ސްޓްރެޓެޖިކް ޕްލޭނިންގ ވޯކްޝޮޕް 2024 ގެ ދަށުން މިފްކޯގެ އިފިޝެންސީ އެކްސަސައިޒެއް ކަނޑުއޮތްގިރި ފިޝް ވިލެޖުގައި ބާއްވައިފި އެވެ.
މި މަހުގެ 7 އިން 8 އަށް ކުރިޔަށް ގެންދިޔަ ސެޝަންތަކުގައި ކުންފުނީގެ ޑިޕާޓްމެންޓުތަކުގެ މަސައްކަތްތައް ތަރުތީބު ކުރެވިފައިވާ ގޮތުގެ ޕްރެޒެންޓޭޝަންތައް ވަނީ ހުށަހަޅާފަ އެވެ. އަދި، ޑިޕާޓްމެންޓުތަކުގެ މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރުމަށާއި، އިސްރާފު ކުޑަ، ފެންވަރު ރަނގަޅު ހިދުމަތް ދެވޭނެ އައު ގޮތްތަކާއިމެދު ގްރޫޕު މަސައްކަތްތައް ވަނީ ކުރިއަށް ގެންގޮސްފަ އެވެ. އޭގެ ތެރޭގައި ކުންފުނީގެ ”އިމޭޖު“ ރަނގަޅު ކުރުމަށް ކުރެވިދާނެ ކަންތައްތަކާއި، ޓެކްނިކަލް އަދި އިންޖިނިއަރިންގ މަސައްކަތްތައް ތަރުތީބު ކުރާނެ އައު ގޮތްތަކާއި، ރިކަރަންޓު ހަރަދުތައް ދެނެގަތުން ހިމެނެއެވެ. މީގެ އިތުރުން މުސާރައާއި، ތެލާއި އެހެނިހެން ހިންގުމުގެ ހަރަދުގެ ތެރޭގައި ކުންފުންޏަށް ގެއްލުންވާ ގޮތްތައް ބަލައި، އެކަންކަމަށް ދާއިމީ ހައްލު ގެންނާނެގޮތްތަކާއި މެދު މަޝްވަރާކޮށްފައި ވެއެވެ. ވަކިން ހާއްސަކޮށް ކުންފުނީގެ ޕްރޮކިއުމެންޓް ފަންކްޝަން މިހާރު އޮތް ގޮތާއި ބަލްކް ޕްރޮކިއުމެންޓް ނިޒާމް ހިނގާ ގޮތާއި، އެ ނިޒާމުގައި ހުރި ފައިދާތަކާއި ގެއްލުންތަކުގެ މައްޗަށް މަޝްވަރާކޮށްފައި ވެއެވެ.

މިފްކޯ އެފިޝެންސީ އެކްސަސައިޒްގައި އެ ކުންފުނިން މިހާރު އުފައްދާ ކަނޑުމަހުގެ ބާވަތްތައް ބައިނަލްއަގްވާމީ ބާޒާރުގައި އިސްތިހާރުކޮށް ވިއްކުމަށް ގެންގުޅޭނެ އައު މާކެޓިން ޓެކްނިކްތަކާއި، އައު މާކެޓްތައް ހޯދުމާއި، ކޮލެޓީ ކޮންޓްރޯލް ކުރުމުގައި ގެންގުޅޭ މިންގަނޑުތަކާއިމެދުވެސް ވަނީ މަޝްވަރާ ކޮށްފައެވެ. އަދި ވެސެލް މޫވްމަންޓް އޮޕަރޭޝަން ކުރިއަށް ގެންދާ ގޮތާއި ލޯކަލް ޕްރޮޑަކްޓްތަކާއި، އަލަށް ކުރެވިދާނެ ވިޔަފާރިތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްފައި ވެއެވެ.

މި އެކްސަސައިޒްގައި މިފްކޯގެ ސައިޓްތަކުގެ އިސް ވެރިންގެ އިތުރުން އިންޖިނިއަރުން ބައިވެރިވެފައިވާއިރު، ކަނޑު މަހުގެ ރިޖެކްޝަން ހުންނަ މިންވަރާއި ފިޝް ކަލެކްޝަން އަދި އޮޕަރޭޝަންގެ ކަންކަން ހަރުދަނާކުރުމަށް މަސް ކިރާ ވަގުތުން ފެށިގެން އެކްސްޕޯޓް ޕްރޮސެސް ނިމެންދެން މޮނިޓަރިން މެކޭނިޒަމެއް ތައާރަފް ކުރުމަށްވެސް ވަނީ މަޝްވަރާކޮށްފަ އެވެ. އެގޮތުން ރިޖެކްޝަނާ ގުޅޭގޮތުން މައުލޫމާތު ފޯރުކޮށްދިނުމާއި ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ހިންގުމަށް މަޝްވަރާކުރެވުނެވެ.

މިފްކޯގެ މެނޭޖުމެންޓާއި އޮޕަރޭޝަނަލް މުވައްޒަފުންނަށް އަމާޒުކޮށް ހިންގި މި އެކްސަސައިޒްގައި އެކުންފުނީގެ 60 އަށް ވުރެ ގިނަ މުވައްޒަފުން ބައިވެރިވި އެވެ.
މިފްކޯގެ އަމާޒަކީ އެކުންފުނީގެ އެފިޝަންސީ އެކްސަސައިޒްގެ ތެރެއިން އަހަރެއްހާ ދުވަހުގެ ތެރޭގައި ކުންފުންޏަކީ ފައިދާގައި ހިނގާ އަދި ދައުލަތަށް ޑިވިޑެންޑު ދައްކާ ކުންފުންޏަކަށް ބަދަލުކުރުމެވެ.
މިފަދަ އެކްސަސައިޒެއް މިފްކޯގައި ކުރިއަށް ދިޔައިރު، އެ ކުންފުންޏަކީ ރައީސް މުއިއްޒު ގެންގުޅުއްވާ އެސްއޯއީތައް ރިފޯމް ކުރުމުގެ އެޖެންޑާގެ ދަށުން އެންމެ ގިނަ މަސައްކަތްތަކެއް މިހާރުވެސް ކޮށްފައިވާ ކުންފުންޏެވެ.



