ރަސްމީ ދަތުރުފުޅެއްގައި މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރ، ޑރ. ސުބްރަމާނިއަމް ޖަޔަޝަންކަރު އައްޑޫ ސިޓީއަށް ވަޑައިގެންފި އެވެ.
އެމަނިކުފާނު އައްޑޫ ސިޓީއަށް ވަޑައިގެންނެވުމުން ސަރުކާރުގެ ފަރާތުން މަރުހަބާ ވިދާޅުވީ ފޮރިން މިނިސްޓަރު މޫސާ ޒަމީރެވެ. މީގެ އިތުރުން އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށްޓަކައި، އައްޑޫ ސިޓީ މޭޔަރު އަލީ ނިޒާރާއި، ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން ގަން އިންޓަނޭޝަނަލް އެއާޕޯޓަށް ވަޑައިގެންނެވި އެވެ.
ޖަޔަޝަންކަރްގެ އައްޑޫސިޓީއަށް ކުރައްވާ މިދަތުރުފުޅުގައި އެމަނިކުފާނުގެ ދަތުރުގައި ބައިވެރިވަޑައިގަންނަވާ ވަފްދުގެ އިތުރުން، ރާއްޖޭގައި ހުންނަވާ އިންޑިއާގެ ހައިކޮމިޝަނަރު މުނޫ މަހާރުވެސް ބައިވެރިވަޑައިގެންނެވި އެވެ.
ފޮރިން މިނިސްޓްރީން ބުނީ، ޖަޔަޝަންކަރު އައްޑޫ އަށް ކުރައްވާ މި ދަތުރުފުޅުގައި އެގްޒިމް ބޭންކް އޮފް އިންޑިއާގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ ދަށުން ހިންގާ ދެ މަޝްރޫއުއެއް އިފްތިތާހު ކޮށްދެއްވާނެ ކަމަށެވެ. އެއީ އައްޑޫ ސިޓީގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއާއި، އައްޑޫ ސިޓީގައި އަލަށް ތަރައްގީކުރި ”ހަންކެޑެ“ ނުވަތަ ”އޯޝަން“ ބްރިޖްގެ މަޝްރޫއު އެވެ.
ޖައިޝަންކަރު ރާއްޖެއަށް ކުރައްވަމުން ގެންދަވާ ތިން ދުވަހުގެ ރަސްމީ ދަތުރުފުޅުގައި ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒާއި، ފޮރިން މިނިސްޓަރު މޫސާ ޒަމީރާއި، ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫން އާ ބައްދަލުކުރައްވާފަ އެވެ. އަދި، އެގްޒިމް ބޭންކް އޮފް އިންޑިއާގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ ދަށުން ރާއްޖޭގައި ގާއިމުކުރި ފެނާއި ނަރުދަމާގެ 28 މަޝްރޫއެއް ނިންމައި ސަރުކާރާއި އިއްޔެ ވަނީ ހަވާލުކުރައްވާފަ އެވެ.


