ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީ އިން ލިބިދީފައިވާ ހައްގުތައް ކަށަވަރުކޮށް ދެއްވާނެކަމުގެ ޔަގީންކަން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ދެއްވައިފި އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، މިހާރު އަމަލުކުރަމުންދާ ގާނޫނުއަސާސީ ތަސްދީގުކުރިތާ 16 އަހަރުފުރުމާއި ގުޅިގެން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ދެއްކެވި ވާހަކަފުޅުގަ އެވެ.
އަބްދުއްރަހީމް ވިދާޅުވީ، ގާނޫނުއަސާސީން ލިބިދީފައިވާ ހައްގުތައް ކަށަވަރުކޮށްދެއްވައި، ރައްޔިތުންގެ މަޖިލީހަށް ގާނޫނު އަސާސީން މަތިކޮށްފައިވާ ވާޖިބުތައް އަދާކުރައްވާނެކަމަށެވެ. އަދި، މުއައްސަސާތައް ޖަވާބުދާރީކުރުވާ ރައްޔިތުންގެ މަޖިލީހުގެ މަސްއޫލިއްޔަތު އަދާކުރައްވާނެ ކަމުގެ ފުރިހަމަ ޔަގީންކަން ދިވެހި ރައްޔިތުންނަށް ދެއްވި އެވެ.
އަބްދުއްރަހީމްގެ ވާހަކަފުޅުގައި، ގާނޫނު އަސާސީ އެކުލަވާލުމުގެ މަސައްކަތް ކުރެއްވި ޚާއްސަ މަޖިލީހުގެ މެންބަރުންނަށް ޝުކުރު އަދާކުރެއްވި އެވެ. އަދި، އެ މަޖިލީހުގެ ރިޔާސަތު ބެލެހެއްޓެވި އެންމެހައި ބޭފުޅުންނަށާއި، ރައްޔިތުންގެ މަޖިލީހުގެ މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހީމަށް ޝުކުރު އަދާކުރައްވާފަ އެވެ.
މިހާރު އަމަލުކުރަމުންދާ ގާނޫނުއަސާސީ އެކުލަވާލުމުގެ މަސައްކަތް ރައްޔިތުންގެ ޚާއްސަ މަޖިލީހުން ފެށީ 2004 ވަނަ އަހަރު އެވެ. އަދި، ގާނޫނުއަސާސީ ތަސްދީޤުކޮށްފައިވަނީ 7 އޯގަސްޓް 2008ގައި، އޭރުގެ ރައީސުލްޖުމްހޫރިއްޔާ މައުމޫން އަބްދުލްޤައްޔޫމް އެވެ.



