ވައިގަދަވާނެ ކަމަށް ލަފާކޮށް އުތުރުގެ އަތޮޅުތަކަށް ނެރެފައިވާ ޔެލޯ އެލާޓް ދަންމާލައިފި އެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާއިން އުތުރުގެ އަތޮޅުތަކަށް ހެނދުނު 09:00 ޖެހިއިރު ވައިޓް އެލާޓް ނެރެފައި އޮތުމަށްފަހު ޔެލޯ އެލާޓަށް ބަދަލުކުރީ ހެނދުނު 11:00 ފެށިގެން މެންދުރު ފަހު 03:00 ޖެހުމާ ހަމަޔަށެވެ. އޭރެ ނެރުނު އެލާޓްގައި ބުނެފައިވަނީ، އުތުރުގެ ސަރަހައްދަުތަކަށް، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވެ ކަނޑުތައް ގަދަވާނެކަމަށް ލަފާކުރެވޭކަމަށެވެ. އަދި ގުގުރުމާއެކު ވާރޭވެހޭނެކަމަށްވެސް ލަފާކޮށްފައި ވެއެވެ.
އެ އެލާޓްގެ ވަގުތު ހަމަވުމާއެކު މިހާރު މެޓް އޮފީހުންވަނީ މިރޭ 07:00 ޖެހުމާ ހަމަޔަށް ޔެލޯ އެލާޓް ދަންމާލާފަ އެވެ. ހއ އިން ފެށިގެން އދ އަތޮޅާއި ހަމަޔަށް ދަންމާލި މި އެލާޓްގައި ބުނެފައި ވަނީ އެސަރަހައްދަށް ބޯކޮށް ވާރޭވެހި ގުގުރާނެކަމަށެވެ. އަދި، އާންމުގޮތެެއްގައި ގަޑިއަކު 25 މޭލާއި 23 މޭލާއި ދެމެދު ވައި ޖެހި އަދި ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައި ގަދަވާނެކަމަށެވެ. މީގެ އިތުރުން ކަނޑުތައްވެސް ގަދަވާނެކަމަށް ލަފާކޮށްފައި ވެއެވެ.
މުޅި ރާއްޖެއަށް މި ހަފުތާގައި މޫސުން ގޯސްވާނެކަމަށް މީގެ ކުރިންވެސް މޫސުމާއި ބެހޭ އިދާރާއިން ވަނީ ބުނެފަ އެވެ. މިއަދުވެސް މޫސުން ގޯސްވެ، މުޅި ރާއްޖެއަށް ހުދު ސަމާލުނެރުނެވެ. އެހެންނަމަވެސް މެދު ރާއްޖެތެރެއާއި ދެކުނަށް މިހާރު އެއްވެސް ސަމާލެއް ނެރެފައެއް ނެތެވެ.




