ކުރީގެ ރައީސް ޔާމީން އަބްދުލް ގައްޔޫމް ވެރިކަން ކުރާ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަުން ވަކިވެ ވަޑައިގެންނެވީ، އެހެން ބޭފުޅަކު ރާއްޖޭގެ ވެރިކަންކުރައްވާ މަންޒަރު ބައްލަވަން ދަތިވެގެންކަމަށް ޕީޕަލްސް ނެޝަނަލް ކޮންގްރެސްގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
އަބްދުއްރަހީމް މިހެން ވިދާޅުވީ، ޕާޓީއާ ވަކިވިގޮތް އޮޅުއްވާލައްވައި، ސަރުކާރުގެ ސިޔާސަތައް ހަޖޫ ޖައްސަވައި އިއްޔެރޭ ޕީއެންއެފް ފްރޮންޓް އޮފީސް ޖަލްސާގައި ރައީސް ޔާމީން ދެއްކެވި ވާހަކަފުޅު ދޮގުކުރެއްވުމުގެ ގޮތުން ސޯޝަލް މީޑިއާގައި ހިއްސާކުރެެއްވި މެސެެޖެއްގަ އެވެ.
ޕީއެންއެފްގެ ޖަލްސާގައި ރައީސް ޔާމީނު ވިދާޅުވެފައިވަނީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރާ ދުރުވެވަޑައިގެންނެވީ ސަރުކާރުން ބޮޑެތި ގޯސްތަކެއް ހަދަމުންދާތީ، އެކަން ހަޖަމްކުރަން އުނދަގޫފުޅު ވެގެންކަމަށެވެ. އަދި އެކަންކަން ދިފާއު ކުރެއްވުމަށް ސަރުކާރުގެ ބައިވެރިއެއްގެ ގޮތުގައި ހުންނަން ބޭނުން ނުވާތީ ދުރަށް ޖެހިވަޑައިގެންނެވީކަމަށް ޔާމީން ވިދާޅުވެފައި ވެއެވެ.
ރައީސް ޔާމީންގެ ވާހަހަފުޅު ދޮގުކުރައްވައި އަބްދުއްރަހީމް ވަނީ ރައްޔިތުން ހެއްލިދާނެކަމަށް ހީކުރައްވައި މޮޅުވާހަތަކައް ނުދެއްކެވުމަށް ޔާމީނަށް އިންޒާރު ދެއްވާފަ އެވެ. އަދި ވިދާޅުވީ، ދުރަށް ޖެހިވަޑައިގެންނެވީ ވެރިކަމުގެ ޢިއްޒަތާ ލައްޒަތަށް އޮތް ދަހިވެތިކަމުންނާއި، އެހެން ބޭފުޅަކު ވެރިކަން ކުރައްވާ މަންޒަރު ދެކޭނެ ހިތްވަރެއް ޔާމީނުގެ ކިބައިގައި ނެތުމުން ކަމަށެވެ.
”ރައްޔިތުން ހެއްލިދާނެކަމަށް މާމޮޅު ވާހަކަ ދައްކަވަން ނޫޅުއްވާ. ސަރުކާރާ ދުރަށްޖެހުނީ ތިމާގެ ހުރި ބޮޑާކަމާ ކިބުރުވެރިކަމެއްގެ ބޮޑުކަމުން. ތިމާނޫން އެހެން ބޭފުޅަކު ވެރިކަން ކުރައްވާ މަންޒަރު ބަލަން ލަގޮނޑިއަށް ކެތްނުވެގެން. ވެރިކަމުގެ ޢިއްޒަތާ ލައްޒަތަށް އޮތް ދަހިވެތިކަމަކުން.“ އަބްދުއްރަހީމްގެ މެސެޖުގައި ވެއެވެ.
އަބްދުއްރަހީމް ވިދާޅުވީ ޔާމީން އިތުރުފުުޅު ހައްދަވާކަން މިހާރު ރައްޔިތުންނަށް ޔަގީންވެފައިވާކަމަށެވެ. އެއީ ސިޔާސީ ގޮތުން ފެއިލްވެފައި ތިބި ބަޔަކު ގޮވައިގެން ސިޔާސީ މައިދާނުގައި މިހާރު ޔާމީނު އުޅުއްވާގޮތުންކަމަށް އަބްދުއްރަހީމް ވިދާޅުވެފައި ވެއެވެ.
”މިކަން ވަކީންބޮޑަށް މިއަދު ރައްޔިތުނަށް ޔަގީންވަނީ ސިޔާސީގޮތުން ފެއިލްވެފައި ތިބި ދެތިން މީހުން ގޮވައިގެން ތިޔަޖަހާ ހަޑިހުތުރު މުޑުދާރު ސަކަރާތުން.“ އަބްދުއްރަހީމް ވިދާޅުވެފައި ވެއެވެ.
ކުރީގެ ރައީސް ޔާމީން އަބްދުލް ގައްޔޫމް ވެރިކަން ކުރާ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންއާ ވަކިވެ ވަޑައިގެންނެވީ، 23 ނޮވެމްބަރ 2023 ވީ ބުރާސްފަތި ދުވަހު އެވެ. އަދި ދުރަށް ވަޑައިގެންނެވީ ދަރިކަލުން ޒައިން އަބްދުﷲ ޔާމީނަށް ޓޫރިޒަމް މިނިސްޓަރުކަން ދޭން ރައީސް ޑރ. މުހައްމަދު މުއިއްޒު އެއްބަސްވެވަޑައި ނުގެންނެވުމުން ކަމަށް ޕީއެންސީގެ ބޭފުޅުން ތުހުމަތު ކުރައްވާފައި ވެއެވެ.
ޕީއެންސީން ބާއްވަމުން އަންނަ ސިލްސިލާ ޖަލްސާތަކުގައި، ރައީސް ޔާމީން ގެންދަވަނީ ސަރުކާރަށާއި، ރައީސް ޑރ. މުއިއްޒަށާއި، ޕީއެންސީގެ ލީޑަރޝިޕަށް އަމާޒުކުރައްވައި ތަކުރާރުކޮށް ފާޑު ވިދާޅުވަމުންނެވެ.



