މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ(މިފްކޯ) އަކީ، ހިންގުން ހަރުދަނާ ކުންފުންޏަކަށް ބައްޓަން ކުރުމުގައި އެކުންފުނީގެ ބޯޑުގެ ދައުރު ފުރިހަމައަށް އަދާކޮށްދެއްވާނެކަމުގެ ޔަގީންކަން އެކުންފުނީގެ ޗެއާމަން އަހުމަދު ޝަރީފް ދެއްވައިފި އެވެ.
ޝަރީފް މި ޔަގީންކަން ދެއްވީ، މިމަހުގެ 7 އިން 8 އަށް ކަނޑުއޮތްގިރި ފިޝް ވިލެޖުގައި ކުރިއަށް ދިޔަ، ”މިފްކޯ އިފިޝެންސީ އެކްސަސައިޒް“ ނިންމުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގަ އެވެ.
ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުން ހަރުދަނާ ކުރުމުގެ ގޮތުން އަދުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ ރިފޯމް އެޖެންޑާ ފާހަގަކުރައްވައި ޝަރީފް ވިދާޅުވީ، އެފަދަ ކުންފުނިތަކުގެ ތެރެއިން އެންމެ ބޮޑު ރިފޯމް މަސައްކަތެއް މިފްކޯގެ މެނޭޖުމެންޓުން މިހާތަނަށް ކުރުމަކީ އިސްރާފު ކުޑަކުރުމަށް އެޅުނު ހަރުދަނާ ފިޔަވަޅެއް ކަމުގައެވެ. އަދި ވަކިން ހާއްސަކޮށް މިނިވަންދުވަހުގެ މުނާސަބަތުގައި ގައުމާ މުހާތަބުކުރައްވައި ރައީސް މުއިއްޒު ދެއްކެވި ވާހަކަފުޅުގައި އެކަން ފާހަގަކުރެއްވުމަކީ އެ ކުންފުންޏަށް ލިބުނު ވަރަށް ބޮޑު ފަހުރެއްކަންވެސް ޝަރީފް ފާހަގަކުރެއްވި އެވެ.
”މުވައްޒަފުންނަށާއި ކުންފުންޏަށް އޮތް އެންމެ ރަނގަޅު ގޮތް ހޯދައިދިނުމުގައި އަޅުގަނޑު މިހުރީ ސަރުކާރާއި ގުޅިގެން ބޯޑު ލެވެލްގައި ކުރަން ޖެހުނު ކޮންމެ މަސައްކަތެއް ކުރަން ތައްޔާރަށް. އިރާދަކުރެއްވިއްޔާ ބޯޑުގެ ނިންމުންތައް ބިނާވާނީ ކުންފުނީގެ ކުރިމަގަށް ވަރަށް ބޮޑަށް ވިސްނާފަ. އެއީ މުޅި ބޯޑުގެވެސް ވިސްނުން.“ ޝަރީފް ވިދާޅުވި އެވެ.
ކުންފުނީގެ ހިންގުން ހަރުދަނާ ކުރުމަށް ކުރެވޭ މަސައްކަތުގައި މެނޭޖުމެންޓަށް އިތުބާރު އެބައޮތް ކަމަށާއި، ހިންގުމުގެ ތެރެއަށް ދަތިވާ ކަން ކަން ހައްލުކުރުމަށް ބޯޑު ލެވެލްގައި ނިންމަންޖެހޭ ނިންމުންތައް ނިންމުމާއި، ކުންފުންޏަށް އެންމެ ލާބަހުރި ގޮތްތަކަށް ބޯޑު މެންބަރުންގެ މެދުގައި އަބަދުވެސް މަޝްވަރާ ކުރެެވެމުންދާކަން ޝަރީފް ފާހަގަކުރެއްވި އެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޝަރީފް ވިދާޅުވީ މިފަދަ މަހާސިންތާ ތަކުގެ ސަބަބުން ކަންކަން އޮންނަ ގޮތާއި، ކަން ހިނގަމުން އަންނަގޮތް ސާފުވެގެންދާ ކަމުގައެވެ. އަދި އެކަމަކަށް އޮންނަ އެންމެ ރަނގަޅު ގޮތް އިހުތިޔާރުކުރުމަށް މަޝްވަރާކޮށް، އެންމެ ފަހުގެ އިސްތިރާޖީ ވިސްނުންތައް ކުރިއަށް ނެރެގެން ދެމެހެއްޓެނިވިގޮތެއްގައި، ޒަމާނީ އައު ގޮތްތައް ހޯދައިގެން ހިދުމަތް ދިނުމަށް ފަސޭހަވެގެންދާކަމަށްވެސް ޝަރީފް ވިދާޅުވި އެވެ.
ޝަރީފް ވިދާޅުވިގޮތުގައި މި އެކްސަސައިޒްގެ ތެރެއިން ހިއުމަން ރިސޯސަސް މެނޭޖުމަންޓާއި، ޓެކްނިކަލް އަދި އިންޖިނިއަރިންގ ދާއިރާއަށް ވަރަށް ބޮޑު ސަމާލުކަމެއް ދީގެން ހަރުދަނާކުރަންޖެހޭ ގިނަ ކަންކަން އަދިވެސް އެބަހުއްޓެވެ. މީގެ އިތުރުން އައު މާކެޓްތައް ހޯދުމުގައި މެނޭޖުމެންޓުން ކުރާ މަސައްކަތުގައި ޕޮލިސީ ލެވެލްގައިވެސް ގިނަ ނިންމުންތަކެއް ނިންމަންޖެހޭކަން ޝަރީފް ފާހަގަކުރެއްވި އެވެ.
ޝަރީފްގެ ވާހަކަފުޅު ނިންމަވާލެއްވީ މިފްކޯގެ މެނޭޖުމެންޓާއި ހީވާގި މުވައްޒަފުން ކުރާ ބުރަ މަސައްކަތަށް ޝުކުރު އަދާކުރައްވަމުންނެވެ.




