ރާއްޖޭގެ ހުރިހައި އަތޮޅެއްގެ ވެރިކަންކުރާ ރަށުގައި ޕްރައިމަރީ ހެލްތު ކެއާ ފެސިލިޓީތައް ގާއިމުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ހެލްތު މިނިސްޓަރު ޑރ އަބްދުﷲ ހަލީލް މިއަދު ވިދާޅުވެއްޖެ އެވެ.
ވަޒީރު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަޒީރާ ސުވާލުކުރައްވަން ލިބިވަޑައިގެންނެވި ފުރުސަތުގައި ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ. ޒިޔާދަށް ލިބިވަޑައިގެންނެވި ފުރުސަތުގައި ތިން ސުވާލެއް ކުރެއްވި އެވެ. އެއީ، ރާއްޖޭގެ އެއްވެސް ރަށެއްގައި ސަރުކާރުން ސިއްހީ މަރުކަޒެއްގެ އަމަލީ މަސައްކަތް ކުރޭތޯ އާއި، ރާއްޖޭގައި އާދަޔާއި ޚިލާފަށް ގައިންގަޔަށް ނާރާ ބަލިތައް ގިނަވާ ސަބަބު ދެނެގަތުމަށްޓަކައި ސަރުކާރުން އެއްވެސް ކަމެއް ކުރޭތޯ އަދި ޕަބްލިކް ހެލްތު ސެކްޓަރ ވަރުގަދަކުރަން މި ސަރުކާރުގެ ވިސްނުން ހުރި ގޮތަކީ ކޮބައިތޯ އެވެ.
ޖަވާބުގައި މިނިސްޓަރު ޑރ. ޚަލީލް ވިދާޅުވީ، ސިއްހީ މަރުކަޒުތައް ގާއިމުކުރުމުގެ މަސައްކަތުގެ ދަށުން މިހާރުވެސް 57 މަޝްރޫއެއްގެ މަސައްކަތް ކުރިޔަށް އެބަދާ ކަމަށެވެ. އަދި، އެ މަޝްރޫއުތަކުގެ މަސައްކަތް ނުހުއްޓި ކުރިޔަށްދާނެކަމުގެ ޔަގީންކަން ދެއްވި އެވެ.
ދެވަނަ ސުވާލުގެ ޖަވާބުގައި މިނިސްޓަރު ވިދާޅުވީ، ގައިން ގަޔަށް ނާރާ ބައެއް ބޮޑެތި ބަލިތައް މިހާރު ރާއްޖެއިން ފެންނަމުންދާކަން ފާހަގަކުރެވިފައިވާތީ، އެ ސަބަބު ދެނެގަތުމަށްޓަކައި ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ(ޑަބްލިއުއެޗްއޯ) ގެ އެހީއާއެކު ދިރާސާއެއް ހެދުމުގެ މަސައްކަތް ކުރިޔަށް ގެންދާކަމަށެވެ. އަދި، އެ ދިރާސާ ހެދުމަށް ކައިރި މުސްތަގުބަލެއްގައި ކޮންސަލްޓަންޓެއް ހަމަޖެހިގެންދާނެކަމަށާއި، ކޮންސަލްޓެންޓް ހަމަޖެހުމާއެކު ދިރާސާގެ މަސައްކަތް ވަރަށް އަވަހަށް ފެށިގެންދާނެކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
”ޚާއްސަގޮތެއްގައި އަޅުގަނޑުމެންނަށް ފާހަނގަކުރެވިފައިވަނީ، އަމިއްލަ ދިރާސާތަކުން ފާހަގަކުރެވޭގޮތުގައި ބައެއް ރަށްރަށުގައި ތަންކޮޅެއް ގިނަ ބައެއް ބަލިތައް. މި ދެންނެވީ ކެންސަރުތައް ފަދަ ބަލިތައް ތަންކޮޅެއް ގިނަ. އެހެންވީމައި އެއީ ކީއްވެގެން ކޮންގޮތަކުން، ކޮން މާއްދާއެއްގެ ސަބަބުން ދިމާވާ ކަމެއްތޯ ބެލުމަކީ މިހާރު ކޮންމެހެންވެސް ކުރަންޖެހޭ ކަމެއް. އެހެންވީމައި އެ މަަސައްކަތް އަޅުގަނޑުމެން ކުރިޔަށް އެބަގެންދަން.“ ހެލްތު މިނިސްޓަރު ޑރ. ޚަލީލް ވިދާޅުވި އެވެ.
ތިން ވަނަ ސުވާލުގެ ޖަވާބުގައި މިނިސްޓަރު ވިދާޅުވީ، ޕަބްލިކް ހެލްތު ސެކްޓަރ ވަރުގަދަކުރުމަށްޓަކައި ވަރަށް ފުޅާ ދާއިރާއެއްގައި ސަރުކާރުން މަސައްކަތްތަކެއް ކުރަމުން އަންނަކަމަށެވެ. އެގޮތުން ފުރަތަމަ ފިޔަވަހީގައި މާލެ ސަރަހައްދުގައި އާބަން ޕްރައިމަރީ ހެލްތު ކެއާގެ ނިޒާމެއް ގާއިމުކުރުމަށްޓަކައި ފަންޑު ހޯދުމަށް މިހާރު ހުށަހަޅާފައިވާކަމަށް ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ، އެ ނިޒާމު ގާއިމުކުރެވިގެންދާނީ ވެލްނެސް ސެންޓަރެއްވެސް ހިމެނޭ ގޮތަށް އަންހެނުންނާއި ކުޑަކުދިންނާއި، އަދި ދާނުގައި ތިބޭ މީހުންނަށް ވަރަށް ފުޅާ ދާއިރާއެއްގައި ޚިދުމަތް ދެވޭ ފެންވަރަށް ކަމަށެވެ.
”އޭގެ ތެރޭގައި ކްލިނިކަލް ބައެއް މަސައްކަތްތައް ހިނގާނެ. ކުޑަކުދިންގެ ގްރޯވްތު މޮނިޓަރިންގއާ އަދި ކުޑަކުދިންނާ ގުޅޭ ބައެއް ކަންތައްތައް ހިނގާނެ. ބޮޑެތި މީހުންނަށް ދެވޭ ޚިދުމަތްތައް، ޚާއްސަކޮށް ދުަވަސްވީ މީހުންނަށް ދޭން ޖެހޭ ޚިދުމަތްތައް ހިނގާނެ. ގެތަކަށް ޒިޔާރަތްކޮށް ދާނުގައި ތިބޭ އުމުރުން ދުވަސްވީ މީހުންނަށް ދެމުންނާ ޚިދުމަތް މިހާރަށް ވުރެ ފުޅާ ކުރެވިގެންދާނެ.“ ހެލްތު މިނިސްޓަރު ޑރ. ޚަލީލް ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ، އަމާޒަކީ ހުރިހައި ސިޓީއަކަށްވެސް އަބާން ޕްރައިމަރީ ހެލްތު ކެއާގެ ނިޒާމު ފުޅާ ކުރުންކަމަށެވެ. މީގެ އިތުރުން ދެވަނަ ފިޔަވަހީގައި ހުރިހައި އަތޮޅެއްގައި ޕްރައިމަރީ ހެލްތު ކެއާ ފެސިލިޓީއެއް ގާއިމުކުރަން ރާއްވަވާފައިވާކަމަށް ވިދާޅުވި އެވެ.
”ދެވަނަ ބަޔަކީ އަތޮޅުތަކުގައި، އަތޮޅު ވެރިކަން ކުރާ ރަށުގައި ޕްރައިމަރީ ހެލްތު ކެއާ ފެސިލިޓީއެއް ގާއިމުކުރާނަން. ދަމަނަ ވެށި ސްޓައިލަށް.“ ހެލްތު މިނިސްޓަރު ޑރ. ޚަލީލް ވިދާޅުވި އެވެ.
މިނިސްޓަރުގެ ވާހަަކަފުޅުގައި ރާއްޖޭގައި މިހާރު ދިމާވެފައި އޮތް އެންމެ ބޮޑު މައްސަލައަކީ އާބާދީގެ ސިއްހީ ކަންކަން މުޅިން ރިކޯޑް ނުކުރެވޭ މައްސަލަކަން ފާހަގަކުރައްވައި، އެކަން ހައްލުކުރުމަށްޓަކައި، ޕައިލޮޓް ޕްރޮޖެކްޓެއް ފަށާފައި ވާކަމަށް ވިދާޅުވި އެވެ. ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ(ޑަބްލިއުއެޗްއޯ) ގެ އެހީތެރިކަމާއެކު ކުރިޔަށްގެންދާ އެ ޕްރޮޖެކްޓް މިހާރު ނިމުމަކާ ގާތްވެފައިވާކަމަށާއި، އެ ޕްރޮޖެކްޓް އިތުރަށް ފުޅާކުރަން ބޭނުންވާ ކަންކަން ދެނެގަތުމަށް ފުވައްމުލައް ސިޓީއާއި ބ އަތޮޅަށް ރޯލްއައުޓްކޮށްފައިވާ ކަމަށް ވިދާޅުވި އެެވެ. އަދި އިތުރު އަތޮޅުތަކަށް އެޕްރޮޖެކްޓް ރޯލްއައުޓް ކުރުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަމަށްވެސް ވިދާޅުވި އެވެ.
”މިހާރު އަޅުގަނޑުމެން މަސައްކަތް އެބަކުރަން ދ އަތޮޅާއި، އެހެންވެސް އަތޮޅުތަކަށް މި(ޕައިލޮޓް ޕްރޮޖެކްޓް) ރޯލް އައުޓްކުރުމަށްޓަކައި. ރޯލް އައުޓް ކުރެވޭ ހިސާބުން ފެށިގެން ވަރަށް ގިނަ މައުލޫމާތުތަކެއް އަޅުގަނޑުމެންނަށް އެއްކުރެވިގެންދާނެ. އެ މައުލޫމާތުގެ އަލީގައި އެމީހަކަށް، އެމީހެއްގެ ސިއްހީ ނިޒާމާއި ދުރު ބައްޔަކާއި ދިމާލަށް ވާރުތަވާކަމަށްވަންޏާ މި ސިސްޓެމުން އެލާޓްކުރާނެ. އެހާ ހިސާބުން ޑޮކްޓަރަށް ދާން އިނގޭނެ. އެހެންވީމައި އެކަން ފުރިހަމަކުރުމުގެ މަސައްކަތް އަޅުގަނޑުމެން އެބަ ކުރިޔަށްގެންދަން.“ ހެލްތު މިނިސްޓަރު ޑރ. ޚަލީލް ވިދާޅުވި އެވެ.
މިއަދު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވަޒީރާ ސުވާލުކުރައްވަން މެންބަރުންނަށް ލިބިވަޑައިގެންނެވި ފުރުސަތުތަކުގައި، އެ މެންބަރެއްގެ ދާއިރާގެ ސއްިހީ މަރުކަޒުތަކާއި، އަދި ސިއްހީ ނިޒާމުގެ ތެރެއިން ހިނގާ އެހެނިގެން ކަންކަމުގެ އަދާހަމަ ހޯއްދަވަން ގިނަ މެންބަރުންތަކެއް މިނިސްޓަރާ ސުވާލު ކުރެއްވި އެވެ. މިނިސްޓަރުވަނީ އެ ސުވާލުތަކަށް ޖަވާބު ދެއްވައި، އަދި އިތުރު ތަފުސީލު ބޭނުންވާ މެންބަރުންނަށް އެކަން އިންތިޒާމު ކޮށްދެއްވާނެކަމުގެ ޔަގީންކަން އަރުވާފަ އެވެ.




