ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ(އެންޑީއެމްއޭ) އާއި ޔުނެސްކޯ އިންޓަރގަވަރމެންޓަލް އޯޝަނޯގްރެފިކް ކޮމިޝަން (އައިޖީއޯސީ) އާއި އިންޑޮނޭޝިއާގެ މޫސުމާއިބެހޭ އިދާރާ(ބީއެމްކޭޖީ) ގުޅިގެން ”ނޭޝަނަލް ސުނާމީ ރެޑީ ޓްރެއިނިންގ“ ޕްރޮގްރާމް ދިވެހިރާއްޖޭގައި ފަށައިފި އެވެ.
މި ޕްރޮގްރާމް ރާއްޖޭގައި ފެށުމުގެ ގޮތުން، ރަށްތަކުގައި ޕްރޮގްރާމް ހިންގާނެ ފެސިލިޓޭޓަރުން ތަމްރީންކުރުމަށް ކުރިޔަށްގެންދާ ތިންދުވަހުގެ ”ޓްރެއިނިންގ އޮފް ޓްރެއިނާރސް ވޯކްޝޮޕް“ ގައި، އެކިއެކި ވުޒާރާތަކާއި، ސިޓީ އަދި ރަށު ކައުންސިލްތަކާއި، ޖަމިއްޔާ ޖަމާޢަތްތަކުންނާއި، އެކިއެކި ކުންފުނިތަކުން 40 އަށް ވުރެ ގިނަ ބައިވެރިން ތަމްރީނުކުރާނެ ކަމަށް ދިފާއީ ވުޒާރާއިން ބުނެއެވެ.
މި ތަމްރީން ޕްރޮގްރާމަކީ ސުނާމީ ކާރިޘާއަކަށް އިޖާބަ ދިނުމަށް މުޖުތަމަޢުތަކުގެ ތައްޔާރުކަމާއި، ވިލުންތެރިކަން އިތުރުކުރުމުގެ ގޮތުން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. އެގޮތުން، މި ޕްރޮގްރާމްގެ ދަށުން ސުނާމީ ކާރިޘާއެއްގެ ސަބަބުން ރައްޔިތުންގެ ފުރާނައާއި، ބިނާރާއި، ދަނޑުބިމާއި، ކައިބޮއި ދިރިއުޅުމަށް ކުރަމުން އައި އެންމެހައި މަސައްކަތްތައް ނެތި ގޮސް ލިބިދާނެ ބޮޑެތި ގެއްލުންތަކުން ރައްކާތެރިވުމަށް އެކަށައެޅޭ އިސްތިރާޖީތައް ޤާއިމްކުރުމާ ގުޅޭ ތަމްރީންތައް ހިމެނެއެވެ.
މި ޕްރޮގްރާމްގެ ދަށުން ރަށްރަށުގައި ކުރިއަށްގެންދެވޭނެ އެކިއެކި ހަރަކާތްތައް ފުރިހަމަކުރާ ރަށްތަކަކީ ’ސުނާމީ ރެޑީ‘ ރަށްތަކުގެ ގޮތުގައި ކަނޑައެޅުމަށް ހަމަޖެހިފައިވާކަމަށްވެސް ދިފާއީ ވުޒާރާއިން ބުނެފައި ވެއެވެ.



