ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ޕްލާސްޓިކް ސަރޖަރީގެ ޚިދުމަތް ފަށައިފި އެވެ.
އެ ހޮސްޕިޓަލުގައި ޕްލާސްޓިކް ސަރޖަރީގެ ޚިދުމަތް ފެށީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. މިއީ މާލެ ފިޔަވައި ރާއްޖޭގައި ސިއްޙީ ފަރުވާދޭ އެހެން ރަށެއްގައި މިޚިދުމަތްފެށި ފުރަތަމަ ފަހަރެވެ.
ހެލްތު މިނިސްޓްރީން ބުނީ ޕްލާސްޓިކް ސަރޖަރީގެ ޚިދުމަތް އެ ހޮސްޕިޓަލުގައި ދެމުންދާނީ އައިޖީއެމްއެޗްގެ އެހީތެރިކަމާއެކުގައި ކަމަށެވެ. އެގޮތުން، ޚިދުމަތް ދެއްވުމުގައި އެ ހޮސްޕިޓަލުގައި އިސްކޮށް އުޅުއްވާނީ އައިޖީއެމްއެޗްގެ އެކްޓިންގ މެޑިކަލް ޑިރެކްޓަރ، ޑިޕާޓްމެންޓް އޮފް ސާޖަރީގެ ހެޑް އަދި ޕްލާސްޓިކް ސާޖަރީގެ ފުރަތަމަ ސަބް ސްޕެޝަލިސްޓް ޑރ. މުޙައްމަދު ވަޙީދުކަމަށް މިނިސްޓްރީން ބުނެފައި ވެއެވެ.
މިޚިދުމަތް ފެށުމަށް ބުރާސްފަތި ދުވަހު އެ ހޮސްޕިޓަލުގައި ބޭއްވި ރަސްމިއްޔާތުގައި މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހިމް ޢަބުދުއްރައްޒާޤް ޙަލީމް އާއި އައިޖީއެމްއެޗް އަދި ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލްގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.
ރާއްޖޭގެ ސިއްޙީ ނިޒާމު ހަރުދަނާކޮށް ރަށްރަށުން ލިބެންހުރި ޚިދުމަތްތައް ފުޅާކުރުމަށް ސަރުކާރުންދަނީ މަސައްކަތްކުރަމުންނެވެ. ވަކިން ޚާއްސަކޮށް ސްޕެޝަލިސްޓުންގެ ޚިދުމަތް އަތޮޅުތަކުގައި ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ކުރަމުންދާ މަސައްކަތްތައް ފާހަނގަކޮށްލެވެއެވެ.



