ކަރަންޓު ބިލުތަކާއި، ކަރަންޓު ބޭނުން ކުރާ މިންވަރު ދެނެގަތުމަށާއ، ކަރަންޓު އިޤްތިސާދު ކުރުމަށް ކުރެވިދާނެ ކަންކަމާއި ގުޅޭގޮތުން އިލްމީ ދިރާސާއެއް ހެދުމަށް، ސްޓެލްކޯ އިން މޯލްޑިވްސް ނެޝެނަލް ޔުނިވާސިޓީ (އެމްއެންޔޫ) އާއި އެކު ފަހުމުނާމާއެއްގައި ސޮއި ކޮށްފިއެވެ.
ސްޓެލްކޯ އިން ބުނީ މިއަދު ސޮއި ކުރެވުނު ފަހުމުނާމާގެ ދަށުން، މި ދިރާސަ ހަދާއިރު ވޭތުވެ ދިޔަ 10 އަހަރު ދުވަހުގެ ޑޭޓާ އިވެލުއޭޓު ކުރާނެ ކަމަށެވެ. އަދި މި ދިރާސާގައި އަސާސީ މަޤްސަދަކީ ބިލްކުރުމުގައި ދިމާވާ އެކި މައްސަލަތަކުގެ އަސްލު ސަބަބުތައް ދިރާސާކޮށް، ކަރަންޓު ބޭނުންކުރާ ވައްޓަފާޅި (ކޮންސިއުމަންޓް ޕެޓަރންސް) އާއި މޫސުމީ ބަދަލުގެ ސަބަބުން އެކަމަށް ކުރާ އަސަރު ދެނެގަނެ، ބިލްކުރުމުގެ ނިޒާމުގައި ހާމަކަން ބޮޑުކަމާއި، ޞައްޙަކަމާއި، ކަސްޓަމަރުންގެ ހިތްހަމަޖެހުން އިތުރުކުރުމަށް އިސްތިރާޖުތައް އެކުލަވާލުން ކަމަށް ސްޓެލްކޯ އިން ބުންޔެވެ.
ސްޓެލްކޯ ގެ ފަރާތުން މި ފަހުމުނާމާގައި ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ އެވެ. އަދި އެމްއެންޔޫ ގެ ފަރާތުން ސޮއި ކުރެއްވީ އެ ޔުނިވާސިޓީގެ ވައިސް ޗާންސެލަރ އައިޝަތު ޝެހެނާޒް އާދަމް އެވެ.
ފަހުމުނާމާގައި ސޮއި ކުރުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސްޓެލްކޯ ގެ މެނޭޖިން ޑިރެކްޓަރު ފަހުމީ ވިދާޅުވީ މިއަދަކީ ވަރަށް ތާރީހީ ދުވަހެއް ކަމަށެވެ.
“ މިއަދަކީ ވަރަށް ތާރީހީ ދުވަހެއް. މިއަދަކީ ރާއްޖޭގެ ހަޔާތުގައި އިލްމީ ދިރާސާތަކަށް ބޭސް ކޮށް ޑެސިޝަން ނެގުމުގެ އުންމީދު އާވާ ދުވަހެއް. “ – ފަހުމީ ވިދާޅުވިއެވެ.
އެމްއެންޔޫ ގެ ފަރާތުން ފަހުމީ އެދިވަޑައިގަތީ، ކަރަންޓު ބިލު ބޮޑުވުމާއި ގުޅިގެން ގައުމުގެ ބައެއް ރައްޔިތުންގެ މެދުފައި އުފެދިފައިވާ ހިޔާލު ތަފާތުވުންތަކަށް ހައްލެއް ހޯދައިދިނުމަށެވެ.

“ އެމްއެންޔޫ ގެ ފަރާތުން އަޅުގަނޑު އެދެނީ މިނިވަން ކަމާއި، އިންސާފުވެރިކަމާއި އެކު ދިރާސާއެއް ކޮށްފައި، އާންމުނަންށް ފެންނާނެ ގޮތަށް ޕަބްލިޝް ކޮށްދިނުން “ – ފަހުމީ ވިދާޅުވިއެވެ.
ފަހުމި ވިދާޅުވީ އެމްއެންޔޫގެ ދިރާސާ އަށް ބޭނުންވާ ހުރިހާ އެހީތެރިކަމެއް ސްޓްލެކޯ އިން ފޯރުކޮށްދޭނެ ކަމަށެވެ. އަދި އެކަމަށް ބޭނުން ހުރިހާ މައުލޫމާތެއް، އެއްވެސް ހިފެހެއްޓުމެއް ނެތި އެމްއެންޔޫއަށް ދޭނެ ކަމަށާއި، އެކަމުގައި އެއްވެސް އިމެއް ނުވަތަ މިނެއް ނޯންނާނެ ކަމަގެ ޔަޤީން ކަން ފަހުމީ ދެއްވިއެވެ.
ފަހުމުނާމާ ގައި ސޮއި ކުރުމަށް ބޭއްވުނު ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެމްއެންޔޫގެ ވައިސް ޗާންސެލަރ ޝެހެނާޒް ވިދާޅުވީ މިފަދަ މުހިންމު ދިރާސާއެއް ކުރުމަށް، ސްޓެލްކޯ އިން އެމްއެންޔޫއަށް އިތުބާރު ކުރެއްވީތީ ސްޓެލްކޯ ގެ މެނޭޖިން ޑިރެކްޓަރު ފަހުމީ އަށާއި، ސްޓެލްކޯ ގެ އިސްވެރިންނަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.
ކަރަންޓު ބިލްތައް ބޮޑުވާ މައްސަލަ ދެނެގަނެ އެކަމަށް ހައްލު ހޯދުމަށް ސްޓެލްކޯ އިން މިހާރުވެސް ދަނީ ބައެއް މަސައްކަތް ކުރަމުންނެވެ. އޭގެ ތެރޭގައި ކަރަންޓު ބިލު ބޮޑުވާ ގޭގެޔަށް ޒިޔާރާތް ކޮށް، އެތަންތަނުގެ ކަރަންޓު ނެޓްވޯރކްއާއި ކަރަންޓުން ބޭނުންކުރާ ސާމާނުގެ މައުލުމާތު އޮޅުންފިލުވުމުގެ މަސައްކަތް އެ ކުންފުނިން ވަނީ ފަށާފައެވެ.



