ޓްރެފިކް މޮނީޓަރުން ތަމްރީނު ކުރުމުގެ ޕްރޮގްރާމުގެ 100 ވަނަ ޕްރޮގްރާމް ފުވައްމުލަކުގައި ފަށައިފި އެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުގެ ރޯޑް ސޭފްޓީ އެވެއަރނަސް އެންޑް ޕްރިވެންޝަނާއި މިނިސްޓްރީ އޮފް އެޑިއުކޭޝަން ގުޅިގެން ސްކޫލު ދަރިވަރުންނަށް ކުރިއަށް ގެންދާ ޓްރެފިކް މޮނީޓަރުން ތަމްރީނު ކުރުމުގެ މި ޕްރޮގްރާމް ފެށީ މިމަހުގެ 3 ވަނަ ދުވަހު އެވެ.
ހަ ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި ޕްރޮގްރާމަކީ އެއްގަމު ދަތުރުފަތުރުގެ ގާނޫނާއި، އެގާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދުތަކަށް ސްކޫލު ދަރިވަރުން އަހުލުވެރިކުރުވައި، މަގުމަތީގެ ސަލާމަތާ ރައްކާތެރިކަން ނަގަހައްޓައި ދަމަހައްޓާނެ ޖީލެއް ބިނާކުރުމަށާއި، މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުމުގައި އަމަލީގޮތުން ސްކޫލު ކައިރީގައި ޓްރެފިކް ބެލެހެއްޓުމުގައި ދަރިވަރުން ބައިވެރިކޮށް އެކަމަށް ދަރިވަރުން ތަމްރީނުކުރުމަށްޓަކައި ފުލުހުންނާއި އެޑިއުކޭޝަން މިނިސްޓްރީ ގުޅިގެން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.
ޓްރެފިކް މޮނީޓަރުން ތަމްރީނު ކުރުމުގެ ޕްރޮގްރާމްގައި، ޓްރެފިކް ބެލެހެއްޓުމުގައި އަމަލުކުރަންޖެހޭ ގޮތުގެ ތަމްރީނު ދަރިވަރުންނަށް ދޭނެއެވެ. އަދި ޓްރެފިކް ބެލެހެއްޓުމުގައި ދަރިވަރުންގެ ސަލާމަތާއި ރައްކާތެރިކަމަށް މަސައްކަތްކުރާނެގޮތް ދަސްކޮށްދިނުމަށް ސެލްފް ޑިފެންސް ކުލާސްތަކާއި ޓީމް ބިލްޑިންގ ހަރަކާތްތައް ކުރިއަށް ގެންދާނެ އެވެ. އޭގެ އިތުރުން، އެއްގަމު ދަތުރުފަތުރުގެ ގާނޫނާއި ގަވާއިދުތަކުގެ މައުލޫމާތުދިނުމާއި ޓްރެފިކް މޮނީޓަރުންގެ ގޮތުގައި ދަރިވަރުން ހަރަކާތްތެރިވާއިރު ރިވެތި ބަހުން މުއާމަލާތުކުރުމުގެ ހުނަރުތައް ދަސްކޮށްދޭނެއެވެ.
މި ޕްރޮގްރާމުގައި ފުވައްމުލަކު ސްކޫލުގެ 32 ދަރިވަރުންނާއި ހާފިޒް އަހްމަދު ސްކޫލުގެ 34 ދަރިވަރުންނާއި ޏ. އަތޮޅު ތައުލީމީ މަރުކަޒުގެ 27 ދަރިވަރުންނާއި މުޙައްމަދު ޖަމާލުއްދީން ސްކޫލުގެ 31 ދަރިވަރުން ހިމެނޭހެން ޖުމުލަ 124 ދަރިވަރުން ބައިވެރި ވެއެވެ.


