ހުޅުމާލޭގައި ސަރުކާރުން ތަރައްގީކުރަމުން އަންނަ ފުޓްސެލް އިންޑޯ ކޮމްޕެލެކްސް ގާއިމުކޮށް ނިމުމާއެކު މާލެ ސަރަހައްދުގައި ހުރި ކުޅިވަރު ކުޅޭ ތަންތަނަށް އަންނަ ”ލޯޑް“ ވަަރަށް ބޮޑަށް ކުޑަވެެގެންދާނެކަމަށް މިނިސްޓަރ އޮފް ސްޕޯޓްސް ފިޓްނަސް އެންޑް ރެކްރިއޭޝަން ޢަބްދުالله ރާފިއު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ވަޒީރާ ސުވާލުކުރުމުގެ ފުރުސަތުގައި ގަލޮޅު އުތުރު ދާއިރާ މެންބަރު މުހައްމަދު އިބްރާހިމް(ކުޑޫ) ގަލޮޅުގައި ކުޅިވަރު ކުޅެލާނެ ތަނެއް ނެތްކަން ބަޔާންކުރައްވައި، އެފަދަ ތަނެއް ގަލޮޅުގައި ހެދޭނީ ކޮންއިރަކުންތޯ ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.
ޖަވާބުގައި މިނިސްޓަރު ވިދާޅުވީ ދިވެހި ސަރުކާރުން ކުޅިވަރަށް ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް ދެއްވާކަމަށާއި، ކުޅިވަރު ކުޅުމަށް ދިމާވެފައިވާ ދަތިތަކަށް ލުޔެއް ގެނެސްދޭން މަސައްކަތްކުރަމުން އަންނަކަމަށެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ހަފުތާ-14 މަގުޗާޓުގައި ހިމަނުއްވައިގެން ހުޅުމާލޭގައި ފުޓްސެލް އިންޑޯ ކޮމްޕްލެކްސްއެއް ގާއިމުކުރުމުގެ މަސައްސަކަތް ކުރަމުން އަންނަކަމަށާއި، އޭގެ ސަބަބުން މިހާރު މިއޮތް މައްސަލައަށް ހައްލެއް ލިބިގެންދާނެކަމަށް ވިދާޅުވި އެވެ.
”ހުޅުމާލެ ސަރަހައްދުގައި 5 ދަނޑުގެ ކޮމްޕެލެކްސް އެއްގެ މަސައްކަތް އަޅުގަނޑުމެން ކުރިޔަށް އެބަގެންދަން. އިރާދަކުރެއްވިއްޔާ އެ މަޝްރޫއު ބާރު ސްޕީޑްގައި ކުރިޔަށްދާނެ. އެހެންކަމުން އެ މަޝްރޫއުގެ ސަބަބުން މާލޭ ތޮތް ޖެހުން، ކުޅިވަރު ކުޅޭނެ ތަންތަނަށް އަންނަ ”ލޯޑް“ ވަަރަށް ބޮޑަށް ކުޑަވެެގެންދާނެ. ހަމަ އެއާއެކު މާލޭގެ ދަނޑުތައްވެސް އިތުރަށް ކުޅޭނެ ކުދިންނަށް ފުރުސަތު ލިބިގެންދާނެ.“ މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ، ކުރީސަރުކާރުން ތައިސޭ ކޮށީގައި އަޅަން ނިންމި 2 ފުޓްސެލް ދަނޑުގެ މަޝްރޫއުގެ ތެރެއިން، 1 ދަނޑު މިނިސްޓްރީގެ އެހީގައި މާލެ ސިޓީ ކައުންސިލުން ނިންމާފައިވާކަމަށެވެ.
”ސިޓީ ކައުންސިލުން މިހާރު ވަނީ އެއް ބިމުގައި ދަނޑެއް ހަދާފައި. ދަނޑަށް ބޭނުންވާ ރަބަރާއި އެހެންތަކެތި ސްޕޯޓްސް މިނިސްޓްރީން ދީގެން ދަނޑު ވަނީ ކުރިޔަށް ގެންގޮސްފައި.“ މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީސިޓީ ކައުންސިލާއި ވާހަކަ ދައްކައިގެން، 2 ވަނަ ދަނޑު އަޅަންބިން ލިބިއްޖެނަމަ މަޝްރޫއު ކުރިޔަށްގެންދަވާނެކަމަށެވެ.



