ފެންބޮޑުވާނެކަމަށް ލަފާކޮށް އެންމެ އުތުރުގެ ތިން އަތޮޅަށް މޫސުމާބެހޭ ގައުމީ އިދާރާއިން އޮރެންޖެ އެލާޓް ނެރެފި އެވެ.
އޮރެންޖް އެލާޓް ނެރެފައިވަނީ 16:00 އިން 19:00 އަށް، ހއ އިން ފެށިގެން ށ އަތޮޅާއި ހަމަޔަށެވެ. މި ތިން އަތޮޅަށް އެލާޓް ނެރެފައިވާ ވަގުތުތަކުގައި ގުރުމާއެކު ބޯކޮށް ވާރޭވެހި ފެންބޮޑުވާނެކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ލަފާކުރެއެވެ.
ހެނދުނު 11:00 ފެށިގެން މެންދުރު ފަހު 04:00 ޖެހުމާ ހަމަޔަށް މި ތިން އަތޮޅުވެސް އޮތީ ޔެލޯ އެލާޓްގަ އެވެ. އުތުރުގެ އެހެން އަތޮޅުތަށް އަދިވެސް އޮތީ މިރޭ 07:00 ޖެހުމާ ހަމަޔަށް ޔެލޯ އެލާޓްގަ އެވެ. އެ އެލާޓްގައި ބުނެފައި ވަނީ އެސަރަހައްދަށް ބޯކޮށް ވާރޭވެހި ގުގުރާނެކަމަށެވެ. އަދި، އާންމުގޮތެެއްގައި ގަޑިއަކު 25 މޭލާއި 23 މޭލާއި ދެމެދު ވައި ޖެހި އަދި ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައި ގަދަވާނެކަމަށެވެ. މީގެ އިތުރުން ކަނޑުތައްވެސް ގަދަވާނެކަމަށް ލަފާކޮށްފައި ވެއެވެ.
މުޅި ރާއްޖެއަށް މި ހަފުތާގައި މޫސުން ގޯސްވާނެކަމަށް މީގެ ކުރިންވެސް މޫސުމާއި ބެހޭ އިދާރާއިން ވަނީ ބުނެފަ އެވެ. މިއަދުވެސް މޫސުން ގޯސްވެ، މުޅި ރާއްޖެއަށް ހުދު ސަމާލުނެރުނެވެ. އެހެންނަމަވެސް މެދު ރާއްޖެތެރެއާއި ދެކުނަށް މިހާރު އެއްވެސް ސަމާލެއް ނެރެފައެއް ނެތެވެ.



