ރާއްޖޭގައި އިންވެސްޓްކުރުމަށް ހުރި ފުރުސަތުތަކާ ގުޅޭ މައުލޫމާތު ބަހްރައިންގެ މިނިސްޓަރ އޮފް ފިނޭންސް އެންޑް ނޭޝަނަލް އިކޮނޮމީ ޝައިޚް ސަލްމާން ބިން ޚަލީފާ އަލް ޚަލީފާއަށް އަރުވައިފި އެވެ.
އެ މަނިކުފާނަށް މި މައުލޫމާތު އަރުވާފައިވަނީ ފޮރިން މިނިސްޓަރު މޫސާ ޒަމީރު މިހާރު ބަހްރައިނަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ބޭއްވެވި ބައްދަލުވުމެއްގަ އެވެ.
މި ބައްދަލުވުމުގައި، ދެ ބޭފުޅުން ވަނީ ރާއްޖޭގެ މާލީ އަދި ތަރައްގީގެ ސިޔާސަތުތަކާއި، ރާއްޖޭގެ ތަރައްޤީގެ ދަތުރުގައި ބަޙްރެއިންއިން އެއްބާރުލުން ދެވޭނެގޮތްތަކާއެކު މެދު މަޝްވަރާކުރެއްވި އެވެ. އަދި ރާއްޖޭގައި ހުރި އިޤްތިޞާދީ އަދި އިންވެސްޓްމަންޓް ފުރުޞަތުތަކާބެހޭ މަޢުލޫމާތު ބަހްރައިންގެ މިނިސްޓަރަށް އަރުވާފައި ވެއެވެ.
ފޮރިން މިނިސްޓަރު މޫސާ ޒަމީރު ބަހްރެއިނަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އިއްޔެ ބަހްރައިންގެ ފޮރިން މިނިސްޓަރު ޑރ. އަބްދުލްއާތިފް ބިން ރާޝިދު އަލް ޒަޔާނީއާވެސް ބައްދަލުކުރެއްވި އެވެ. މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކޮށްފައިވަނީ ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާއި އަދި އިގްތިސާދީ ގޮތުން އެއްބާރުލުން ދިނުމާ ގުޅޭގޮތުންނެވެ. އަދި ދެ ގައުމުގެ މެދުގައި ޕޮލިޓިކަލް ކޮންސަލްޓޭޝަން ކުރިއަށް ގެންދިއުމާ ގުޅޭގޮތުން މި ބައްދަލުވުމުގައި ދެ ބޭފުޅުން މަޝްވަރާ ކުރެއްވި ކަމަށްވެސް ފޮރިން މިނިސްޓްރީން ބުނެފައި ވެއެވެ.
މި މަހުގެ 15ވަނަ ދުވަހާ ހަމައަށް، ޚާރިޖީ ވަޒީރު މޫސާ ޒަމީރުގެ ބަހްރައިނަށް ކުރައްވަމުންގެންދަވާ މި ދަތުރުފުޅަކީ ބަހްރައިންގެ ޚާރިޖީ ވަޒީރު ޑރ. ޢަބްދުއްލަތީފް ބިން ރާޝިދު އަލް ޒަޔާނީގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.
މި ދަތުރުފުޅުގައި، މިނިސްޓަރުގެ އަރިހުގައި އެމްބެސެޑަރ އެޓް ލަރޖް އަހުމަދު ނަސީރާއި، ބައިލެޓަރަލް ސެކްރެޓަރީ ޑރ. ހާލާ ހަމީދު ހިމެނޭހެން ޚާރިޖީ ވުޒާރާގެ އިސް ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.



