ގުޅީ ފަޅުން ބިން ލިބުނު ފަރާތްތަކަށް އިން ވަކިކޮށް ގޯތި ހަވާލުކުރެވޭނެ ވަކި ތާރީޚެއް ކަނޑައަޅަން މި ވަގުތު ދަތިކަމަށް މިނިސްޓަރ އޮފް ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓް ޑރ. ޢަލީ ޙައިދަރު އަޙްމަދު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު މިހެން ވިދާޅުވީ، މަޖިލީހުގެ މިއަދުގެ ޖަލްސާގައި ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހީމް ގުޅީފަޅުން ބިން ލިބުނު ފަރާތްތަކަށް އިން ވަކިކޮށް ބިން ހަވާލު ކުރަން ފެށޭނީ ކޮން ދުވަހަކުންތޯ ސާފުކުރެއްވުމަށް މިނިސްޓަރަށް ދެންނެވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.
ގުޅީ ފަޅުން ބިން ލިބުނު ފަރާތްތަކަށް އިން ވަކިކޮށް ބިން ހަވާލުކުރެވޭނެ ވަކި ތާރީޚެއް ކަނޑައަޅަން މި ވަގުތު ދަތި ވާ ތިން ސަބަބެއް މިނިސްޓަރު ހައިދަރުގެ ޖަވާބުގައި ފާހަގަކުރެއްވި އެވެ. އެގޮތުން ފުރަތަމަ ކަމަކީ ގުޅީ ފަޅު މި ވަގުތު ބްރިޖް މަސައްކަތުގެ ސައިޓަކަށް ބޭނުންކުރަމުން ދިއުމެވެ. އެ ސައިޓް ހުސްކުރެވޭނީ މިއަންނަ އަހަރުގެ ސެޕްޓެމްބަރު ހާތަނުގައި ކަމަށާއި، ގޯތި ދޫކުރެވޭނީ އޭގެ ފަހުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
”ބްރިޖްގެ މަސައްކަތަށް އެ ސައިޓް ބޭނުން ކުރަމުންދާއިރު، އެތަނުން ބިން އެލޮކޭޓްކޮށްގެން މީހުންނަށް ބިން ދޫކުރެވޭނީ އެތަނުގެ މަސައްކަތް ނިމުނީމައި. އެއީ އެތާނގައި ބޮޑެތި، ވަރަށް ބޮޑެތި ހެވީ ވެހިކަލްތައް ދުއްވާ ކޮންމެ ދުވަހަކުވެސް އެތާނގައި ދަތުރުކޮށް ހަދާ. ކުރިން ދޫކޮށްފައި ހުރި ގޯތިތަކުގެ ކަންމުޑިތައްވެސް އެއްކޮށް ހަލާކުވެގެން ހިނގައްޖެ އެކަމާ ހެދި. އެހެންވީމައި ވަކިކޮށް ހަވާލުކުރެވޭނީ އެމަސައްކަތް(ބްރިޖް މަސައްކަތް) ނިމުނީމައި. އެއީ މިއަންނަ އަހަރުގެ ސެޕްޓެމްބަރު ހާތާ ކަމަށް އިމާރާތްކުރުމާއި ބިނާރާބެހޭ ވަޒީރު އަޅުގަނޑަށް އެންމެ ފަހުން މައުލޫމާތު ދެއްވާފައި އޮތީ.“ މިނިސްޓަރު ހައިދަރު ވިދާޅުވި އެވެ.
ދެވަނަ ކަމެއްގެ ގޮތުގައި، މި ވަގުތު ގުޅީ ފަޅުގެ ބިން އެއްކޮށް ހިއްކާ ނުނިމި އޮތްކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ. މިނިސްޓަރު ވިދާޅުވީ، ގުޅީ ފަޅުން އިތުރު 85 ހެކްޓަރުގެ ބިން ހިއްކަން ޖެހޭ ކަމަށާއި، އެ ބިން ހިއްކުމުގެ މަޝްވަރާތައް އެމްޓީސީސީއާއެކު ކުރަމުން އަންނަކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި، ބިން ދޫކުރެވޭނީ ބިން ހިއްކައި ނިމުމުން ކަމަށެވެ.
”ބިން ހިއްކައެއް ނުއެއް ނިމޭ. ގޯތިތައް ދީފައި ހުރީ، ކަނޑުންނާއި ފަޅުން. ބިންހިއްކައި ނިންމާފައި ނޫނީ އެ ގޯތިތަކެއް ހަވާލެއް ނުކުރެވޭނެ.“ މިނިސްޓަރު ހައިދަރު ވިދާޅުވި އެވެ.
ތިންވަނަ ކަމެއްގެ ގޮތުގައި މިނިސްޓަރު ފާހަގަކުރެއްވީ ކުރީ ސަރުކާރުން ބިން އެލޮކޭޓްކޮށްފައި ހުރީ ދިރިއުޅެން އެކަށީގެންވާ ކަހަލަ ގޮތަކަށް ނޫންކަމަށެވެ. އެހެންކަމުން މި ސަރުކާރުން ތައްޔާރުކުރި ލޭންޑް ޔޫސް ޕްލޭނަށް ބިނާކޮށް އެތާނގައި ރައްޔިތުންނަށް ތަކުލީފަކާއި ނުލައި ދިރިއުޅެވޭނެގޮތަށް ހުރިހައި އުމްރާނީ، އިގުތިޞާދީ، އިޖުތިމާއީ ވަސީލަތްތަކާ އެކީގައި އެތަން ތަރައްގީ ކުރާނެކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި، އެ ޕްލޭން ތައްޔާރުކޮށްފައިވަނީ ގުޅީފަޅުގެ ކޮމިއުނިޓީއާ ބައްދަލުކޮށް މަޝްވަރާކޮށް ލޭންޑް ބަދަލުތަކެއް ގެނެސްގެން ކަމަށާއި، މިހާރު އޮތީ އެޕްލޭން ފާސްކުރުމުގެ އެންމެ ފަހު މަރުހަލާގައި ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.
”ލޭންޑް ޔޫސްޑް ޕްލޭނަށް ބޭސްކޮށް، ސާވޭއެއްކޮށްފައި ބިން ކަނޑައެޅިދާނެ އަޅުގަނޑުމެންނަށް. ބިން ކަނޑައަޅާ ނިމިގެން އެތާނގައި ކަށްމުޑި ޖަހަައިގެން ވެސް މިވަގުތައް އެކަން މުޑިތައް އެތާނގައި ހުންނާނެކަމުގެ ޔަގީންކަމެއް ނެތީމައި އެކަންތައް ކުރުމަކީ އަޅުގަނޑަށް ހީވަނީ އަލުން އެކަންތައް ކުރަން އަނެއްކާ އިތުރު ޚަރަދުތަކެއް ކޮށްގެން ކުރަންޖެހޭ ކަމަކަށްވާތީ އެކަންތައް ކުރުމަށް މިވަގުތު އެކަށީގެން ނުވާކަމަށް ބްރިޖް ސައިޓް މަސައްކަތް އެތާ ކުރިޔަށްދާތީ.“ މިނިސްޓަރު ހައިދަރު ވިދާޅުވި އެވެ.
މިނިސްޓަރުގެ ވާހަކަފުޅުގައި، ގިރާވަރުން ބިން ލިބިފައިވާ ފަރާތްތައް ގުޅީފަޅަށް ބަދަލުކުރުމުގެ މަސައްކަތްކުރަމުން އަންނަކަން ފާހަަގަ ކުރެއްވިއެވެ. އެގޮތުން، ގުޅީފަޅަށް ބިން ބަދަލުކުރަން ގުރުއަތުނަގައިގެން ހޮވުނު ފަރާތްތަކަށް ގުޅީފަޅުން ގޯތި ދޭން ކަނޑައަޅައި ނިންމައި، ލޭންޑް ޔޫސްޑް ޕްލޭންގައިވެސް އެކަން ހިމަނާފައިވާނެކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ބޯހިޔާވަހި ކަމަކީ މި ސަރުކާރުގެ އެންމެ އިސް އެއް ވައުދުތަކުގެ ތެރޭގައި ހިމެނޭ އެއް ވައުދު ކަމަށާއި، ރައީސް ޑރ، މުަހައްމަދު މުއިއްޒު ވައުދުވެވެޑައިގެންފައިވަނީ މި ފަސް އަހަރު ނިމޭއިރު މުޅި ރާއްޖޭގެ ހުރިހައި އެންމެންނަށްވެސް އެކަށިގެންވާ ބޯހިޔާވަހިކަމެއް ހޯއްދަވައި ދެއްވުންކަންވެސް މިނިސްޓަރު ފާހަގަކުރައްވާފައި ވެއެވެ.


