މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ)ގެ ފެކަލްޓީ އޮފް އިންޖީނީއަރިން ސައިންސް އެންޑް ޓެކްނޮލޮޖީ އިން ދިވެހި ޒުވާނުންނަށް ދަރިވަރުންނަށް އަމާޒުކޮށް ރޮބޮޓާއި ގުޅޭ މައުލޫމާތު ދިނުމަށް ވޯކްޝޮޕެއް ބާއްވަން ނިންމައިފި އެވެ.
’އިންޓްރޮޑަކްޝަން ޓު ރޮބޮޓިކްސް‘ ނަމުގައި މި ވޯކްޝޮޕް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ހޮނިހިރު ދުވަހުގެ ހެނދުނު 9 އަކުން މެންދުރު 1 ކަށް ސޯސަންގޭގަ އެވެ. ގުރޭޑް 9 އަކުން މަތީގެ ދަރިވަރުންނަށާއި ޒުވާނުންނަށް މި ވޯކްޝޮޕްގައި ބައިވެރިވުމުގެ ފުރުސަތު މިހާރު އެމްއެންޔޫއިން ވަނީ އާންމުކޮށް ހުޅުވާލާފަ އެވެ.
މި ވޯކް ޝޮަޕަކީ، ޓެކްނޮލޮޖީގެ ޒަރިއްޔާއިން ރޮބޮޓް އުފެއްދުމާއި ފަރުމާކުރުމުގެ އިތުރުން ރޮބޮޓް ހިންގުމާއި ގުޅޭގޮތުން ކިޔަވާކުދިންނާއި ޒުވާނުން ހޭލުންތެރިކުރުވުމުގެ މަގުސަދުގައި ކުރިޔަށް ގެންދާ ވޯކްޝޮޕެއްކަމަށެވެ. އެގޮތުން، ރޮބޮޓިކްސްގެ އަސާސީ މަޢުލުމާތާއި، މައިކްރޯ ކޮންޓްރޯލަރއާއި މައިކްރޯ ޕްރޮސެސަރ، ރޮބޮޓިކް އަލްގޮރިތަމްސް އެން ޔޫސް އޮފް އެންބެޑެޑް ސިސްޓަމްސް، ސެންސާރސް ފަދަ ރޮބޮޓިކްސްއާއި ގުޅުން ހުރި މަޢުލުމާތު ވޯކްޝޮޕްގެ ބައިވެރިންނާއި ހިއްސާކުރުމަށް ހަަމަޖެހިފައިވާކަމަށް އެމްއެންޔޫއިން ބުނެފައި ވެއެވެ.


