ފަަލަޞްޠީނާއި އިރާނުގެ ދައުވަތަކަށް އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) އިން ބާއްވާ ބައްދަލުވުމެއްގައި ފޮރިން މިނިސްޓަރު ބައިވެރިވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށް ފޮރިން މިނިސްޓްރީން ބުނެފި އެވެ.
މާދަމާ ސައުދީ އަރަބިއްޔާގެ ޖިއްދާގައި ބޭއްވުމަށް ހަމަޖެހިފައިވާ އޯއައިސީގެ އެގްޒެކްޓިވް ކޮމިޓީގެ އޯޕަން-އެންޑެޑް އެކްސްޓްރާ އޯޑިނަރީ ބައްދަލުވުމަކީ ފަލަސްތީނުގެ ބިންތައް ހިފާ އިރާންގެ ސިޔާދަތީ މިނިވަންކަމާ ދެކޮޅަށް އިސްރާއިލް އިން ދެމުންދާ ހަމަލާތަކާ ގުޅޭގޮތުން ޚާރިޖީ ވަޒީރުންގެ ފެންވަރުގައި ބާއްވާ ބައްދަލުވުމެކެވެ.
މިއީ އިސްރާއީލުން މެދުކެނޑުމެއްނެތި ފަލަސްތީނުގައި ހިންގަމުންދާ ’ޖެނޮސައިޑް‘ ނުވަތަ ނަސްލު ނައްތާލުމުގެ ޢަމަލުތަކާއި އިރާން ގައި ޙަމާސް ޖަމާޢަތުގެ ސިޔާސީ ގޮފީގެ ވެރިޔާ އިސްމާޢީލް ހަނިއްޔާ އަވަހާރަކޮށްލުމާ ގުޅިގެން ފަލަސްތީނާއި އިރާން ގެ ދަޢުވަތަކަށް އޯއައިސީގެ އެގްޒެކްޓިވް ކޮމިޓީ އިން އެ ޖަމުޢިއްޔާގެ ހުރިހާ މެމްބަރު ޤައުމުތަކުގެ ބައިވެރިވުން ހިމެނޭހެން ފޮރިން މިނިސްޓަރުންގެ ފެންވަރުގައި ބާއްވަން ނިންމި ބައްދަލުވުމެކެވެ.
މި ބައްދަލުވުމުގައި ބައިވެރިވަޑައިގެންނެވުމަށްޓަކައި މިރޭ މިނިސްޓަރ ޒަމީރު ސައުދީ އަރަބިއްޔާއަށް ފުރާ ވަޑައިގަންނަވާނެކަމަށާއި، މި ބައްދަލުވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން އެމަނިކުފާނު ތަޤުރީރު ކުރައްވާނެކަމަށް ފޮރިން މިނިސްޓްރީން ބުނެފައި ވެއެވެ.



