭބިސީތަކުން އެ ހުށަހަޅަމުންދާ ޝަކުވާތަކަށް ޓެކްނިކަލީ ރަނގަޅު ހައްލެއް ގެނެވޭނެކަމަށް ނާޝިދު ވިދާޅުވި އެވެ.
ނާޝިދު ވިދާޅުވީ މާލެ ސަރަހައްދުގައި ކަރަންޓަށް އޮންނަ ޑިމާންޑް އެއްދުވަހުން އަނެއް ދުވަހަށް ބޮޑުވެ އާންމުން ކަރަންޓު ބޭނުންކުރަމުންދާ މިންވަރުވެސް ދުވަހުން ދުވަހަށް އިތުރު ވަމުން އަންނަކަމަށެވެ. އެގޮތުން މިއަހަރުގެވެސް ޕީކް ދުވަސްވަރުގައި 113 މެގަވޮޓްގެ ކަރަންޓް އުފައްދަން ޖެހުނު ކަމަށާއި، މިއަހަރު އެވްރެޖްކޮށް ދުވާލަކު 105 މެގަވޮޓްގެ ކަރަންޓް އުފައްދަން ޖެހޭ ކަމަށާއި، މިހާރު އޮތް ޑިމާންޑަށް ބަލައި ޔޫސޭޖް އިތުރުވަމުންދާގޮތަށް ބަލާއިރު، ކުރިޔަށް އޮތް ތާނގައި 120 މެގަވޮޓްގެ ކަރަންޓް ދުވާލެއްގެ މައްޗަށް އުފައްދަންޖެހޭނެކަމަށް ނާޝިދު ވިދާޅުވި އެވެ. ނާޝިދު ވިދާޅުވީ، ހަމަ އެކަނި މާލެއާއި ހުޅުމާލެއަށް ބަލާލިކަމުގައިވީނަމަވެސް ކަރަންޓް ބޭނުންކުރާ މިންވަރު %10-%8 އިތުރުވެފައިވާކަމަށެވެ.



