އިންޑިއާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި އިންޑިއާގެ ރައީސް ޑރ. މުހައްމަދު މުއިއްޒު އިންޑިއާގެ ރައީސް ދްރޫޕަދީ މުރުމު އާއި ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ތަހުނިޔާ ވިދާޅުވެ ހެޔޮއެދުންތައް ފޮނުއްވައިފި އެވެ.
ރައީސުލްޖުމްހޫރިއްޔާ، އިންޑިއާގެ ރައީސާއި ބޮޑުވަޒީރަށް ވަކިވަކިން ފޮނުއްވި މެސެޖުގައި އެޤައުމުގެ މިނިވަންދުވަހުގެ ތަހުނިޔާ އެ މަނިކުފާނުގެ ފަރާތްޕުޅުންނާއި، އަދި ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި އިޚުލާސްތެރިކަމާއެކު އެޤައުމުގެ ރައީސަށާއި ބޮޑުވަޒީރާއި ސަރުކާރާއި ރައްޔިތުންނަށް ފޮނުއްވާފައި ވެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ރާއްޖެއާއި އިންޑިއާއާ ދެމެދުގައި އޮތް އަޚްވަންތަ ތާރީޚީ ގުޅުން ފާހަގަކުރައްވައި، ރާއްޖޭގެ ތަރައްޤީގެ އަގުހުރި ބައިވެރިއެއްގެ ގޮތުގައި އިންޑިއާ ދެމިއޮތްކަަމަށް ބަޔާންކުރައްވާފައި ވެއެވެ. އަދި މި ގުޅުމަކީ އިޙްތިރާމާއި އިތުބާރުގެ މައްޗަށް ބިނާވެފައިވާ ޒަމާންވީ ގުޅުމެއްކަަމަށާއި، އަދި، އެގުޅުން ބަދަހިވެ އުފެދިގެންދިޔަ ރަހުމަތްތެރިކަމަކީ ރާއްޖޭގެ ތަރައްޤީއާއި ފާގަތިކަމަށް އިތުރު ފަހިކަމެއް ގެނެސްދިންކަމެއްކަން ވެސް އެމަނިކުފާނުގެ މެސެޖުގައި ފާހަގަކުރައްވާފައި ވެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، ދެގައުމުގެ ތާރީޚީ ގުުޅުން ބަދަހި ކުރުމަށް ދިވެހި ސަރުކާރުން ފުރިހަމަ އެއްބާރުލުންދޭނެކަމުގެ ޔަގީންކަންވެސް ދެއްވާފައި ވެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖު ނިންމަވާލައްވާފައި ވަނީ އިންޑިއާގެ ރައީސަށާއި ބޮޑުވަޒީރަށް ފުރިހަމަ ޞިއްޙަތާއި ދުޅަހެޔޮކަމަށް އެދިވަޑައިގެން، އަދި އިންޑިއާއާއި އެޤައުމުގެ ރައްޔިތުންނަށް ކުރިއެރުމާއި ފާގަތިކަމަށް އެދިވަޑައިގަންނަވަމުންނެވެ.
އިންޑިއާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މީސްމީޑިއާގައިވެސް މެސެޖެއް ހިއްސާ ކުރައްވާފަ އެވެ. އެ މެސެޖުގައި، ތާރީޚުގައި ބިންވަޅު ނެގިފައިވާ ދެގައުމުގެ ދެމިއޮތް އަޚުވަތްތެރިކަމުގެ ސަބަބުން، ރާއްޖެއާއި މި ސަރަޙައްދަށް ތަރައްޤީއާއި ކުރިއެރުން ލިބިފައިވާކަމަށް ވިދާޅުވެފައި ވެއެވެ. އަދި މުސްތަޤްބަލަށް ބަލާއިރު، ދެގައުމުގެ ޕާޓްނަރޝިޕް ކުރިއަށް އޮތްތަނުގައިވެސް ހަރުދަނާވެގެންދާނެކަމުގެ ޔަގީންކަން އެބައޮތްކަމަށް ވިދާޅުވެފައި ވެއެވެ.



