ދިވެހިރާއްޖޭގެ ޞިއްޙީ ނިޒާމު ހަރުދަނާ ކުރުމުގެގޮތުން މިނިސްޓްރީ އޮފް ހެލްތާއި ޗައިނާގެ ސީޝުއާން ޕްރޮވިންސްގެ ހެލްތު ކޮމިޝަނާއި ދެމެދު މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިންގ(އެމްއޯޔޫ) އެއްގައި ސޮއިކޮށްފި އެވެ.
މިއެއްބަސްވުމުގައި ހެލްތު މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މިނިސްޓަރ އަޙުމަދު ހަމްދާން ނާޞިރެވެ. ސީޝުއާން ޕްރޮވިންސްގެ ފަރާތުން މިއެއްބަސްވުމުގައި ސޮއިކުރެއްވީ، އެ ޕްރޮވިންސްގެ ހެލްތު ކޮމިޝަންގެ ޑިރެކްޓަރ ޖެނެރަލް ޝޫ ބިން އެވެ.
މިއެއްބަސްވުމުގެ ދަށުން ޑޮކްޓަރުންނާއި ނަރުހުންނާއި ޞިއްޙީ ޚިދުމަތްތެރިން ތަމްރީނުކޮށް، ޓެލެމެޑިސިންގެ ޚިދުމަތްތައް ފުޅާކުރުމާއި، އިމަޖެންސީ މެޑިކަލްގެ ޚިދުމަތްތައް ތަރައްޤީކުރުމުގެ އިތުރުން ޗައިނާއިން ބޭނުންވާ މެޑިކަލް އިކުއިޕްމަންޓުތައް ވެސް ހޯދޭނެ އެވެ. މީގެ އިތުރުން ޞިއްޙީ ޚިދުމަތްދޭ ތަންތަން ތަރައްޤީކުރުމަށް އެހީތެރިކަން ވެސް މި އެއްބަސްވުމުގެ ދަށުން ލިބިގެންދާނެކަމަށް ހެލްތު މިނިސްޓްރީން ބުނެފައި ވެއެވެ.
މިއެއްބަސްވުމުގައި ސޮއިކުރީ، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް އަދި ސީޝުއާން ޕްރޮވިންސްއާ ގުޅިގެން އިއްޔެ ބޭއްވި ”ސީޝުއާން މޯލްޑިވްސް ޓްރޭޑް އެންޑް އިންވެސްޓްމަންޓް ކޯޕަރޭޝަން ކޮންފަރެންސް“ ގެ ތެރެއިންނެވެ. މިކޮންފަރެންސްގައި މިނިސްޓަރ އޮފް ހެލްތު ޑރ. ޢަބްދުالله ޚަލީލްގެ އިތުރުން ދައުލަތުގެ ވަޒީރުންނާއި، ސަރުކާރުގެ އިސްބޭފުޅުން ބައިވެރިވެވަޑައިގެންނެވި އެވެ.
މިއެއްބަސްވުން އެކުލަވާލުމުގެ މަޝްވަރާތައް ކުރެވިގެން ދިޔައ،ީ މިއަހަރުގެ ޖޫންމަހުގެ 5 އި ން 7 އަށް ސީޝުއާން ޕްރޮވިންސްގެ ހެލްތު ކޮމިޝަންގެ ވަފުދު ދިވެހިރާއްޖެއަށް ކުރި ދަތުރުގެ ތެރެއިންނެވެ. އެދަތުރުގައި މާލެ ސަރަޙައްދުގެ އެކި ހޮސްޕިޓަލްތަކަށް ޒިޔާރާތްކޮށް ހޮސްޕިޓަލްތަކުން ޚިދުމަތްތައްދެމުންދާގޮތް އެ ވަފުދުން ވަނީ ބައްލަވާފަ އެވެ.



