ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ(ސްޓެލްކޯ)ގެ މުވައްޒަފުންނަށް ސެޓިފިކޭޝަން ކޯސްތައް ހިންގުމާއި، އަމަލީ ތަޖުރިބާ ހިއްސާކުރުމަށް އެކުންފުނިން ޕޮލިޓެކްނިކާއެކު އެއްބަސްވެ، ފަހުމުނާމާއެއްގައި ސޮއިކޮށްފި އެވެ.
މިއަދު ސޮއިކުރި މި ފަހުމުނާމާއަކީ، ސްޓެލްކޯގެ މުވައްޒަފުންނަށް ސެޓިފިކޭޝަން ކޯސްތައް ހިންގުމާއެކު، ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ޕްރޮގްރާމްތަކުގައި ބައިވެރިވެ އިތުރު ތަޖުރިބާ ހޯދުމުގެ އިތުރުން، ޕޮލިޓެކްނިކްގެ ދަސްވާރުންނާއި ދަރިވަރުންނަށް އަމަލީ ތަޖުރިބާ ހޯދުމުގެ ފުރުޞަތު ފަހިކޮށްދީ، މި ދާއިރާއަށް ދަރިވަރުން އަހުލުވެރިކުރުވައި ފަންނީ އާޖީލެއް އުފެއްދުމުގެ މަގުސަދުގައި ސްޓެލްކޯއާއި މޯލްޑިވްސް ޕޮލިޓެކްނިކްއާއި ދެމެދު ވެވުނި އެއްބަސްވުމެކެވެ.
ފަސް އަހަރުގެ މުއްދަތަކަށް އަމަލުކުރުމަށް ސޮއިކުރެވުނު މި ފަހުމުނާމާގައި، ސްޓެލްކޯގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު ހުސައިން ފަހްމީ އެވެ. އަދި، ޕޮލިޓެކްނިކްގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ ޒޫޝާން ކަމާލުއްދީނެވެ.
މި ފަހުމުނާމާގެ ދަށުން، ޕޮލިޓެކްނިކް އިން ހިންގާ ތަމްރީން ޕްރޮގްރާމްތަކުގެ ތެރެއިން ސްޓެލްކޯއަށް ބޭނުންވާ ތަމްރީން ޕްރޮގްރާމްތައް ހިންގައިދިނުމުގައި އެހީތެރިކަން ފޯރުކޮށްދީ، ޕޮލިޓެކްނިކް އިން ތަމްރީން ލިބިގެން ނިކުންނަ ދަސްވާރުންނަށް، ޖާގަ އޮތް މިންވަރަކުން ސްޓެލްކޯގައި ސިނާއީ ތަޖުރިބާ ހޯދުމުގެ ފުރުޞަތު ފަހިކޮށްދޭން އެއްބަސްވެފައި ވެއެވެ. އަދި، ސްޓެލްކޯގެ މާލެ އަދި ގްރޭޓަރ މާލެ ސަރަަހައްދުގެ އިންޖީނުގެތަކުގައި އިންޖީނު އޯވަރހޯލް ކުރުމުގެ މަސައްކަތްތައް ހިނގަމުންދާއިރު، އެ މަސައްކަތް ހިނގަމުންދާ ގޮތް ބަލަަން ބޭނުންވާ ޕޮލިޓެކްނިކްގެ މުދައްރިސުންނާއި ދަރިވަރުންނަށް، އެ މަސައްކަތް ބެލުމުގެ ފުރުސަތު ސްޓެލްކޯއިން ފަހިކޮށްދިނުުމުގެ އިތުރުން، ސްޓެލްކޯގެ އެކިއެކި ދާއިރާތަކަށް ބޭނުންވާ ޓެކްނިކަލް އަދި ނޮން-ޓެކްނިކަލް ދާއިރާތަކާ ގުޅޭ އެކިއެކި ކުރު ތަމްރީން ޕްރޮގްރާމްތައް ދެފަރާތުން އެއްބަސްވާ ގޮތުގެ މަތިން ހިންގައިދިނުން ހިމެނެއެވެ.
މީގެ އިތުރުން، ޕޮލިޓެކްނިކް އިން ހިންގާ ސްޓެލްކޯ އިން ކުރާ މައިގަނޑު މަސައްކަތްތަކާއި ގުޅުންހުރި ކޯސްތައް ކިޔަވައި ދިނުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން، ކޯސް ކިޔަވައިދިނުމަށް ބޭނުންވާ އެކިއެކި އިކުއިޕްމަންޓްތަކާއި ކަމާބެހޭ އެކިއެކި އާލާތްތައް ހޯދައިދިނުމުގައި ދެފަރާތުން އެއްބަސްވާ ގޮތުގެ މަތިން އެހީތެރިކަން ފޯރުކޮށްދިނުމާއި، ޕޮލިޓެކްނިކުން ހިންގާ ކޯސްތަކުގައި ކިޔަވައި ދިނުމަށް ބޭނުންވާ ސްޓެލްކޯގެ ތަޖުރިބާ އަދި ތަޢުލީމް ހުރި މުވައްޒަފުންނަށް، ދެފަރާތުން އެއްބަސްވާ ގޮތުގެ މަތިން ކިޔަވައިދިނުމުގެ ފުރުޞަތު ދިނުމާއި، މަސައްކަތުގައި ބޭނުންކުރެވޭ އާލާތްތަކާއި ސާމާނަށް އަންނަ ތަރައްޤީ އާއި ގުޅިގެން، ޕޮލިޓެކްނިކް އިން ހިންގާ ކޯސްތަކުގެ ކަރިކިއުލަމް އިޞްލާޙް ކުރުމަށްޖެހޭ ހާލަތްތަކުގައި، ސްޓެލްކޯގެ ތަޖުރިބާކާރުންގެ އެހީތެރިކަން ފޯރުކޮށްދިނުމަށް އެއްބަސްވެފައި ވެއެވެ.
އެއްބަސްވީ އިތުރު ކަންތައްތަކުގެ ތެރޭގައި، ޕޮލިޓެކްނިކްގެ ފަންނީ މުވައްޒަފުންގެ ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ޕްރޮގްރާމްތައް ރާވާ، ހިންގުމުގައި، ޕޮލިޓެކްނިކް އިން އެދޭގޮތަކަށް ސްޓެލްކޯގެ ތަޖުރިބާކާރުންގެ އެހީތެރިކަން ފޯރުކޮށްދިނުމާއި، ރާއްޖެއިން ބޭރުން ގެންނަ ޓްރެއިނަރުން ބޭނުންކޮށްގެން ސްޓެލްކޯގައި ހިންގާ ޕޮލިޓެކްނިކް އާއި ގުޅުންހުރި ”އިން-ހައުސް ޓްރެއިނިންގ“ ޕްރޮގްރާމްތަކުގައި، ޕޮލިޓެކްނިކްގެ މުދައްރިސުންނާއި ޕޮލިޓެކްނިކްގައި ކިޔަވާ ދަރިވަރުންނަށް ޖާގައޮތް މިންވަރަކުން ހިލޭ ބައިވެރިވުމުގެ ފުރުޞަތު ފަހިކޮށްދިނުން ހިމެނެއެވެ.



