އިސްލާމީ މަރުކަޒުގައި ޚުޠުބާއެއް ދެއްވުމަށް, ފަލަސްޠީނުގެ އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު މުޞްޠަފާ ނަޖުމުއަށް ރާއްޖެއިން ދައުވަތު އަރުވައިފި އެވެ.
މި ދައުވަތު އަރުވާފައިވަނީ، މިހާރު މައްކާގައި ކުރިޔަށްދާ އިސްލާމީ ދުނިޔޭގެ އިސްލާމިކް މިނިސްޓަރުންގެ ބައްދަލުވުމުގެ ހަވާސާގައި އިސްލާމިކް މިނިސްޓަރު، ޑރ މުޙައްމަދު ޝަހީމް ޢަލީ އެމަނިކުފާނާއެކު ބޭއްވެވި ބައްދަލުވުމެއްގެ ތެރެއިންނެވެ. މިބައްދަލުވުމުގައި ޑރ. ޝަހީމް ވަނީ، އެމަނިކުފާނަށް ރާއްޖެވަޑައިގެންނެވުމަށާއި، އަދި އެދަތުރުފުޅުގައި އިސްލާމީ މަރުކަޒުގައި ޚުޠުބާއެއް ދެއްވުމަށް ދައުވަތު އަރުވާފަ އެވެ.
ޑރ. ޝަހީމް އަލީ ސައީދު ބައިވެރިވަޑައިގަންނަވާ އިސްލާމީ ދުނިޔޭގެ އިސްލާމިކް މިނިސްޓަރުންގެ 9 ވަނަ ޖަލްސާ މިމަހުގެ 7 ވަނަ ދުވަހުގެ ނިޔަލަށް ކުރިޔަށްދާނެއެވެ. އިއްޔެ ބޭއްވި އެ ޖަލްސާގެ ސެޝަނެއްގެ ރިޔާސަތުވެސް އެމަނިކުފާނު ވަނީ ބަލަހައްޓަވާފަ އެވެ. ސަޢުދީ އަރަބިއްޔާގެ މައްކާގައި ކުރިއަށްދާ މި ކޮންފަރެންސްގައި އިސްލާމީ ހުރިހާ ގައުމަކުންވެސް ބައިވެރިވެއެވެ. މި ޖަލްސާ ނިންމަވާލެއްވުމަށްފަހު ވަޒީރު ޑރ. ޝަހީމް ރާއްޖެއަށް އެނބުރި ވަޑައިގަންނަވާނީ މި މަހުގެ 7 ވަނަ ދުވަހުއެވެ.
ސައުދީއަށް ކުރައްވަމުން މި ގެންދަވާ ދަތުރުފުޅުގައި ވަޒީރު ޑރ. ޝަހީމް ވަނީ ސައުދީ އަރަބިއްޔާގެ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ފަޟީލަތުއްޝައިޚް ޑރ. އަބްދުއްލަޠީފް އާލުއްޝައިހް އާއިވެސް ބައްދަލު ކުރައްވާފަ އެވެ.



