ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، މާލެ ސިޓީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާ ބައްދަލުކުރައްވައިފި އެވެ.
މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ މިއަދު މާލެ ސިޓީ ކައުންސިލުގެ އިދާރާގަ އެވެ. މިއަދުގެ ބައްދަލުކުރެއްވުމުގައި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއިން ވަނީ އެބޭފުޅުން ކުރައްވަން ބޭނުންފުޅުވާ މަސައްކަތްތައް ކުރުމަށް ސަރުކާރުގެ އިދާރާތަކުން ބޭނުންވާ އެއްބާރުލުން ފުރިހަމައަށް ލިބޭކަމުގައި ފާހަގަކުރައްވާފަ އެވެ. އަދި އެބޭފުޅުން މިވަގުތު އެންމެ ކަންބޮޑުވެވަޑައިގަންނަވަނީ ކުރިއަށްއޮތް ތަނުގައި އެކޮމިޓީގެ މަސައްކަތްތަކަށް އަންނާނެ ބަދަލެއް އެނގިވަޑައިގެންފައިނެތުންކަމުގައި ވިދާޅުވިއެވެ. މީގެ އިތުރުންވެސް އެ ކޮމިޓީއިން ވަނީ މި އަހަރު ކުރުމަށް ނިންމާފައިވާ މުހިންމު ކަންކަމުގެ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާ އާއި ޙިއްޞާކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި އެމަނިކުފާނު ވަނީ މިހާތަނަށް އ.ތ.މ. ކޮމިޓީތަކުން އެންމެ ގިނައިން ފާހަގަކޮށްފައިވަނީ ސަރުކާރުގެ މުވައްޒަފެއްގެ ހައިސިއްޔަތުން ލިބެންޖެހޭ އިނާޔަތްތަކާއި މުސާރައާއި އެހެނިހެން ޗުއްޓީފަދަ ކަންކަން ނުލިބުން ކަމުގައި ވިދާޅުވެފަ އެވެ. އަދި އެކަންކަމަކީ ޤާނޫނީ ގޮތުން ގެންނަންޖެހޭ ބަދަލެއްކަމުގައި ފާހަގަކުރައްވައި އެކަން ކުރުމަށް މަސައްކަތް ކުރައްވާކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.
މީގެ އިތުރުން އ.ތ.މ. ކޮމިޓީގެ ސްޓްރަކްޗަރަށް ބަދަލު ގެންނަވާނީ އެކަމަށް ފަންނީ ލެވެލްގައި ދިރާސާކޮށް ކޮމިޓީގެ މަސައްކަތްތައް މިހާރަށްވުރެ ”އެފިޝަންޓް“ ވާނެގޮތަށްކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ. ހަމަ އެއާއެކު އެމަނިކުފާނު ވަނީ މި ސަރުކާރުން އަންހެނުން ބާރުވެރިކުރުވައި އެބޭފުޅުންގެ މަސައްކަތްތައް ކުރިއެރުވުމަށް ސަރުކާރުން ފުރިހަމައަށް މަސައްކަތް ކުރައްވާނެކަމުގައި ވިދާޅުވެފަ އެވެ.



