ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެ ފޭސް-2 އިން ބިން ލިބޭނެކަމަށް ކަނޑައަޅާފައިވާ ހުރިހައި ފަރާތްތަކަށް އަންނަ އޮކްޓޯބަރުމަހުގެ ނިޔަލަށް ގޯތި ހަވާލުކޮށް ނިމޭނެކަމަށް ލަފާކުރެއްވޭކަމަށް، މިނިސްޓަރ އޮފް ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓް ޑރ. ޢަލީ ޙައިދަރު އަޙްމަދު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު މިހެން ވިދާޅުވީ، މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ބިންވެރިޔާ ސްކީމްގެ ދަށުން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން މާލޭ މީހުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ގޮތުން ދީފައިވާ ގޯތިތައް އޭގެ ވެރިފަރާތްތަކާ ހަވާލުކުރެވޭނީ ކިހާހިސާބަކުންތޯ ސާފުކުރެއްވުމަށް، ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހީމް، މިނިސްޓަރަށް ދެންނެވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.
ޖަވާބުގައި މިނިސްޓަރު ވިދާޅުވީ ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެ ފޭސް-2 އާއި ފޭސް-3 އިން ބިން ދޫކުރަން ނިންމާ އެކަން އަންގާފައި ވީނަމަވެސް، އެއީ ނަމެއްގައި ކޮށްފައި އޮތްކަމެއް ކަމަށެވެ. ކުރީ ސަރުކާރުން ބިން ދޫކުރި ކަމުގެ ލިޔުން ދީފައި އޮތުމުން މިސަރުކާރުން މިހާރުކުރަމުން ދާ މަސައްކަތަކީ އެތަންތަނަކީ މީހުން ދިރިއުޅެވޭނެ ތަންތަނަށް ބަދަލުކުރުމުގެ މަސައްކަތް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
”ގޯތިތަކެއް ނޫން ދެެއްތޯ ދީފައި ހުރީ؟ އަޅުގަނޑު ހިތުން ގޯތިތަކަށް މީހުން ބަދަލުކުރަން މިޖެހެނީ މި ސަރުކާރުން އައިސް. ކަނޑުން ދީފައި ހުންނަ އެއްޗަކަށް ގޯއްޗެކޭ ނުކިޔާނެ. އެހެންވީމައި މިސަރުކާރުން އައިސް ބިން ހިއްކައިގެން ގޯތިތަކަކަށް މިބަދަލުކުރަނީ އަޅުގަނޑުމެން. އެހެންވީމައި އެ ގޯތިތައް ދޭން ކަނޑައެޅުނު ހުޅުމާލެ ފޭސް-2 އިންނާއި ހުޅުމާލެ ފޭސް 3 އިން.“ މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ، ހުޅުމާލެ ފޭސް-2 އިން ދޭންޖެހޭ ގޯތިތައް ބަހާފައި ހުރިއިރު، ކުންފުނީގެ މަސައްކަތްތަކަށް ސާމާނު ބަހައްޓާ ސައިޓުތަކުންނާއި، ބައެއް މަގުތަކުންނާއި، ގޯޅިތަކުން ގޯތި ދީފައި ހުރި ކަމަށެވެ. އަދި، ބައެއް ގޯތިތައް ހުރީ ކަރަންޓް ނަރުތަކާއި ކަރަންްޓް ފޮށިތައް ގޯތިތެރެއަށް ވާގޮތަށް ކަމަށާއި، އެކަންކަން ހައްލުކޮށް ފަސްފުނިތައް ނަގައި، ކަރަންޓް ފޮށިތައް ދުރުކޮށް، އިން ސާފުކޮށް ރައްޔިތުންނާ ގޯތި ހަވާލުކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށެވެ. އެގޮތުން ބަލާއިރު، ގޯތި ދޭންޖެހޭ ގޮތަށް ބިންތައް ބަދަލުކޮށް، ފޭސް-2 އިން ދޭންޖެހޭ 1407 ގޯތީގެ ތެރެއިން 623 ގޯތި މިހާރުވެސް ވެރިފަރާތްތަކާއި ހަވާލުކުރެވިފައިވާކަމަށާއި، މިހާރު ލަފާކުރެވޭގޮތުގައި މި އޮކްޓޯބަރުމަހުގެ ނިޔަލަށް ފޭސް-2 ގައި ހުރި ހުރިހައި ގޯއްޗެއް ހަވާލުކޮށް ނިންމާނެކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ކުރީ ސަރުކާރުން ފޭސް-3 އިން ގޯތި ދީފައިވަނީ ފަޅުން ބައެއް ރަޖިސްޓްރީކޮށްދީގެން ކަމަށާއި، އެއީ އެސަރުކާރުން ވަރަށް ޒިންމާދާރުކަން ކުޑަކޮށް ކޮށްފައިވާ ކަމެއް ކަމަށެވެ. އަދި މިސަރުކާރުން ބިން ހިއްކައި ނިންމައި ބިން ލިބޭނެކަމަށް ކަނޑައަޅާފައިވާ 699 ފަރާތަށް ބިން ހަވާލުކުރާނެކަމުގެ ޔަގީންކަން މިނިސްޓަރު ދެއްވި އެވެ.
”އެއީ ޒިންމާދާރު ސަރުކާރަކުން ކަން ކުރައްވާނެގޮތެއްވެސް ނޫން އެއީ އަޅަުގަނޑު ދެކޭގޮތުގައި. ރައީސުލްޖުމްހޫރިއްޔާ ބޭނުންފުޅުވަނީ ޒިންމާދާރުކަމާ އެކީގައި ގޯތި ބައްސަވަން. އެހެންވީމައި ހުޅުމާލެ ފޭސް-3ގެ ފަޅުން ގޯތި ލިބުނު 699 ފަރާތަށްވެސް މިސަރުކާރުން ގޯތި ހަވާލުކުރާނީ ބިން ހިއްކުމަށް ފަހު. ފޭސް-3 ގެ ބިން ހިއްކާ އަމަލީ މަސައްކަތް ފެށޭނެކަމަށް ލަފާކުރެވެނީ މިއަހަރު ނޮވެންބަރު ހާ ތާނގައި.“ މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ، ބިންވެރިޔާ ސްކީމްގެ ދަށުން 5618 ފަރާތްތަކަށް ގޯތި ދީފައިވަނީ ގިރާވަރު ފަޅުތެރެއިން ކަމަށާއި، މި ސަރުކާރުން ފަޅު ހިއްކައި ހިކި ފަސް ބިމުން އެއްވެސް ފަރާތެއް އުނިނުކޮށް އެގޯތިތައް މާލޭ ރަށްވެހިންނާ ހަވާލުކުރާނެކަމަށެވެ. އަދި، ބިންވެރިޔާ ސްކީމްގެ ދަށުން ކުރީ ސަރުކާރުން ގޯތި ދޭން ނިންމި ހުރިހައި ފަރާތްތަކަށްވެސް މި ސަރުކާރުން ގޯތި ހަވާލުކުރާނެކަމުގެ ޔަގީންކަން މިނިސްޓަރު ދެއްވި އެވެ.
”އެއީ އެ ފަރާތްތަކުގެ ހައްގެއްކަމަށް އަޅުގަނޑުމެން ދެކެމޭ. އެ ހައްގު ޔަގީންކޮށްދިނުމަކީ ރައީސުލްޖުމްހޫރިއްޔާގެ ވައުދުފުޅެކޭ. މިހާރު މިއުޅެނީ އެޑްމިނިސްޓްރޭޓިވް މައްސަލަތަކެކޭ. ކުރިން ފާހަގަކުރިހެން ގޯތިތައް ދީފައި ހުރީ ކަނޑު ފަޅުންނޭ. ކަނޑު ފަޅުން މީހުންގެ މައްޗަށް ގޯތި ރަޖިސްޓްރީ ނުކުރެވޭތީ ރަޖިސްޓްރީ ހެދުމާމެދު ބިން ހިއްކުމަށްފަހު ނޫނިއްޔާ އެކަން ނުކުރެވޭނެކަން ކުރިންވެސް އަޅުގަނޑު ދެންނެވިން.“ މިނިސްޓަރު ވިދާޅުވި އެވެ.
މިއަދުގެ ޖަލްސާގައި، މާލޭގެ ރައްޔިތުންނަށް ގޯތިތައް ހަވާލު ކުރެވޭނެ ދުވަހެއް އޮޅުން ފިލުވުމަށް މެންބަރުން ގިނަ ސުވާލުތަކެއް މިނިސްޓަރަށް ހުށަހެޅުއްވި އެވެ.




