ކުރީގެ ރައީސް ޔާމީން އަބްދުލް ގައްޔޫމް ވެރިކަން ކުރާ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންއާ ވަކިވެ ވަޑައިގެންނެވީ، އެމަނިކުފާނުގެ ދަރިކަލުން ޒެއިން އަބްދުﷲ ޔާމީނަށް ޓޫރިޒަމް މިނިސްޓަރުކަން ނުދީގެން ކަމަށް ބާރަށު ދާއިރާގެ ޕީއެންސީ މެންބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.
ޝުޖާއު މިހެން ވިދާޅުވެފައިވަނީ ސަރުކާރާއި ވަކިވި އަސްލު ސަބަބާއި މަގުސަދު އޮޅޭ ގޮތަށް އިއްޔެރޭ ޕީއެންއެފް ފްރޮންޓް އޮފީސް ޖަލްސާގައި ރައީސް ޔާމީން ދެއްކެވި ވާހަކަފުޅު ދޮގުކުރައްވައި، ރައްދު ދެއްވުމުގެ ގޮތުން ސޯޝަލް މީޑިއާގައި ހިއްސާކުރެެއްވި މެސެެޖެއްގަ އެވެ.
އެ ޖަލްސާގައި ރައީސް ޔާމީނު ވިދާޅުވެފައިވަނީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރާ ދުރުވެވަޑައިގެންނެވީ ސަރުކާރުން ބޮޑެތި ގޯސްތަކެއް ހަދަމުންދާތީ، އެކަން ހަޖަމްކުރަން އުނދަގޫފުޅު ވެގެންކަމަށެވެ. އަދި އެކަންކަން ދިފާއު ކުރެއްވުމަށް ސަރުކާރުގެ ބައިވެރިއެއްގެ ގޮތުގައި ހުންނަން ބޭނުން ނުވާތީ ދުރަށް ޖެހިވަޑައިގެންނެވީކަމަށް ޔާމީން ވިދާޅުވެފައި ވެއެވެ.
ޕީއެންއެފްގެ ޖަލްސާގައި ރައީސް ޔާމީނުގެ އެ ދެއްކެވި ވާހަކައަށް ރައްދު ދެއްވައި ޝުޖާއު ވިދާޅުވެފައިވަނީ، ރައީސް ޔާމީން ޕާޓީ ދޫކުރައްވައި ދުރަށް ވަޑައިގެންނެވީ، ޑރ. މުއިއްޒުގެ ސަރުކާރަށް ހަދުވަސްވީ ދުވަސްކަމަށްވާ 23 ނޮވެމްބަރ 2023 ވީ ބުރާސްފަތި ދުވަހުގައި ކަމަށެވެ. އަދި، އެގޮތަށް އެކަން ކުރެއްވީ ދަރިކަލުން ޒެއިންއަށް ޓޫރިޒަމް މިނިސްޓަރުކަން ނުދީގެން ކަމަށެވެ.
ޕީއެންއެފްއިން ބާއްވަމުން އަންނަ ފްރޮންޓް އޮފީސް ސިލްސިލާ ގޮތެއްގައި ޔާމީން ބައިވެރިވަޑައިގަންނަވަމުން އަންނައިރު، ޕޯޑީއަމްގައި ވާހަކަ ނުދެއްކެވިޔަސް، ޕޯޑިއަމްގައި ވާހަކަފުޅު ދައްކަވާ ޕާޓީގެ ބޭފުޅުން ދައްކަވާ ވާހަކައާއި ގުޅުވައިގެން ވާހަކަފުޅު ދައްކަވަމުން، ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެއެވެ. އަދި މިސަރުކާރުގެ އެކި ސިޔާސަތުތަކަށް ހަޖޫ ޖައްސަވާ މައްލަވަ ކުރައްވައެވެ.


