އދ. ހަންޏާމީދޫގެ ގެއެއްގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި އެގެ ދިރިނޫޅެވޭ ވަރަށް އަނދައިފި އެވެ.
ނެޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީ(ޢެންޑީއެމްއޭ) އިން މިއަދު ބުނީ، މިހާދިސާ ހިނގީ ރޭ ދަންވަރު ކަމަށެވެ. އަދި އެ ހާދިސާ އެގޭގައި ދިރިނޫޅެވޭވަރަށް ގެއްލުން ލިބިފައިވާކަމަށް އެއޮތޯރިޓީން ބުނެއެވެ.

އެންޑީއެމްއޭއިން އިތުރަށް ބުނެފައިވަނީ، އެގޭގައި ދިރިއުޅެމުންއައީ އެންމެ ފަރާތެއްކަމަށާއި، އެހާދިސާގައި އެމީހާ ހާލުގައި ޖެހިފައިވާތީ ވަގުތީ ބޯހިޔާޥަހިކަމާއި އެހެނިހެން ޒަރޫރީ އެހީތެރިކަން ފޯރުކޮށް ދެމުން އަންނަކަމަށެވެ. އަދި އެހީތެރިކަން ފޯރުކޮށްދެމުން އަންނަނީ އެރަށު ކައުންސިލް އާއި ގުޅިގެންކަމަށްވެސް އެންޑީއެމްއޭއިން ބުންޏެވެ.
އެގޭގައި އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވި ސަބަބު އަދި ސާފެއް ނުވެއެވެ. މިހާރު އެންޑީއެމްއޭއިން ދަނީ އެ ހާދިސާގެ އެސެސްމެންޓެއް ހަދަމުންނެވެ. އެ އެސެސްމެންޓަށްފަހު ގެއްލުން ލިބުނު ފަރާތަށް ހައްގު ބަދަލު ދޭނެކަމަށްވެސް އެންޑީއެމްއޭއިން ބުނެފައި ވެއެވެ.



