މާލެއިން ގެއްލިގެން ހޯދަމުން ދިޔަ ޒުވާނާގެ ޚަބަރެއް ވެފައިވާ ކަމަށް އާއިލާއާ ހަވާލާދީ މިއަދު ފުލުހުން ބުނެފި އެވެ.
ވީނުވީއެއް ނޭނގި މި މަހުގެ 8 ވަނަ ދުވަހުގެ ހެނދުނުން ފެށިގެން ގެއްލިފައިވާ ކަމަށް އާއިލާއިން ރިޕޯޓްކުރުމާއި ގުޅިގެން ފުލުހުން ހޯދަމުން ދިޔައީ، އަޙްމަދު އަނިލް މުޙައްމަދު (23އ)، ހދ. ކުޅުދުއްފުށި / ކިނާރާގެ، އެވެ. އަނިލް މިހާރު ދިރިއުޅެމުން އަންނަނީ މާލޭގައި ކަމަށާއި 8 ވަނަ ދުވަހުން ފެށިގެން އޭނާގެ ޚަބަރެއް ނުވާކަމަށް އާއިލާއިން ރިޕޯޓްކުރުމުން ފުލުހުން އޭނާގެ ފޮޓޮއާ ވަނަވަރު ހާމަކޮށް ހޯދަން އިއުލާނުކޮށްފައި ވެއެވެ.
މި ކަމާއި ގުޅިގެން މިއަދު ފުލުހުން ބުނީ، އަނިލް މިހާރު އާއިލާއަށް ގުޅާފައިވާ ކަމަށެވެ. އަދި ހާލު ރަނގަޅު ކަމަށް އޭނާ ބުނެފައިވާ ކަމަށްވެސް އާއިލާއިން މައުލޫމާތު ދީފައިވާކަމަށް ފުލުހުން ބުންޏެވެ.
ގެއްލުނުތާ ހަތަރު ދުވަސް ފަހުން ޒުވާނާ ފެނުނު ނަމަވެސް، މިކަމާއި ގުޅޭ އިތުރު މައުލޫމާތެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.



