ހުޅުމާލެ ރެސްޓޯރެންޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.
މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯރސް(އެމްއެންޑީއެފް) އިން މައުލޫމާތުދިންގޮތުގައި މިއަދު ހެނދުނު 10:26 ހާއިރު އަލިފާން ރޯވީ ހުޅުމާލެ ފޭސް-1 ގެ ނިރޮޅުމަގުގައި ހުންނަ މެލްޓްޒް ރެސްޓޯރެންޓްގެ ބަދިގޭގަ އެވެ.
މި ހާދިސާގެ ރިޕޯޓް މާލެ ފަޔަރ ސްޓޭޝަނަށް ލިބުމާއެކު، އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، ހުޅުމާލެ ފަޔަރ ސްޓޭޝަންގެ ފަޔަރ ފައިޓަރުން އެ ތަނަށް ގޮސް އަލިފާން ނިއްވުމަށް ކުރި މަސައްކަތުން އެ ރެސްޓޯރަންޓު ބަދިގޭގައި ރޯވި އަލިފާން އެއްކޮށް ނިއްވާލެވުނީ މިއަދު 11:02 ހާއިރުއެވެ.
މިހާދިސާގައި އެ ރެސްޓޯރެންޓުގެ ބަދިގެއަށް ވަނީ ބޮޑެތި ގެއްލުންތައް ވެފަ އެވެ. އެގޮތުން، ކެއްކުމުގައި ބޭނުންކުރާ ބައެއް ސާމާނު ވަނީ އަނދާ ހުލިވެފަ އެވެ.
މިހާދިސާގައި ރެސްޓޯރެންޓްގެ ބަދިގެއަށް ގެއްލުންތަކެއް ލިބުނު ނަމަވެސް، އެއްވެސް މީހަކަށް އަނިޔާއެއް ވެފައެއް ނުވެއެވެ.
މިހާދިސާ ހިނގަން މެދުވެރިވި ސަބަބު އަދި ސާފެއް ނުވެއެވެ.



