ސައުތު އޭޝިއަން އެސޯސިއޭޝަންސް ފޮރ ރީޖަނަލް ކޯޕޮރޭޝަން (ސާކް)ގެ ކުރިއެރުމަށް ދިވެހިރާއްޖެއިން ފުރިހަމަ އެއްބާރުލުން ދެއްވާނެކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެ ޖަމާއަތުގެ ސެކްރެޓަރީ ޖެނެރަލް، އެމްޑީ ގޮލަމް ސަރްވާރް އަށް އަރުވައިފި އެވެ.
ރައީސުލްޖުމްހޫރިއްޔާ އެ ޔަގީންކަން ދެއްވީ، މިއަދު ސާކްގެ ސެކްރެޓަރީ ޖެނެރަލް އެމަނިކުފާނުގެ އަރިހަށް ކުރެއްވި އިޙްތިރާމްގެ ޒިޔާރަތުގަ އެވެ. މި ބައްދަލުކުރެއްވުން އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގަ އެވެ.
މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ސާކްގެ ކުރިއެރުމަށް ދިވެހިރާއްޖެއިން ފުރިހަމަ އެއްބާރުލުން ދެއްވާނެކަން ހާމަކުރައްވައި، ސާކްގެ ސެކްރެޓަރީ ޖެނެރަލްގެ ހައިސިއްޔަތުން އެމްޑީ ގޮލަމް ސަރްވާރް ކުރައްވަމުން ގެންދަވާ މުހިންމު މަސައްކަތްޕުޅަށް ތަޢުރީފުކުރެއްވި އެވެ. އަދި ސަރަޙައްދީ ވިޔަފާރީގެ ގުޅުންތައް އިތުރަށް ބަދަހިކުރުމުގެ އުންމީދު ރައީސުލްޖުމްހޫރިއްޔާ އައުކުރެއްވި އެވެ.
މިބައްދަލުކުރެއްވުމުގައި ސާކްގެ ސެކްރެޓަރީ ޖެނެރަލް ދެއްކެވި ވާހަކަފުޅުގައި، 1985 ވަނަ އަހަރު ސާކް އުފެދުނީއްސުރެ، ދިވެހިރާއްޖެއަކީ އެ ޖަމުޢިއްޔާގެ ކުރިއެރުމާއި ތަރައްޤީއަށް ނުހަނު ޚިދުމަތްތެރި މަސައްކަތްތަކެއް ކުރައްވަމުންގެންދަވާ ޤައުމެއްކަން ފާހަގަކުރެއްވި އެވެ. އަދި، ސާކްގެ ފަރާތުން މެންބަރު ޤައުމުތަކުގެ ކުރިއެރުމަށާއި ފައިދާއަށް ހިންގާ އެކިއެކި ޕްރޮގްރާމުތަކުގެ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރައްވައި، މި ބައްދަލުކުރެއްވުމަށް ވަގުތުކޮޅެއް ދެއްވިކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާއަށް ޝުކުރު އަދާކުރެއްވި އެވެ.
ސާކްގެ ސެކްރެޓަރީ ޖެނެރަލް، އެމް.ޑީ. ގޮލަމް ސަރުވާރު ރާއްޖެއަށް ކުރައްވާ މިދަތުރުފުޅަކީ، މަޤާމާ ހަވާލުވެވަޑައިގެންނެވުމަށްފަހު މެންބަރު ގައުމުތަކަށް ތައާރަފްވުމުގެ ގޮތުން ކުަރައްވާ ދަތުރުފުޅުގެ ތެރެއިން ދަތުރުފުޅެކެވެ. އެ މަނިކުފާނު 15 ވަނަ ސާކް ސެކްރެޓަރީ ޖެނެރަލް ގެ މަގާމާއި ހަވާލުވެވަޑައިގެންފައި ވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރ މަހުގަ އެވެ. ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެ މަނިކުފާނު ފުރާވަޑައިގަތުމަށް ހަމަޖެހިފައިވަނީ 8 އޮގަސްޓް 2024 ވަނަ ދުވަހު އެވެ.
ސާކް ރަސްމީކޮށް އުފެއްދުމަށް ސާކް ޗާޓަރުގައި ސޮއިކުރީ 1985 ޑިސެމްބަރ 8 ވަނަ ދުވަހު ބަންގްލަދޭޝްގެ ވެރިރަށް، ޑާކާގަ އެވެ. ދިވެހިރާއްޖެއަކީ ސާކްގެ ފައުންޑިންގ މެންބަރު ޤައުމެއްވެސްމެއެވެ.



