ފެނަކައިން ޚިދުމަތްދޭ ރަށްރަށުގެ އިޖުތިމާއީ ދިއްލުންތަކަށް ބޭނުންކުރާ ބައްތިތައް ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ(ޔޫއާރްއޭ) އިން ކަނޑައަޅާފައިވާ ރައްކާތެރިކަމުގެ މިންގަނޑާއި އެއްގޮަތަށް އިސްލާހުކުރުމަށް ދިން މުއްދަތު ފެނަކަ ކޯޕަރޭޝަނުން އިތުރުކޮށްފި އެވެ.
މިކަމާއި ގުޅޭގޮތުން ފެނަކައިން އާންމުކޮށްފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ، ޔޫއާރްއޭ މިންގަނޑަށް މަގުބައްތިތައް ފައްތަން ކައުންސިލްތަކަށް ދިން މުއްދަތު ތިން ފަހަަރެއްގެ މަތިން މީގެ ކުރިން އިތުރުކޮށްދީފައިވާ ކަމަށެވެ. އެހެންނަމަވެސް ކައުންސިލްތަކަށް އެކަން ކުރުމުގައި ދަތިތަކެއް ހުރުމާއެކު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ލަފާގެ މަތިން އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ 25 ވަނަ ދުވަހާއި ހަމަޔަށް އަނެއްކާވެސް މުއްދަތު އިތުރުކޮށްފައި ވާކަމަށް ފެނަކައިން ބުނެފައި ވެއެވެ.
ފެނަކައިން ކަރަންޓްގެ ޚިދުމަތްދޭ ރަށްތަކުގެ މަގު ބައްތި ތަކުގެ ސަލާމަތީ ކަންތައްތައް ޔޫއާރުއޭ ގެ މިންގަނޑަށް ފެތޭތޯ ބެލުމުގެ ގޮތުން ހުރިހާ ރަށެއްގައި ހުރި މަގުބައްތިތައް ފެނަކައިން އިންސްޕެކްޓް ކޮށްފައި ވެއެވެ. މި އިންސްޕެކްޝަނުގައި ގިނަ ރަށްތަކުގައި ހަރުކުރެވިފައި ހުރި މަގުބައްތިތަކަށް ކަރަންޓް ދެވިފައި ހުރީ އީއެލްސީބީ މެދުވެރި ނުކޮށްކަން ފާހަގަ ކުރެވިފައިވެއެވެ. އެހެންކަމުން މިގޮތަށް ކަރަންޓް ދޫކުރެވިފައި ހުރުމުގެ ސަބަބުން ނުރައްކާތެރި ހާދިސާއެއް ހިނގުމަކީ އެކަށީގެންވާ ކަމަކަށް ވާތީ ނުރައްކާތެރި ހާދިސާއެއް މެދުވެރިވިޔަ ނުދިނުމަށްޓަކައި އަޅާ ފިޔަވަޅެއްގެ ގޮތުން، ފެނަކައިން ކަރަންޓްގެ ޚިދުމަތް ދެވޭ މަގުބައްތިތަކަށް، ކަރަންޓް ދޫކުރެވޭނީ ފެނަކައިން ދޭ ނަމޫނާ ކުރެހުމާއި އެއްގޮތަށް ސަލާމަތީ މިންގަނޑު ތަކަށް ފެތޭގޮތަށް ހަދާފައި ހުންނަ ސަބް ޑީބީ ހަރުކުރެވިފައިވާ ނަމަ ކަމަށް ފެނެކައިން ޙިދުމަތްދޭ ރަށްތަކުގެ ކައުންސިލްތަކަށް ފެނަކައިން އެންމެ ފުރަތަމަ އެންގީ 9 ޖޫން 2024 ގައެވެ.
ފެނަކައަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 157 އިންޖީނުގެ ގާއިމުކޮށް، ކަރަންޓުގެ ޚިދުމަތް ދެމުން އަންނަ ކުންފުންޏެކެވެ. އިންޖީނުގެތައް ގާއިމުކޮށްފައިވާ ރަށްރަށުގެ މަގުތަކާއި ބަނދަރުތަކުގައި މަގު ބައްތި ދިއްލާ އެއަށް ކަރަންޓު ދިނުމުގެ ޒިންމާ މަތިކޮށްފައި އޮންނަނީ ފެނަކައަށެވެ.




