ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، މާލެ ސިޓީ ކައުންސިލް މެންބަރުންނާ ބައްދަލުކުރައްވައި މާލެ ސިޓީގެ ތަރައްޤީއާ ގުޅޭ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައި ފިއެވެ.
މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ މިއަދު މާލެ ސިޓީ ކައުންސިލުގެ އިދާރާގައެވެ. މި ބައްދަލުކުރެއްވުމުގައި ކައުންސިލް މެންބަރުން ދެއްކެވި ވާހަކަފުޅުގައި، މިހާރު މާލެ ސިޓީގެ ތަރައްޤީއަށް ކުރަމުންދާ މަސައްކަތްތަކުގައި ކުރިމަތިވާ ގޮންޖެހުންތައް ޙިއްޞާކުރެއްވި އެވެ. އެގޮތުން ގޯތި ގެދޮރުގެ މައްސަލައަށާއި މަގުތައް ތޮއްޖެހުމުގެ މައްސަލައަށް އެދެވޭ ހައްލެއް ހޯދުމަށް ކުރެވެންހުރި ކަންކަމާގުޅޭގޮތުން މަޝްވަރާކުރެއްވި އެވެ. އަދި މާލޭގެ ސަހަރާތައް ތޮއްޖެހުމުގެ މައްސަލައާއި ކައުންސިލް ޚިދުމަތްތައް އެއްފުރާޅެއްގެ ދަށުން ނުދެވޭތީ ކުރިމަތިވާ ގޮންޖެހުންތައް ރައީސުލްޖުމްހޫރިއްޔާއާއި ޙިއްޞާކުރެއްވި އެވެ.
މީގެ އިތުރުންވެސް ރައްޔިތުންނަށް އެންމެ ފުރިހަމައަށް ޚިދުމަތް ދިނުމުގައި ކުރިމަތިވާ ގޮންޖެހުންތައް އެމަނިކުފާނާއި ޙިއްޞާކުރެއްވި އެވެ. މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މާލެ ސިޓީ ކައުންސިލްގެ ޚިދުމަތް އެއްފުރާޅެއްގެ ދަށުން ދިނުމަށް މިސަރުކާރުން މިހާރު ކުރައްވަމުންދާ މަސައްކަތްތައް ޙިއްޞާކުރައްވާފަ އެވެ. އަދި މާލެ ސިޓީ ކައުންސިލުން ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތް ފުރިހަމައަށް ދިނުމަށް ސަރުކާރުން ސިޓީ ކައުންސިލަށް ބޭނުންވާނެ ފުރިހަމަ އެއްބާރުލުން ދެއްވާނެކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވި އެވެ.
މީގެ އިތުރުންވެސް ޓްރެފިކްގެ މައްސަލަ ހައްލުކުރުމަށާއި، ގެދޮރުވެރިކަންފަދަ ރައްޔިތުންނާ އެންމެ ގުޅުންހުރި ކަންކަމުގައި ސިޓީ ކައުންސިލުގެ ބައިވެރިވުންވެސް ހިމަނުއްވައިގެން ކުރިއަށް ގެންދަވާނެކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ. ރައީސުލްޖުމްހޫރިއްޔާ މިއަދު މާލެ ސިޓީ ކައުންސިލަށް ކުރެއްވި ޒިޔާރަތުގައި އެމަނިކުފާނު ވަނީ މާލެ ސިޓީ ކައުންސިލް އިދާރާގެ ޢިއްޒަތްތެރިން ސޮއިކުރައްވާ ފޮތުގައި ސޮއިކުރައްވާފަ އެވެ. އަދި މާލެ ސިޓީ ކައުންސިލާއެކު އޮތް ބައްދަކުރެއްވުމަށްފަހު ކައުންސިލްގެ ފަރާތުން ވަނީ ރައީސުލްޖުމްހޫރިއްޔާއަށް ހަނދާނީ ފިލައެއް އަރުވާފަ އެވެ
.މިއަދުގެ ބައްދަލުކުރެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ރަށްރަށާއި ސިޓީ ކައުންސިލްތަކާ ބައްދަލުކުރެއްވުމުގެ ސިލްސިލާގެ ތެރެއިން ކުރިއަށްގެންދިޔަ ބައްދަލުކުރެއްވުމެކެވެ.


