މަގާމުގެ މަސްއޫލިއްޔަތުތައް އަދާނުކުރެވޭ ކަމަށް ބުނެ ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) ހުސެއިން ޝަމީމު މަގާމުން ވަކިކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ލަފާ އެރުވުމަށް ހުށަހެޅި މައްސަލަ އިތުރަށް ދިރާސާކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ފޮނުވައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް މި މައްސަލަ އެންމެ ފުރަތަމަ ހުށަހެޅީވެސް ޖުޑީޝަރީ ކޮމިޓީއަށެވެ. އިއްޔެ އެ މައްސަލަ ހުށަހެޅުއްވީ ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު (ޝާޑު) އެވެ. އެއަށް ތާއިދުކުރެއްވީ ކެންދޫ ދާއިރާގެ އެމްޑީޕީ މެމްބަރު މައުރޫފް ޒާކިރު (މަޓޭ) އެވެ. އެ ކޮމިޓީގެ އިއްޔެގެ ބައްދަލުވުމުގައި ވަނީ ޝަމީމަށް އިތުބާރު ނެތްކަމުގެ މައްސަލަ ފަށަން ކޮމިޓީގެ މެންބަރުންގެ އިއްތިފާގުން ފާސްކޮށްފަ އެވެ. އެހެންވެ ކޮމިޓީން ވަނީ އެ މައްސަލަ މަޖިލީހުގެ ރިޔާސަތަށް އިއްޔެ ފޮނުވާފަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ ޖުޑީޝަރީ ކޮމިޓީން ފޮނުއްވި ސިޓީ މިއަދު ޖަލްސާއަށް އިއްވުމަށްފަހު އެ މައްސަލަ ދިރާސާކޮށް ގޮތެއް ނިންމަން ޖުޑީޝަރީ ކޮމިޓީއަށް ފޮނުއްވާފަ އެވެ.
ޝަމީމަށް، ގާނޫނުން މަތިކޮށްފައިވާ މަސްއޫލިއްޔަތުތައް އަދާ ނުކުރޭވޭ ކަމަށް ބުނެ، ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި މައްސަލައިގައި ކުރީ ސަރުކާރުން ހިންގި ވެންޓިލޭޓަރު މުއާމަލާތުގެ މައްސަލައިގައި ދައުވާ ނުކުރަން ނިންމުމާއި، ސަފާރީ ރޭޕް ކޭސް މައްސަލައިގައި ދަށު ކޯޓުން ނިންމި ނިންމުން އިސްތިއުނާފު ނުކުރަން ނިންމުމާއި، ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދަށް ކުރެވުނު ރޭޕްގެ ތުހުމަތުގެ މައްސަލައާއި ކުރީގެ ޔޫތު މިނިސްޓަރު އަހްމަދު މަޚްލޫގްގެ މައްސަލަ ފައިލް ނުކުރަން ނިންމުން ހިމެނެއެވެ. އަދި، އެއްޖިންސުން ގުޅުން ހިންގުމުގެ ބައެއް ދައުވާތައް އަނބުރާ ގެންދިއުމާއި، ޕީޖީ އޮފީހުގެ މުވައްޒަފުންގެ މެދުގައިވެސް ތަފާތުކުރުން ގެންގުޅުއްވާކަމަށްވެސް ތުހުމަތު ކުރައްވާފައި ވެއެވެ.




