އިޒްރޭލުގެ ވަޒީރުންތަކަކާއި ގާނޫނުގެ ހަދާ މަޖިލީހުގެ މެންބަރުންތަކެއް މަތްވެގެންވާ އަގްސާ މިސްކިތައް ވަދެގަނެ، އެ ތަނުގެ ހުރުމަތް ކަނޑާލާފައިވާތީ، އެކަން ދިވެހި ސަރުކާރުން ވަރަށް ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި އެވެ.
ދިވެހި ޚާރިޖިއްޔާއިން މިއަދު މިކަމާއި ގުޅޭގޮތުން އާންމުކޮށްފައިވާ ބަޔާނެއްގައި ބުނެފައިވަނީ، އިސްރާއީލުގެ ދެ ވަޒީރުންނާއި، ގާނޫނު ހަދާ މަޖިލިސްގެ މެންބަރުން ހިމެނޭގޮތަށް އިޒްރޭލުގެ އިސް އޮފިޝަލުންތަކެއް އަލް އަގްސާ މިސްކިތައް ވަދެ ހިންގި އަމަލު ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކުރާކަމަށެވެ. އަދި މުސްލިމް އުންމަތުގެ މާތް މުގައްދަސް ތަންތަނުގައި ތެރޭގައި ހިމެނޭ އަގްސާ މިސްކިތައް ވަދެ އެބައި މީހުން އެ ހިންގި އަމަލަކީ، އެތަނުގެ ހުރުމަތް ކަނޑާލަން ހިންގި ”ސީރިއަސް“ އަމަލެއްގެ ކަމަށް ބުނެފައި ވެއެވެ.
އެ ބަޔާނުގައި، އިޒްރޭލުން އަލް އަގްސާ މިސްކިތަށް އަމާޒުކޮށް އަދި އެތަނަށް ވަދެގަނެ ތަކުރާރުކޮށް ހިންގާ އެކި އަމަލުތަކުގެ ސަބަބުން އެ ސަރަހައްދުގައި ސުލްހައާއި ހަަމަޖެހުން ގާއިމުކުރުމަށް އޮތް އުންމީދު ފަނޑުވެ، އެކަމަށް ކުރަމުންދާ މަސައްކަތަށް ނުރައްކާވެފައިވާތީ، އެކަމާމެދު ދިވެހި ސަރުކާރުން ވަރަށް ކަންބޮޑުވާކަމަށް ބުނެފައި ވެއެވެ.
ބަޔާން ނިންމާލާފައިވަނީ ދިވެހި ސަރުކާރާއި ރައްޔިތުން އަބަދުވެސް ފަލަޞްޠީނުގެ އަޚުވަތްތެރި ރައްޔިތުންނާއި އެކު ތިބިކަން ބަޔާންކޮށް، ބައިނަލްއަޤްވާމީ މުޖުތަމައާއި ގުޅިގެން ފަލަޞްޠީން މައްސަލައަށް ސުލްޙަވެރި އަދި ދެމިއޮންނަ ހައްލެއް ހޯދުމަށް ތަކުރާރުކޮށް ގޮވާލަމުންނެވެ.
އިރުމަތީ ގުދުސްގައި ހުންނަ އަލް-އަގްސާ މިސްކިތަށް އަންގާރަ ދުވަހު ހެނދުނު ވަދެގަތް ޔަހޫދީ ގުރޫޕްގެ އިސް މީހަކަށް ހުރީ އިޒްރޭލްގެ ނެޝަނަލް ސެކިއުރިޓީ މިނިސްޓަރ ބެން-ގަވިއަރ އެވެ. އެމީހުންވަނީ، އަލްއަގްސާ މިސްކިތުގެ ގޯތި ތެރެއަށް ވަދެ ޔަހޫދީ ދީނުގެ ލަވަ ކިޔައި، ޔަހޫދީ ދީނުގެ އަޅުކަންވެސް ކޮށްފަ އެވެ.
އަލް-އަގްސާ އަކީ މުސްލިމުންގެ ތިންވަނަ އަށް އެންމެ މުގައްދަސް މިސްކިތެވެ.




