”ހޯޕް އައިލެންޑް“ އަށް ފައިނޭންސްކުރާނެ ގޮތުގެ މޮޑެލްއެއް އަންނަ ހަފުތާގައި އިކޮނޮމިކް ކައުންސިލަށް ހުށަހަޅުއްވާނެކަމަށް ދާޚިލީ ވަޒީރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.
ވަޒީރު އިހުސާން ވިދާޅުވީ، ”ހޯޕް އައިލެންޑް“ގެ ކުރެހުމުގެ މަސައްކަތް މިހާރު ނިމިފައިވާ ކަމަށާއި، އެއަށް ފައިނެންސް ކުރާނެގޮތުގެ މޮޑެލް މިފެށޭ ހަފްތާގެ ތެރޭގައި އިކޮނޮމިކް ކައުންސިލަށް ހުށަހަޅުއްވާނެކަމަށެވެ.
”ހޯޕް އައިލެންޑް“ އަކީ، ކުށަށް އަރައިގަންނަ ކުޑަކުދިން ކުށުގެ މާޙައުލުން ދުރުކޮށް އެކުދިން ރަނގަޅު މަގަށް ގެނައުމަށް ސަރުކާރުން ގާއިމުކުރާ ރީހެބިލިޓޭޝަން ފެސިލިޓީއެެކެވެ. މި ފެސިލިޓީ ގާއިމުކުރަން ނިންމިކަން ސަރުކާރުން ހާމަކޮށްފައިވަނީ މިއަހަރުގެ އޭޕްރީލް މަހުގެ 6 ވަނަ ދުވަހު އެވެ.
”ހޯޕް އައިލެންޑް“ގެ ގޮތުގައި ދ. ވާނީ ހަމަޖައްސާފަވާއިރު އެއްފަހަރާ 400 ކުދިން މިތަނުގައި ބައިތިއްބައިގެން ރިހެބިލިޓޭޓް ކުރާގޮތަށްވަނީ ނިންމާފަ އެވެ. އެގޮތުން އެތަނުގައި، ކޮންމެ ދުވަހެއްގެ ފަތިސް ނަމާދުން ފެށިގެން، ދީނުގައި މަޖުބޫރުކުރާ ހުރިހާ ކަމެއް އެ ކުދިން ލައްވައި ކުރުވައި، ރަސްމީ ތައުލީމާއި ކަސްރަތު ކުރުމުގެ އިތުރުން، އެކި ހުނަރުތައް ދަސްކޮށްދިނުމުގެ ޕްރޮގްރާމްތައް ހިންގުމަށްވެސް ވަނީ ނިންމާފަ އެވެ.
ހޯޕް އައިލެންޑަށް ގެންދާ ކުދިން 18 އަހަރު ވަންދެން އެތަނުގައި ދިރިއުޅުމަށްފަހު ދިވެހި ފުލުހުން ނުވަތަ ދިވެހި ސަފައިންގެ ޚިދުމަތުންކުރެ ތަނެއްގައި ވަކި މުއްދަތެއް ވަންދެން އެކުދިން ޚިދުމަތް ކުރަންޖެހޭ ގޮތަށް ސަރުކާރުން ވަނީ ނިންމާފަ އެވެ.
ކުށުގެ ވެށިން ކުޑަކުދިން ސަލާމަތްކުރުމުގެ މަސައްކަތް ކުރަމުން އަންނައިރު، ސަރުކާރުން ވަނީ ކުޑަކުދިންގެ އަދުލުގެ ނިޒާމް ފުރިހަމަ ކުރުމަށްޓަކައި ޖިނާއީ ކުށުގެ ޒިންމާ ނަގަން ޖެހޭ އުމުރު ކަމަށް މިހާރު ކަނޑައަޅާފައިވާ 15 އަހަރުގެ ބަދަލުގައި 12 އަހަރަށް ދަށްކުރުމަށް ނިންމާފަ އެވެ.
ދާޚިލީ ވަޒީރު އަލީ އިހުސާން، މީގެ ކުރިން ވިދާޅުވެފައިވަނީ ގާނޫނު މިހާރު އޮތް ގޮތުން ވެސް އުމުރުން 15-18 އަހަރާ ދެމެދުގެ ކުދިން ޖިނާއީ މަސްއޫލިއްޔަތު އަދާކުރަން ޖެހޭ ކަމަށެވެ. ނަމަވެސް، ކުށުގެ ޒިންމާ އުފުލާ އުމުރު ދަށްކުރަނީ 12-15 އަހަރާ ދެމެދުގެ ކުދިން ކުށްތަކަށް ވައްދާ ވަރު އިތުރުވެފައިވާތީ ކަމަށާއި އެ ކުދިން ވެސް ކުށުގެ މާހައުލަށް ހޭނިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވެފައި ވެއެވެ.




