ވާރޭ ވެހި މާލޭގެ ބައެއް ސަރަހައްދުތަކުގައި ފެންބޮޑުވެ، ބައެއް ގެތަކަށް ފެންވަންނަމުންދާތީ އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ސިފައިން ހަރަކާތްތެރިވާން ފަށައިފި އެވެ.
އެމްއެންޑީއެފް އިން ބުނީ، ބޯކޮށް ވާރޭވެހުމާއި ގުޅިގެން ފެންބޮޑުވެފައިވާ އައިޖީއެމްއެޗް ސަރަހައްދާއި، ވެސްޓް ޕާކް، ޕިއްޒާބޯނާ، ބޮޑުވަޅު، ދިރާގު އަދި ދަރުބާރުގެ ސަރަހައްދުގައި ފެންހިންދުމުގެ މަސައްކަތް އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ސިފައިން ކުރަމުން އަންނަކަމަށެވެ.
މީގެއިތުރުން، މި ވިއްސާރައިގައި މާލޭގެ ބައެއް ސަރަހައްދުތަކުގައި ފެންބޮޑުވެ، ބައެއް ގެތަކަށް ފެން ވަންނަމުންދާތީ ވެލިބަސްތާ ޖެހުމުގައި އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑުން އެހީތެރިކަން ފޯރުކޮށްދެމުން އަންނަކަމަށްވެސް އެމްއެންޑީއެފްއިން ބުނެފައި ވެއެވެ.
މި ވަގުތު މޫސުމާބެހޭ ގައުމީ އިދާރާއިން އޮތީ މާލެ ސަރަހައްދަށް އޮރެންޖް އެލާޓް ނެރެފައެވެ. އިރުއޮއްސި 06:15އާ ހަމަޔަށް ނެރުނު މި އެލާޓްގައި ބުނެފައިވަނީ ގުގުރުމާއެކު ބޯކޮށް ވާރޭވެހި ފެންބޮޑުވާނެކަމަށް ލަފާކުރެވޭކަމަށެވެ.




