އަންނަ ސެޕްޓެމްބަރުމަހުގެ 26 ވަނަ ދުވަހު ބޭއްވުމަށް ނިންމާފައިވާ ސްރީލަންކާގެ ރިޔާސީ އިންތިޚާބު ސުލްހަވެރިކަމާއެކު ކުރިޔަށް ގެންދިއުމަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގެންފި އެވެ.
އެމަނިކުފާނު މިފަދައިން އެދިވަޑައިގެންފައިވަނީ، މިހާރު ރާއްޖެއަށް ވަޑައިގެންއުޅުއްވާ ސްރީލަންކާގެ ޤާނޫނުހަދާ މަޖިލީހުގެ ރައީސް މަހިންދަ ޔަޕާ އަބޭވަރްދަނާ ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް ކުރެއްވި ޢިހްތިރާމުގެ ޒިޔާރަތުގައި މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ބައްދަލުވުމެއްގަ އެވެ.
މި ބައްދަލުކުރެއްވުމުގައި، ސްރީލަންކާގެ ޤާނޫނުހަދާ މަޖިލީހުގެ ރައީސަށް މަރުހަބާ ވިދާޅުވެ، ރައީސުލްޖުމްހޫރިއްޔާ ވަނީ ދެ ޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ރަހުމަތްތެރި ގުޅުން ފާހަގަކުރައްވާފަ އެވެ. އަދި، ސްރީލަންކާގެ ރިޔާސީ އިންތިޚާބު ސުލްހަވެރިކަމާއެކު ކުރިޔަށްގެންދިއުމަށް އެދިވަޑައިގެންނެވި އެވެ. ރައީސް ފާހަަގަކުރެއްވި ގޮތުގައި، އެ އިންތިޚާބު ސުލްހަވެރިކަމާއެކު ބޭއްވިގެން ދިއުމަކީ ސްރީލަންކާގެ ތަރައްޤީއާ ފާގަތިކަމަށްވެސް ބާރުއެޅިގެންދާނެކަމެކެވެ.
ސްރީލަންކާގެ ޤާނޫނުހަދާ މަޖިލީހުގެ ރައީސް މަހިންދަ ޔަޕާ އަބޭވަރްދަނާ ރާއްޖެއަށް ކުރައްވާ މިދަތުރުފުޅަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. އިއްޔެ އެމަނިކުފާނުވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އަރިހަށް އިހުތިރާމްގެ ޒިޔާރަތެއް ކުރައްވައި، މަޖިލީހުގެ މެހެމާނުން ސޮއިކުރައްވާ ފޮތުގައި ސޮއިކުރައްވާފަ އެވެ. އަދި، މިއަދު އެމަނިކުފާނާއި، އަރިހުގައި ވަޑައިގެންނެވި ވަފްދުން ވަނީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ކުރިޔަށްދާގޮތް ބައްލަވާފަ އެވެ.
މީގެ އިތުރުން އިއްޔެ ގައުމީ ދާރުލް އާސާރަށް ޒިޔާރަތް ކުރައްވައި، ހުޅުލޭ އެއާ ޓެކްސީ ޓާމިނަލްއާއި ހުޅުމާލެ ބައްލަވާލެއްވި އެވެ.



