ތ. މަޑިފުށި ޒުވާނުން މޫދުގެ ސަލާމަތާއި ރައްކާތެރިކަމަށް އަހުލުވެރިކުރުވުމުގެ ގޮތުން، އެރަށު ސްކޫލް ކުދިންނަށް ހާއްސަ ކޮށްގެން ދިވެހި ފުލުހުން، ފެތުމުގެ ޕްރޮގްރާމެއް ކުރިޔަށް ގެންގޮސްފިއެވެ.
މަޑިފުށި ސްކޫލްގެ ގްރޭޑް ހަތަރަކުން މަތީގެ ދަރިވަރުންނަށް އަމާޒުކޮށްގެން ”މަވެސް ފަތާނަން“ ގެ ނަމުގައި އެރަށުގެ ފުލުހުން އިންތިޒާމު ކުރި މި ޕްރޮގްރާމް ކުރިޔަށް ގެންދިޔައީ މިދިޔަ ޖުލައި މަހުގެ 13 ވަނަ ދުވަހުން ފެށިގެން 25 ވަނަ ދުވަހުގެ ނިޔަލަށެވެ.
ފުލުހުން ބުނީ މި ޕްރޮގްރާމް ގައި ބައިވެރިވި 97 ކުދިންގެ ތެރެއިން 50 ކުއްޖަކު ވަނީ އަލަށް ފަތަން ދަސްކޮސްފައި ކަމަށެވެ. މީގެ ތެރެއިން ކޮންމެސް ވަރަކަށް ފަތަން ދަންނަ 36 ކުއްޖަކާއި އެކު، ޖުމްލަ 86 ކުދިން ޕްރޮގްރާމުން ފާސްވެ، ފަތަން ދަސްވެފައިވާ ކަމުގެ ސެޓިފިކެޓެއް ވަނީ ހޯދާފައެވެ.
ފުލުހުން ބުނީ މިފަދަ ޕްރޮގްރާމް ތަކުގެ ސަބަބުން ރާއްޖޭގެ ޒުވާނުންގެ މެދުގައި މޫދުގެ ރައްކާތެރިކަމަށް ހޭލުންތެރިވެފައިވާ މިންވަރު އިތުރުވެ، މޫދުގައި އުޅޭއިރު ސަމާލުކަންދޭންވީ ކަންކަން އިނގިގެން ދާނެކަމަށެވެ.
އަދި މި ޕްރޮގްރާމް ހިންގުމުގައި އެހީތެރިކަން ފޯރުކޮށްދިން ފަރާތްތަކަށް ފުލުހުން ވަނީ ހަނދާނީ ފިލާ އަރުވާފައެވެ.



