ގޭބިސީތަކުގައި ހަރުކޮށްފައިވާ މީޓަރުތަކުން ރީޑިންގ ނަގާދުވަހު ވަގުތުން ވަގުތަށް އެ ގޭބިސީއަކަށް ބިލު ފޮނުވޭނެ ނިޒާމެއް ގާއިމުކުރެއްވުމުގެ ވިސްނުން ގެންގުޅުއްވާކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ(ސްޓެލްކޯ)ގެ މެނޭޖިންގ ޑިރެކްޓަރު ހުސައިން ފަހްމީ ވިދާޅުވެއްޖެ އެވެ.
ފަހްމީ މިހެން ވިދާޅުވީ މިއަދު ސްޓެލްކޯއިން އިންތިޒާމުކޮށްގެން ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، މީޓަރުން ރީޑިންގ ނެގުމަށްފަހު ގޭބިސީތަކަށް ބިލު ފޮނުވުމުގައި ލަސްތަކެއް އުޅޭތީ، އެކަން ހައްލުކުރެއްވުމަށް އެއްވެސް ފިޔަވަޅެއް އަޅުއްވަން ގަސްދު ކުރައްވާތޯ ނޫސްވެރިއަކު ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
ޖަވާބުގައި ފަހުމީ ވިދާޅުވީ ރީޑިންގް ނެގުމާއި ބިލު ޑެލިވަރީ ކުރުމާ ދޭތެރޭ އޮންނަ ތަފާތު ބޮޑުކަމަށެވެ. އެގޮތުން މިހާރަށް ބަލާއިރު ގާތްގަނޑަކަށް 30-25 ދުވަހާ ދޭތެރޭ ތަފާތު އެބަހުރިކަން ފާހަގަކުރެއްވި އެވެ.
”މިއީ މިއަދަކު އިއްޔެއަކު ދިމާވެގެން އުޅޭ މައްސަލައެއް ނޫން. މި މައްސަލަ އުޅޭތާ 15 ވަރަކަށް އަހަރުވެއްޖެ. 2-1 ދުވަސް ލަސްވަމުންގޮސް މިހާރު އެ މަސްދުވަސް ފަހުން ބިލު ޑެލިވަރ މިކުރެވެނީ. އަޅުގަނޑުމެންނަށް ބިލު ޑެލިވަރ ކުރެވެން އެބަހުރި ދުވަހުން ދުވަހަށްވެސް. ހަމަ ރީޑިންގ ނަގާފަ އެތާނގަ ރީޑިންގ ނަގާ މުވައްޒަފު ހުއްޓާ ވަގުތުންވެސް ޑެލިވަރ ކުރެވެން އެބަހުރި.“ ފަހުމީ ވިދާޅުވިއެވެ.
ފަހުމީ ވިދާޅުވީ ޒަމާންވީ މިމައްސަލަ ހައްލުކުރުމަށްޓަކައި ރީޑިންގ ނަގާ ދުވަހު އެވަގުތު ބިލު ފޮނުވޭނެ ނިޒާމެއް ގާއިމުކުރުން މުހިންމު ކަމަށާއި، އެފަދަ ނިޒާމެއް ގާއިމުކުރުމުގެ ވިސްނުން އެބަހުރި ކަމަށެވެ. އަދި އެ ނިޒާމު ގާއިމުކުރާނީ ރައްޔިތުންގެ މަޝްވަރާއާއެކު، ވަކި ވަކި ކަސްޓަމަރުންނަށް އެ ނިޒާމު ހިނގާގޮތް ކިޔައިދިނުމަށް ފަހު ކަމަށެވެ. އަދި، ކުރިޔަށް އޮތް ތާނގައި މި ޚިދުމަތް ބޭނުންވާ ފަރާތްތަކަށް ހުޅުވާލައިގެން ”ރިއަލް ޓައިމް“ ގަ ބިލު ފޮނުވުމުގެ މަސައްކަތް ފަށްޓަވާނެކަމަށް ވިދާޅުވި އެވެ.




