ސަރުކާރުން ޓެކްސީ ހިދުމަތް ދިނުމުގެ ވިޔަފާރިއަށް ވަންނަން އުޅޭ ކަމަށް ބުނެ މިއަދު ހެނދުނުއްސުރެ ހުޅުމާލޭގައި ޓެކްސީ ޑްރައިވަރުން ކުރަމުން އައި އިހުތިޖާޖު ނިންމާލައިފި އެވެ.
ޓެކްސީ ޑްރައިވަރުން ބުނީ މިއަދުގެ ވަގުތެއްގައި ޓްރާންސްޕޯޓް މިނިސްޓަރ މުހައްމަދު އަމީން ޑްރައިވަރުންނާއި ބައްދަލު ކޮށް، އެފަރާތްތަކުގެ ކަންބޮޑުވުންތައް އަޑު އަހާ، އެ ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ.
އިހުތިޖާޖު ނިންމާލުމަށް ފަހު މީޑިޔާއަށް މައުލޫމާތު ދެމުން ޓެކްސީ ޔޫނިއަން ގެ ޑްރައިވަރަކު ބުނީ ބައެއް މީޑިޔާތަކުން ރިޕޯޓުކޮށްފައިވާ ގޮތަށް އަންނަ ސެޕްޓެމްބަރު މަހުގެ 1 ވަނަ ދުވަހު ސަރުކާރުން ޓެކްސީ ހިދުމަތް ދޭން ފެށުމަށް ނިންމާފައި ނުވާނެ ކަމުގެ ޔަޤީން ކަން މިނިސްޓަރ އަމީން ދެއްވި ކަމަށެވެ.
“ ސަރުކާރުން ސެޕްޓެމްބަރު 1 ގައި ޓެކްސީ ހިދުމަތައް ވަންނަން އުޅޭކަމަށް މީޑިޔާ ތަކުން ރިޕޯޓުކޮށްފައިވަނީ އާންމުންނަށް އޮޅޭ ގޮތައް. މިނިސްޓަރ އަމީން އެކަން ވަރަށް ރަނގަޅަށް އަހަރުމެންނަށް މިއަދު ސާފުކޮށްދީފި. “ އިހުތިޖާޖުގައި ބައިވެރިވި ޑްރައިވަރެއް ސައުވީސް އާއި ވާހަކަ ދައްކަމުން ބުންޔެވެ.
ޓެކްސީ ޑްރައިވަރުން ބުނީ އަންނަ ސެޕްޓެމްބަރު މަހު ސަރުކާރުން އުޅެނީ ޓެކްސީ ހިދުމަތް ދޭން ފަށަން ނޫން ކަމަށާއި، ކުރަން އުޅޭ ކަމަކީ ޓެކްސީ ކުރުމާއި އެކަމަށް ހުރި ގޮންޖެހުން ތަކާއި ބެހޭ ދިރާސާ އެއް ކަމަށް މިނިސްޓަރ ސާފުކޮށްދެއްވާފައިވާ ކަމަށެވެ.
ޓެކްސީ ޑްރައިވަރުންގެ ހިދުމަތައް ބުރޫ އަރާނެ އެއްވެސް ކަމެއް ސަރުކާރުން ނުކުރާނެ ކަމަށް މިނިސްޓަރ އަމީން ޔަޤީންކަން ދެއްވި ކަމަށް ޓެކްސީ ޑްރައިވަރުން ބުންޔެވެ. އަދި ޓެކްސީ ޔޫނިއަން ގެ ނަމުގައި ޑްރައިވަރުން ވަނީ މިނިސްޓަރ އަމީން އަށް ޝުކުރު އަދާކޮށްފައެވެ.




