ގޭންގު ކުށްތައް ކުރާ ފަރާތްތަކަށް މާލީ ނުވަތަ މާއްދީ އެހީތެރިކަން ފޯރުކޮށްދިނުމަކީ ކުށެއް ކަމުގައި ކަނޑައެޅުމަށް، ”ގޭންގު ކުށްތައް ހުއްޓުވުމުގެ ޤާނޫނު“އަށް ގެންނަ ބަދަލުތަކުގައި ހިމަނައިފި އެވެ.
ހޯމްލޭންޑް މިނިސްޓްރީން ބުނީ، މަސްތުވާތަކެތީގެ މައްސަލަ އާއި ގޭންގް ކުށްތައް ހުއްޓުވުމަށްޓަކައި ޤާނޫނަށް ގެންނަން ޖެހޭ ބަދަލުތަކުގެ މަސައްކަތް ނިންމާ އެޓާނީ ޖެނެރަލް އޮފީހަށް ފޮނުވާފައިވާކަމަށެވެ. މި ބަދަލުތައް ގެނެސްފައިވަނީ، ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބޭހޭ ވުޒާރާއާއި ކަމާގުޅޭ އިދާރާތަކާ ގުޅިގެންނެވެ.
”ގޭންގު ކުށްތައް ހުއްޓުވުމުގެ ޤާނޫނު“ގެ މަގުސަދަކީ ގޭންގެއް ކަމަށް ކަނޑައަޅާނެ މިންގަނޑުތައް ބަޔާންކުރުމާއި ގޭންގު ހަދައިގެން ހިންގާ ޖިނާއީ ބޮޑެތި ކުށްތައް ހުއްޓުވުމާއި އެފަދަ ކުށް ކޮށްގެން ހޯދާ މުދަލާއި ފައިސާ ދައުލަތަށް ނެގޭނެ ގޮތް ބަޔާންކުރުމާއި ގޭންގު ކުށްތައް ކުރާ ފަރާތްތަކަށް މާލީ ނުވަތަ މާއްދީ އެހީތެރިކަން ފޯރުކޮށްދިނުމަކީ ކުށެއް ކަމުގައި ކަނޑައެޅުން އަދި އެ ކުށުގެ އަދަބު ކަނޑައެޅުން ހިމެނެއެވެ.
މީގެ އިތުރުން ގޭންގު ހަދައިގެން ކުށްކުރާ ގޭންގުތައް ދަނެގަނެ އެފަރާތްތައް ހިމެނޭ ލިސްޓެއް އެކުލަވާލުމާއި ގޭންގު ކުށުގެ ތުހުމަތުގައިވާ ފަރާތުގެ ކުށުގެ ތަޙްޤީޤު ކުރިއަށް ގެންދިއުމަށް މަގުފަހިކުރުމާއި، އެފަދަ ތަޙްޤީޤުތައް ހަރުދަނާ ގޮތެއްގައި އަދި އެކަށީގެންވާ އަވަސް މިނެއްގައި ކުރިއަށް ގެންދިޔުމަށް ފުލުހުންނަށް ޚާއްސަ ބާރުތަކެއް ދިނުންވެސް މި ޤާނޫނުގެ މަގްސަދުތަކުގެ ތެރޭގައި ހިމެނެއެވެ.
މި ސަރުކާރުގެ ސިޔާސަތަކީ ގޭންގް ކުށްތަކާއި އަދި މަސްތުވާތަކެއްޗަށް ”ޒީރޯ ޓޮލަރެންސް“ އެވެ. މި ފަސް އަހަރުގެ ތެރޭގައި މަސްތުވާތަކެތީގެ މައްސަލައަށް ހައްލު ގެނައުމަކީ ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ ވަޢުދުފުޅެކެވެ.
ރާއްޖޭގައި ތަފާތުއެކި ބާވަތުގެ ކުށްތައް ކުރުން އިތުރުވެފައިވާ އިރު، އާންމުންގެ އެންމެ ބޮޑު ބިރަކީ ގޭންގްތަކުގެ ނުރައްކާ ބޮޑުވަމުން ދިއުމެވެ. ހާއްސަކޮށް އާބާދީ ބޮޑެތި ސަރަހައްދުތަކުގައި އެކަން ބޮޑުކަން ހޯމްލޭންޑް މިނިސްޓްރީން ފާހަގަކޮށްފައި ވެއެވެ.


