ހުޅުމާލޭގެ ދުވާރުމަތީގައި ބަހައްޓާފައި ހުރި ގޮނޑި މޭޒާއި އެ ނޫނަސް އާންމުންނަށް ދަތިވާނެހެން ބަހައްޓާފައި ހުރި ތަކެތި ރަސްމީކޮށް ނެގުމުގެ މަސައްކަތް ހުޅުމާލެ ޑެވެލޮޕްމެންޓް ކޯޕަރޭޝަން(ޢެޗްޑީސީ) އިން ފަށައިފި އެވެ.
އެޗްޑީސީން މިއަދު ނަގަމުން ދަނީ ކެފޭ ރެސްޓޯރެންޓްތަކުން ދުވާރުމަތީގައި ބަހައްޓާފައި ހުރި ގޮނޑިއާއި މޭޒާއި، އެ ނޫނަސް އާންމުންނަށް ދަތިވާނެހެން ބަހައްޓާފައި ހުރި ތަކެތި ކަމަށް އެޗްޑީސީން ބުނެފައި ވެއެވެ. މިއީ، ހުޅުމާލެއަކީ ހިތްފަސޭހަ ތަނަކަށް ހެދުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން އެޗްޑީސީން ކުރަމުން އަންނަ މަސައްކަތެކެވެ. މިމަސައްކަތް ފެށީ ކަމާބެހޭ އިދާރާތަކާ ގުޅިގެންކަމަށް އެޗްޑީސީން ބުންޏެވެ.
އެޗްޑީސީން މަގުމަތީގައި ގޮނޑިމޭޒު ބަހައްޓައިގެން ޚިދުމަތްދޭ ހުޅުމާލޭ ވިޔަފާރިތަކުން އެކަން އެގޮތަށް ނުކުރުމަށް ތަކުރާރުކޮށް އިލްތިމާސްކޮށްފައި ވެއެވެ. އަދި ރަސްމީކޮށް ތިން ފަހަރެއްގެ މަތިން މަގުމަތީގައި އެގޮތަށް ބަހައްޓާފައި ހުރި ތަކެތި ނެގުމަށް އާންމުކޮށް އަންގައި އިއުލާނުވެސް ކޮށްފައި ވެއެވެ.
މިގޮތަށް އަންގައި އެކުންފުނިން އާންމުކުރި އިއުލާނުތަކުގައި ބުނެފައިވަނީ، ހުޅުމާލޭގެ އެކި ސަރަހައްދުތަކުގެ ދުވާރުމަތީގައި އަދި ހެޖުތެރޭގައި ކެފޭ ރެސްޓޯރެންޓް އަދި ޓޭކް އަވޭ ޕޮއިންޓްތަކުން ގޮނޑި، މޭޒު ބަހައްޓައިގެން ޚިދުމަތް ދެމުންގެންދާކަން އެ ކޯޕަރޭޝަނަށް ފާހަގަކުރެވޭކަމަށެވެ. އަދި، އެގޮތަށް ދުވާރު މައްޗާއި ހެޖުތެރޭގައި ގޮނޑިއާއި، މޭޒު ބަހައްޓައިގެން ވިޔަފާރި އުސޫލުން ބޭނުންކުރުމަކީ މަނާކަމެއް ކަމަށް އަންގައި، އާންމުންނަށް ދުވާރު މަތީގައި އަދި ހެޖުތެރޭގައި ބަހައްޓިފައިވާ ގޮނޑިއާއި މޭޒު ފަދަ ތަކެތި ނަގައި ދިނުމަށް އެދޭކަމަށް ބުނެފައި ވެއެވެ.
އެޗްޑީސީން ވިޔަފާރި ކުރާ ފަރާތްތަކުން ކަނޑައެޅިފައިވާ އުސޫލުތަކާއި އެއްގޮތަށް އަމަލުކުރުމަށް އިލްތިމާސްކޮށް، އެގޮތަށް އަމަލު ނުކުރާ ފަރާތްތަކާމެދު ކަމާ ގުޅުންހުރި ވުޒާރާތަކާ ގުޅިގެން ކަނޑައެޅިފައިވާ އުސޫލުން ފިޔަވަޅުތައް އަޅާނެކަމުގެ އިންޒާރު ތަކުރާރުކޮށް ދިނުމުންވެސް ގިނަ ފަރާތްތަކަކުން އެކަމަށް އެކަށީގެންވާގޮތެއްގައި އިޖާބަ ދީފައިނުވާކަން ފާހަގަކުރެވެއެވެ.
އެޗްޑީސީން ބުނީ، ދުވާރުމަތީގައާއި، ހެޖުތެރޭގައި މޭޒާއި ގޮނޑިފަދަތަކެތި ބަހައްޓައިގެން ވިޔަފާރި ޚިދުމަތް ދެމުން އަންނައިރު، އެކަމުގެ ސަބަބުން އާންމުންނަށް ގިނަ ދަތިތައް ކުރިމަތިވެގެން، އެކަމުގެ ޝަކުވާ އާންމުން އެ ކޯޕަރޭޝަނަށް ހުށަޙަޅާކަމަށެވެ. އެޝަކުވާތަކުގެތެރޭގައި، ހިނގާ ބިގާވެ އުޅޭ ފަރާތްތަަކަށް ދަތިވާގޮތަށް ދުވާރު ބޭނުންކުރުމާއި، ސްކޫލް ހިމެނޭ ސަރަހައްދުތަކުގައި ދުންފަތުގެ އސްތިުއމާލު ކުރުުން ހިމެނެއެވެ. އަދި އެކަމުގެ ސަބަބުން، އާންމުންނާއި، ކުޑަކުދިންނަށް ދުންފަތުގެ ދުމުގެ ނޭދެވޭ އަސަރު ކުރުމާއި، އަދަބާއި ޚިލާފު އިބާރާތްތަކުން މުއާމަލާތްކުރުމުގެ ޝަކުވާ ބެލެނިވެރިންގެ ފަރާތުންނާއި ސްކޫލްތަކުން ވެސް ހުށަހަޅާފައިވާކަމަށް އެޗްޑީސީން ބުންޏެވެ.




