ބ. ކެންދޫ ފުޓްބޯޅަ ދަނޑުގެ ލައިޓިންގ ޖެހުމުގެ މަޝްރޫއު މިއަހަރުގެ 4 ވަނަ ކުއާޓަރުގައި އެވޯޑްކުރަން ޝެޑިއުލްކުރުމަށް ނިންމާފައިވާކަމަށް މިނިސްޓަރ އޮފް ސްޕޯޓްސް ފިޓްނަސް އެންޑް ރެކްރިއޭޝަން ޢަބްދުالله ރާފިއު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، ކުރީގެ ސަރުކާރުން ލައިޓް ޖަހަން ނިންމާ ފައިވާ ބ. ކެންދޫގެ ފުޓުބޯޅަ ދަނޑުގައި ލައިޓް ޖެހުމުގެ އިތުރުން، އެރަށުގައި ފުޓްސެލް ދަނޑެއް އަދި ހޭންޑްބޯލް ކޯޓެއް އެޅޭނެ ދުވަހެއް އޮޅުން ފިލުއްވައިދެއްވުމަށް އެދި ކެންދޫ ދާއިރާގެ މެންބަރު މަޢުރޫފް ޛާކިރު، މިއަދު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވަޒީރަށް ދެންނެވި ސުވާލަށް ދެއްވި ޖަވާބުގަ އެވެ.
ޖަވާބުގައި ވަޒީރު ވިދާޅުވީ، ބ. ކެންދޫ ފުޓްބޯޅަ ދަނޑުގެ ލައިޓިންގ ޖެހުމުގެ މަޝްރޫއު 2023 ވަނަ އަހަރު އިއުލާނުކުރެވިފައިވީ ނަމަވެސް، އެމަސައްކަތް މިދިޔަ އަހަރު އެވޯޑްކޮށްފައި ނުވާކަމަށެވެ. އަދި، މިހާރު ރޭވިފައި އޮތްގޮތުން އެމަސައްކަތް ކުރިޔަށްގެންދަން އެވޯޑްކުރަން ޝެޑިއުލްކޮށްފައި މިވަނީ މިއަހަރުގެ 4 ވަނަ ކުއާޓަރުގައި ކަމަށެވެ. މިނިސްޓަރު ވިދާޅުވީ މަޝްރޫއު އެވޯޑްނުކުރެވި އޮތް މައިގަނޑު ސަބަބަކީ ޕްރޮޖެކްޓްގެ އަގަކީ 2.6 މިލިއަން ރުފިޔާ ނަމަވެސް ބަޖެޓް ކުރެވިފައިވަނީ 534،689 ރުފިޔާ ކަމަށްވާތީ، މަސައްކަތް ފަށައިފިނަމަ، މަޝްރޫއު ފައިސާ ހަމަނުޖެހިގެން ހުއްޓާލަން ޖެހިދާނެތީ ކަމަށެވެ.
”އެހެންވީމައި މި މަސައްކަތް އަހަރުގެ ކުރީކޮޅުގައި ފެށިނަމަ މިހާރު މަސައްކަތް ހުއްޓިފައި ހުންނާނީ. ދެން އެހުއްޓިފައި ހުރި ކީއްވެގެންކަން އަޅުގަނޑުމެންނަށް ބަޖެޓް ކުރެވިފައި އޮތްގޮތުން އެބ އިނގޭ. އެހެންވީމައި، އަޅުގަނޑުމެން އުންމީދުކުރަނީ ލައިޓްގެ މަސައްކަތް ނުހުއްޓި ނިންމާލެވޭނެގޮތަކަށް ޝެޑިއުލްކޮށްގެން ގެންދަން. އެހެންވީމައި ހަތަރުވަނަ ކުއާޓާރުގައި މަސައްކަތް ފެށިއްޖޭޔާމު އަންނަ އަހަރު އެލިއޯންކޮށްގެން މި ބަޖެޓަށް ފައިސާ ހަމަޖެހިގެން މަޝްރޫއު ކުރިޔަށްދާނެތީވެ އެކަން އޮގޮތަށް ޝެޑިއުލްކުރެވިފައިވާ ވާހަކަ ދަންނަވަން.“ ވަޒީރު ވިދާޅުވި އެވެ.
ބ. ކެންދޫ ހޭންޑް ބޯލް ކޯޓްގެ މަސައްކަތް އަދާހަމަކޮށްދެއްވަމުން މިނިސްޓަރު ވިދާޅުވީ، އެމަޝްރޫއު ކުރިޔަށް ގެންދިއުމަށް ކައުންސިލާއި ހަވާލުކޮށް ކައުންސިލުން އިއުލާނުކޮށް ހުށަހަޅާފައިވާ އަގަށް 20 ޑިސެންބަރު 2022 ވަނަ އަހަރުގައި ހުއްދަދީ، އެމަސައްކަތުގެ އަގަށްވާ %50 ފައިސާ 28 ޑިސެންބަރު 2023 ގައި ކައުންސިލަށް ދޫކުކޮށްފައިވާކަމަށެވެ. އެހެންނަމަވެސް އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށިފައި ނުވަނީ ހޭންޑް ބޯލް ކޯޓް އަޅަން ގަސްދުކޮށްފައިވާ ބިން ކައުންސިލުން ކޮންޓްރެކްޓަރާއި ހަވާލު ނުކުރެވޭތީ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި ބިން ހަވާޅުކުރުން ލަސްވަނީ އެ ބިމަކީ ޖަމްއިއްޔާއަކަށް ދޫކޮށްފައިވާ ބިމަކަށް ވާތީ، ބިން ހަވާލުކުރުމުގައި މަރުހަލާތައް ކުރިޔަށްދާތީކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.
މީގެ އިތުރުން އެބިމުގެ ސައިޒު ސެޓޭންޑެޑް ހޭންޑްބޯލް ސައިޒަށް ނުފެތޭތީވެ، އެބިމަށް ފިޓްވާނެގޮތަކަށް ކޯޓް އެޅުމަށް ގޮތެއް ނިންމުމަށް ފަހު ސައިޓް ހަވާލުކުރުުމަށް ހަމަޖެހިފައިވާކަމަށް ކައުންސިލުން މައުލޫމާތު ލިބިފައިވީނަމަވެސް ކައުންސިލުން ރަސްމީކޮށް ލިޔުމުން އެކަން އަންގާފައި ނުވާކަމަށް ވަޒީރު ވިދާޅުވި އެވެ. އަދި އެ ލިޔުން ލިބުމުން އެކަން މިނިސްޓްރީން އެކަން ކުރިޔަށްގެންދާނެ ކަމަށް ވަޒީރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ، ބ. ކެންދޫ ފުޓްސެލް ދަނޑު ތަރައްގީކުރުމުގެ މަޝްރޫއު 2024 ވަނަ އަހަރުގެ ބަޖެޓުގައި ހިމެނިފައި ނުވާތީ، މިއަހަރު ކުރިޔަށް އެ މަޝްރޫއު ކުރިޔަށް ގެންދެވެން ނެތް ކަމަށެވެ.



